އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި
9 އޯގަސްޓު 2026 | އާދީއްތަ 15:42އީރާނުގެ އެންމެ މަތީ ވެރިޔާ މުޖުތަބާ ޚާމަނާއީގެ ސިއްހީ ހާލަތު ގޯސްވެފައިވާ ކަމަށް ބުނެ އިސްރާއީލުގެ މީޑިއާތަކުން ފަތުރަމުންދާ ރިޕޯޓުތަކާ ގުޅިގެން، އޭނާގެ ހާލު ރަނގަޅުކަން ހާމަކުރުމަށް އީރާނުން ވީޑިއޯއެއް އާންމުކޮށްފި. ނަމަވެސް، ހަމަލާތަކެއްގައި އޭނާއަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށް ބުނެ ބޭރުގެ ޖާސޫސީ އިދާރާތަކުންނާއި މަސްދަރުތަކުން ދަނީ އޭނާގެ ސިއްހީ ހާލަތާ މެދު ސުވާލު އުފައްދަމުން
މެހްރު ނިއުސް އޭޖެންސީން އާންމު ކުރި ޚާމަނާއީގެ ވީޑިއޯގެ ސްކްރީން އިމޭޖެއް | ސްކްރީން އިމޭޖް
އީރާނުގެ އެންމެ މަތީ ވެރިޔާ މުޖުތަބާ ޚާމަނާއީގެ ވީޑިއޯއެއް އެ ގައުމުން އާންމުކޮށްފި އެވެ. ހަނގުރާމަ ފެށުނު ފަހުން އާންމުންގެ ބަޔަކާ އެކުގައި އެމަނިކުފާނު ހުންނަވަނިކޮށް ފެނުނު ފުރަތަމަ ފަހަރު ކަމަށްވާ މި ވީޑިއޯއިން ފެންނަނީ، ބިންމަތީގައި އިށީނދެގެން ތިބި ބަޔަކާ ޚާމަނާއީ ވާހަކަދައްކަވާ މަންޒަރެވެ. މި ވީޑިއޯ އާންމުކޮށްފައި މިވަނީ އޭނާގެ ސިއްހީ ހާލަތާ ގުޅޭގޮތުން ތަފާތު އެކި ރިޕޯޓުތައް ފެތުރެމުންދާ ދަނޑިވަޅެއްގަ އެވެ.
މި ވީޑިއޯ އާންމުކޮށްފައިވަނީ އީރާނުގެ ސަރުކާރު ހިއްސާވާ މެހެރު ނިއުސް އެޖެންސީންނެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި ޚާމަނާއީގެ ސިއްހީ ހާލަތު ރަނގަޅެވެ. އަދި އޭނާ އާންމުންނާ މުއާމަލާތް ކުރައްވާ މަންޒަރުވެސް އެ ވީޑިއޯއިން ފެނެ އެވެ.
އިސްރާއީލުގެ މީޑިއާތަކުން ދާދި ފަހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޚާމަނާއީގެ ހާލު ވަރަށް ސީރިއަސްވެގެން އޭނާއަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. އީރާނުން މި ވީޑިއޯ އާންމުކުރީ އެ ރިޕޯޓުތަކާ ގުޅިގެންނެވެ.
އެހެންނަމަވެސް، އެ ވީޑިއޯއަކީ ކޮން އިރަކު ނަގާފައިވާ ވީޑިއޯއެއްކަން ހާމަކޮށްފައެއް ނުވެ އެވެ. އީރާނުގެ މީޑިއާތަކުން މި ވީޑިއޯ އާންމުކުރުމަކީ ޚާމަނާއީގެ ސިއްހީ ހާލަތާ މެދު އުފެދިފައިވާ ސުވާލުތަކަށް ދިން ރައްދެއްގެ ގޮތުގައި ބެލެވެ އެވެ.
މިދިޔަ ހުކުރު ދުވަހުގެ ކުރީކޮޅު އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޚާމަނާއީގެ ހާލުކޮޅު ހުރީ "އިންތިހާއަށް ނާޒުކު" ފައްތަރެއްގަ އެވެ.
އީރާނުގެ އެތެރޭގެ މަސްދަރުތަކާ ހަވާލާދީ "ޗެނަލް 14" އިންނާއި، އީރާންވަޔަރ އަދި ރައީސް މަސްއޫދު ޕެޒެޝްކިއާންގެ ސަރުކާރާ ގާތް ގުޅުމެއް އޮންނަ ފަރާތްތަކާ ހަވާލާދީ "ދަ ޖެރޫސަލަމް ޕޯސްޓް" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޚާމަނާއީގެ ސިއްހީ ހާލަތާ މެދު އީރާނުގެ ލީޑަޝިޕްގެ ތެރޭގައި ވަނީ ކަންބޮޑުވުން އުފެދިފަ އެވެ.
"ދަ ޖެރޫސަލަމް ޕޯސްޓް" އަށް މައުލޫމާތު ދިން އެއް މަސްދަރަކުން ބުނެފައިވަނީ، "އޭނާ އަވަސް މުސްތަގުބަލެއްގައި އަވަހާރަވި ޚަބަރު އިވުނަސް ހައިރާން ނުވާނެ" ކަމަށެވެ.
މުޖުތަބާ ޚާމަނާއީ އީރާނުގެ އެންމެ މަތީ ވެރިޔާގެ މަގާމާ ހަވާލުވެވަޑައިގަތީ، ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާ އާއި އިސްރާއީލު ގުޅިގެން ދިން އަސްކަރީ ހަމަލާތަކެއްގައި އޭނާގެ ބައްޕާފުޅު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަވުމާ ގުޅިގެންނެވެ.
މަގާމާ ހަވާލުވެވަޑައިގަތް ފަހުން އޭނާ އާންމުންގެ ތެރެއަށް ނުކުމެވަޑައިގެންފައެއް ނުވެ އެވެ. އަދި މިހާތަނަށް މުއާމަލާތް ކުރައްވަމުން ގެންދަވަނީ ހަމައެކަނި ލިޔުމުން ނެރުއްވާ ބަޔާންތަކެއް މެދުވެރިކޮށެވެ.
ބައެއް ރިޕޯޓުތައް ބުނާ ގޮތުގައި، އޭނާގެ ބައްޕާފުޅު ދިރިއުޅުއްވި އިމާރާތަށް އަމާޒުކޮށް ދިން ފުރަތަމަ ހަމަލާތަކުގައި މުޖުތަބާ ޚާމަނާއީއަށް އަނިޔާވެ، ސިފަ ބަދަލުވާ ފަދަ ޒަޚަމްތަކެއް ލިބުމާ ގުޅިގެން އޭނާ އުޅުއްވީ ފިއްލަވައިގެންނެވެ.
އަދި އޭނާއަށް އަމާޒުކޮށް ހަމަލާއެއް ދީފާނެތީ، ސަރުކާރުގެ އިސްވެރިންނާ މުއާމަލާތް ކުރައްވަނީ މެދުވެރިންގެ ލަސް ނެޓްވޯކެއް މެދުވެރިކޮށް ކަމަށްވެސް ރިޕޯޓުތައް ބުނެ އެވެ.
ޚާމަނާއީގެ ހާލަތާ މެދު އުފެދިފައިވާ ޝައްކުތަކަށް އިތުރު ބާރެއް ލިބުނީ، އީރާނުގެ ދައުލަތުގެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި، ޚާމަނާއީއާ ސީދާ ގޮތުން މުއާމަލާތް ކުރުމަކީ މިވަގުތު "ވަރަށް އުނދަގޫ" ކަމެއް ކަމަށް ރައީސް މަސްއޫދު ޕެޒެޝްކިއާން އެއްބަސްވެވަޑައިގަތުމުންނެވެ.
ބައިނަލްއަގުވާމީ އަދި ސަރަހައްދީ މީޑިއާތަކުން ދަނީ އޭނާ ހުންނެވި ތަނަކާއި، ގައުމު ހިންގުމުގެ ގާބިލުކަން ހުރިތޯ ތަކުރާރުކޮށް ސުވާލު އުފައްދަމުންނެވެ. މިދިޔަ ޖުލައި މަހު ސައުދީ އަރަބިއްޔާގެ "އަލް ހަދަޘް" ނިއުސް އިން އިސްރާއީލުގެ ސަލާމަތީ މަސްދަރަކާ ހަވާލާދީ ބުނެފައިވަނީ، ޚާމަނާއީ ހުންނެވީ އީރާނަކު ނޫން ކަމަށެވެ.
ހަމަ އެ ދުވަސްވަރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް "ފޮކްސް ނިއުސް" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އީރާނުގެ އަސްކަރީ އިސް ލީޑަޝިޕް ނައްތާލާފައިވާ ކަމަށާއި، އަސްކަރީ ކެމްޕޭނަށް ފަހު ޚާމަނާއީގެ "90 އިންސައްތަ ވަނީ ނެތިގޮސްފައި" ކަމަށާއި އޭނާ ހުންނެވީ ނުކުޅެދޭ ހާލަތެއްގައި ކަމަށެވެ.
އީރާނުގެ ސަރުކާރުގެ އިސްވެރިން މީގެ ކުރިން ވަނީ ޚާމަނާއީއަށް ލިބުނު އަނިޔާތަކުގެ ސީރިއަސްކަން އެއީ ކުޑަކަމެއްގެ ގޮތުގައި ދައްކަން މަސައްކަތް ކޮށްފަ އެވެ.
އީރާނުގެ ހެލްތު މިނިސްޓްރީގެ މަންދޫބުން ބުނެފައިވަނީ އޭނާއަށް ލިބުނީ ކުދިކުދި އަނިޔާތަކެއް ކަމަށެވެ. އަދި ސަރުކާރުގެ އިސް އޮފިޝަލުން ވިދާޅުވަމުން ގެންދަވަނީ، ގައުމުގެ އިސްތިރާތީޖީ ކަންކަމާއި އޮޕަރޭޝަނަލް އިރުޝާދުތައް ދެއްވުމުގައި އޭނާ ދެމިހުންނެވި ކަމަށެވެ.
ހުޅަނގުގެ އަދި އިދިކޮޅު ޖާސޫސީ އިދާރާތަކުން ތަކުރާރުކޮށް ބުނަމުންދަނީ އޭނާއަށް ސީރިއަސް އަދި ސިފަ ބަދަލުވާ ފަދަ އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ. ނަމަވެސް އީރާނުގެ އޮފިޝަލުން ދަނީ އެކަމާ އިންކާރުކޮށް ރައްދުދެމުންނެވެ.










