ރައީސް މުއިއްޒު ސިޔާސީ ގޮތުން މާޔޫސްވެ ބަލިކަށިވެއްޖެ: ޑީޑީ
17 އޯގަސްޓު 2026 | ހޯމަ 08:01ރައީސް މުއިއްޒު އިގްތިސާދަށް ބެއްލެވުމެއްނެތި ސިޔާސީ ބޭނުމަށް މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވެ، އެމްޑީޕީގެ ކުރީގެ ރައީސް ޑރ. ޑީޑީ ވަނީ ފާޑު ވިދާޅުވެފައި. އަދި ސަރުކާރު ކުންފުނިތަކުން ތަޖުރިބާކާރު މުވައްޒަފުން ވަކިކުރަމުންދާ ކަމުގެ ކަންބޮޑުވުން ވެސް ފާޅުކުރައްވާފައިވޭ


ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހީމް ދީދީ (ޑީޑީ) ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ
ރައީސް ޑރ. މުހައްމަދު މުއިއްޒު ސިޔާސީ ގޮތުން މާޔޫސްވެ، ބަލިކަށިވެފައިވާ ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހީމް ދީދީ (ޑީޑީ) ވިދާޅުވެއްޖެ އެވެ.
އާދިއްތަ ދުވަހުގެރޭ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޑީޑީ ވިދާޅުވީ ޖުލައި 26 ގައި ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅުތަކުން އެމަނިކުފާނު ހުންނެވީ މާޔުސްކަމެއްގެ ތެރޭގައިކަން ހާމަވެފައިވާ ކަމަށެވެ. އަދި ރައީސް މުއިއްޒު ހުންނެވީ ސިޔާސީ ގޮތުން މާޔޫސްވެވަޑައިގެން، ބަލިކަށިވެ، ގޮތް ހުސްވެފައިވާ ކަމަށް ޑީޑީ ވިދާޅުވި އެވެ.
ހަމައެއާއެކު ރައީސް މުއިއްޒު މިހާރު މަސައްކަތް ކުރައްވަނީ ސިޔާސީ ބޭނުންފުޅެއްގައި ގައުމުގެ އިގްތިސާދައް އެއްވެސް ވަރަކަށް ބެއްލެވުމެއް ނެތި ކަމަށް ޑީޑީ ވިދާޅުވި އެވެ.
ކުންފުނިތަކުގެ ތަޖުރިބާކާރު މީހުން ވަކި ކުރަމުންދާ ކަމުގެ ކަންބޮޑުވުން ފާޅުކުރައްވާ ޑރ. ޑީޑީ ވިދާޅުވީ، މީހުން ވަޒީފާއިން ވަކިކުރަނީ ސިޔާސީ ވެރިންނަށް މަރުހަބާ ކިއަން ދިޔުމުގެ ސަބަބުން، ހާއްސަކޮށް އެމްޑީޕީއަށް ނިސްބަތްވާ މުވައްޒަފުން ކަމަށެވެ. އެގޮތުން އައްޑޫ ސިޓީގެ ފެނަކައިން 93 މުވައްޒަފަކު ވަކިކޮށްފައިވާ ކަމަށް ޑީޑީ ވިދާޅުވި އެވެ.
ކުންފުނިތަކުން މީހުން ވަކިކުރަން ފެއްޓެވީ، އަދި ވަކި ކުރައްވާއިރު ވަކި ކުރައްވަނީ އެތަނުގައި ތިބި ތަޖުރިބާކާރު ހަރު މީހުން. އަދި ވަކިން ހާއްސަކޮށް އެމްޑީޕީއަށް ތާއީދުކުރާ މީހުންޑރ. އިބްރާހީމް ދީދީ (ޑީޑީ)
މީގެ އިތުރުން ޑީޑީ ވަނީ ތިލަމާލެ ބުރިޖުގެ މަޝްރޫއަށް އަލިއަޅުއްވާލައްވައި ވާހަކަ ދައްކަވާފަ އެވެ.
އެގޮތުން ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން އެ މަޝްރޫއު ހަގީގަތަކަށް ނުވާނެ ކަމަށް ބުނެ ހަގީގަތާ ހިލާފު އެތައް ވާހަކަފުޅުތަކެއް ދެއްކެވި ކަމަށް ޑީޑީ ވިދާޅުވި އެވެ. ނަމަވެސް މިހާރު އެ މަޝްރޫއުގެ ފުލް ކްރެޑިޓް ނަންގަވައި ވާހަކަފުޅު ދެއްކެވި ނަމަވެސް ރައްޔިތުންނަށް ހަގީގަތް އެނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ޑީޑީ ވަނީ ރައީސް މުއިއްޒު މީގެ ކުރިން ކުރަން ވައުދުވެވަޑައިގެންފައިވާ މަޝްރޫއުތައް ކުރިޔަށް ނުދާތީވެ އެކަމަށް ވެސް ފާޑު ވިދާޅުވެފަ އެވެ.











