ސަރުކާރުގެ މީހުންނަށް ބައި އެޅުމަށްފަހު ރައްޔިތުންނަށް އޮތީ ހުސް އަތް: ކާބޯތަކެއްޗާއި ޚިދުމަތްތައް ނުލިބި ނައިވާދޫ އިން ހުސް ޝަކުވާ
15 އޯގަސްޓު 2026 | ހޮނިހިރު 17:35މި ސަރުކާރުގައި ތަކެތީގެ އަގު އިންތިހާއަށް ބޮޑުވެ، ބޭހާއި ދަތުރުފަތުރުގެ ޚިދުމަތް ހޯދުމުގައި ރައްޔިތުންނަށް ބޮޑެތި ދަތިތަކެއް ކުރިމަތިވަމުންދާކަމުގެ ޝަކުވާ ހދ. ނައިވާދޫ ރައްޔިތުން ވެސް ދަނީ ކުރަމުން. މީގެ އިތުރުން ރަށްރަށުގައި ފަށާފައިވާ ތަރައްގީގެ މަޝްރޫއުތައް ހުއްޓިފައިވާއިރު، އާންމު ހާލަތު ރަނގަޅު ކުރުމަށް ސަރުކާރުން އެކަށީގެންވާ މަސައްކަތެއް ނުކުރާކަން ގިނަ ބަޔަކު ފާހަގަކުރޭ


ހދ. ނައިވާދޫ އިން ކަންބޮޑުވުން ފާޅު ކުރި ރައްޔިތެއް | ރާއްޖެއެމްވީ
ހދ. ނައިވާދޫގެ އާންމު ހާލަތާއި ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރާ މެދު ހުރި އިންތިހާ ކަންބޮޑުވުންތައް އެ ރަށުގެ ރައްޔިތުން ފާޅުކޮށްފި އެވެ.
ރާއްޖެޓީވީގެ "ހާލު ކިހިނެއް" ޕްރޮގްރާމްގައި ޝުއޫރު ފާޅުކުރި އެރަށު ރައްޔިތުން ބުނި ގޮތުގައި ކާބޯތަކެއްޗާއި އަސާސީ ބޭނުމަށް ބޭނުންވާ ތަކެތީގެ އަގު ބޮޑުވެ، ރައްޔިތުންނަށް ދިރިއުޅެން ވަނީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފަ އެވެ. ކުރިން 280 ރުފިޔާއަށް ލިބެމުންދިޔަ ގޭސްފުޅިއެއް މިހާރު 400 ރުފިޔާއަށް ލިބޭއިރު، ހަނޑުލާއި ސައިބޯނި އަދި ޝޭމްޕޫ ފަދަ އާންމު މުދަލުގެ އަގުތައް އިންތިހާއަށް މައްޗަށް ގޮސްފައިވާ ކަމަށް އެ ރަށު ރައްޔިތުން ބުނެ އެވެ.
ލެޔަށް ބޭސް ކާންޖެހޭ. އެކަމު ބޭސް ލިބުން ވަރަށް ދަތި މި ސަރުކާރުގައި. ކުރިން ހަމަ ގަވާއިދުން ލިބޭ. ތަކެތީގެ އަގުގެ ވާހަކަ ނުދެއްކިއްޔާ ރަނގަޅު ވާނީ. އެހާ އަގު ބޮޑު. މިހާރު ގޭސްފުޅި އެއް ވެސް 400 ރުފިޔާ އަށް. ކުރިން 280 އަށް ލިބޭ އެ ވެސް. ސައިބޯނި ފުޅިން ފެށިގެން ޝޭމްޕޫ ފުޅިއާ ހިސާބަށް ވެސް ތަކެތީގެ އަގު އެހާ ބޮޑު. އަހަރުމެންނަށް އެއްޗެހި ގަނެގެން އުޅެވޭ ވަރެއް ނޫން. ބޭސް ނުލިބުނަސް ޑޮކްޓަރަށް ދެއްކޭ. އާރްޓީއެލް ޚިދުމަތް ނުލިބޭ. އިބޫ ސޯލިހު ވެރިކަމުގައި އެންމެ ފުރަތަމަ އާރްޓީއެލް ތައާރަފް ކުރީ ހއ. އާއި ހދ. ގައި. އޭރު މި ރަށު ބަނދަރުގައި އޮންނާނެ ފެރީ އެއް. ކޮންމެ ދުވަހަކު ވެސް އޭރު ދަތުރު ކުރޭ ހަމަ އެންމެ ދުވަހެއް ވެސް ވައްޓާނުލައި. މި ސަރުކާރު އައި ފަހުން ލޯންޗު ވެސް ނެތީނައިވާދޫ އިން ކަންބޮޑުވުން ފާޅުކުރި ރައްޔިތެއް
މީގެއިތުރުން ދަތުރުފަތުރުގެ ނިޒާމަށް އައިސްފައިވާ ބަދަލުތަކުގެ ސަބަބުން ރައްޔިތުންނަށް ދަތުރުކުރުމުގައި ވެސް ބޮޑެތި ތަކުލީފުތަކާ ކުރިމަތިލާންޖެހިފައިވެ އެވެ. ކުރިން ހދ. އާއި ހއ. ގައި ތައާރަފް ކުރެވުނު އާރްޓީއެލް ފެރީގެ ޚިދުމަތުގެ ދަށުން ކޮންމެ ދުވަހަކު ފެރީ ދަތުރުތައް ކުރަމުންދިޔަ ނަމަވެސް، މި ސަރުކާރު އައި ފަހުން އެ ޚިދުމަތް ހުއްޓި، މިހާރު ކޮންމެ ދުވަހަކު ދަތުރު ނުކުރެވޭކަމަށް އެ ރަށު ރައްޔިތުން ބުނެ އެވެ.
މިހާރު ހުރި މީހާ ހާދަ މޮޅޭ ހާދަ މޮޅޭ. ހަމަ ޝުކުރިއްޔާއޭ ބުނާނީ. ހާދަ މޮޅޭ ހާދަ މޮޅޭ. ކާން ބޯކަަށް ނުލިބޭ. ކާއެއްޗެއް ނުލިބޭ. ބޯ އެއްޗެއް ނުލިބޭ. ހަނޑޫ އަގުބޮޑު. މިއޮއް ފަޅު ހިއްކާނަމޭ ކިޔާފަ އޮތީ. އެ ލާރިކޮޅު ކާލައިފި ފަޅު ވެސް ނުހިއްކާ. ރިސޯޓު އަޅާނަމޭ ބުނި. އެކަމެއް ވެސް ނުކުރެވުނު. އިބްރާހިމް މުހައްމަދު ސޯލިހު ތަރައްގީގެ މަޝްރޫއު ކުރިއަށް ގެންދިޔަ. އަންނި އަހަރެމެންނަށް ލާރިކޮޅު ދިނީ. ބޭސް ދިނީ. ދަތުރުފަތުރުގެ ކަންކަން ވެސް. އާރްޓީއެލް އެއް ނެތް މިހާރު. ހަނިމާދޫ އެއްޗެއް އަންނަނީ. އަންނާނަމޭ ނާންނާނަމޭ ކިޔާފައި. ކުރިން އޮވޭ މި ރަށުގައި އެއްޗެއް. އޭތި އެހެން ރަށަކަށް ގެންގޮސްފި. މިހާރު ކޮންމެ ދުވަހަކު ދަތުރު ނޯވޭނައިވާދޫ އިން ކަންބޮޑުވުން ފާޅުކުރި ރައްޔިތެއް
އަސާސީ ޚިދުމަތްތައް ހޯދުމުގައި ވެސް ބޮޑެތި ދަތިތަކެއް ދިމާވަމުންދާކަން ރައްޔިތުން ފާހަގަކުރެ އެވެ. ޚާއްސަކޮށް ލެޔަށާއި ނަފްސާނީ ބަލިތަކަށް ބޭނުންވާ ބޭސްތައް ހޯދުމުގައި ބޮޑެތި ހުރަސްތަކެއް ވަނީ ކުރިމަތިވެފަ އެވެ. ކުރިން ހިލޭ އަދި ގަވާއިދުން ލިބެމުންދިޔަ ބޭސްތައް މިހާރު ލިބުން ދަތިވެ، ބޭސް ސިޓީ ހިފައިގެން ދިޔުމުން ވެސް ބޭސް މަދުވުމުގެ ސަބަބުން އެހެން ރަށްރަށުން ބޭސް ގެންނަން ޖެހޭކަމަށް އެ ރަށު ރައްޔިތުން ބުނެ އެވެ.
ނައިވާދޫގެ އާންމު ހާލަތު ވަރަށް ސަކަރާތް. އެއްވެސް ކަމެއް ކުރިއަކަށް ނުދޭ. މަޝްރޫއުތައް އެއްކޮށް ހުއްޓިފައި. ބަނދަރު ހުއްޓިފައި، ސްކޫލުގެ މަސައްކަތް ވެސް ދަނޑުގެ މަސައްކަތް ވެސް ހުއްޓިފައި. ކުރިއަށްދާ އެއްކަމެއް ވެސް ހަމަ ނެތީ. ސަރުކާރުން ހަމަ އެއްކަމެއް ވެސް ނުކުރޭ. ކާބޯތަކެތީގެ އަގު ވެސް އިންތިހާ އަށް ބޮޑު. ވަކި އެއްޗެއް ނެތް. ސަރުކާރުގެ މީހުންނަށް ދީފަ ރައްޔިތުންނަށް ދޭނެ އެއްޗެއް ނެތް. އެމީހުންނަށް ބައި އަޅާފައި.ނައިވާދޫ އިން ކަންބޮޑުވުން ފާޅުކުރި ރައްޔިތެއް
ތަރައްގީގެ މަޝްރޫއުތަކަށް ބަލާއިރު، ނައިވާދޫގައި އެއްވެސް އައު ތަރައްގީގެ މަޝްރޫއެއް ނުފެށޭކަމަށް އެ ރަށު ރައްޔިތުން ބުނެ އެވެ. އެމްޑީޕީ ސަރުކާރުން ބަޖެޓުގައި ހިމަނައިގެން ފަށާފައިވާ ބަނދަރުގެ މަސައްކަތާއި ސްކޫލާއި ދަނޑުގެ މަސައްކަތްތައް ހިމެނޭހެން ހުރިހާ މަޝްރޫއުތަކެއް މިހާރު ހުރީ ހުއްޓިފަ އެވެ. ފަޅު ހިއްކުމާއި ރިސޯޓު އެޅުންފަދަ ވައުދުތައް ފުއްދިފައި ނުވާއިރު، ރައްޔިތުންނަށް ވެވޭ ވައުދުތަކަކީ ހަމައެކަނި ދޮގު ވައުދުތަކެއް ކަމުގައި އެ ރަށު ރައްޔިތުން ސިފަކުރެ އެވެ.
މި ރަށުގަ ނުހުރޭ ބޭހެއް ހަމަޔަކަށް. ބޭސް ސިޓީ ހިފައިގެން ދިޔައިމަ ބުނާނެ އޭ އަދި ދެ ބޭސް މަދޭ މީގައި. ދެން ޖެހެނީ އެހެން ރަށަކުން ގެންނަން. ތަރައްގީގެ މަޝްރޫއެއް މި ރަށަކުން ފެންނާކަށް ނެތް. ހައްތަހާ ވެސް މި ރަށުގައި ކުރަނީ އެމްޑީޕީ ސަރުކާރުން ބަޖެޓުގައި ހިމަނައި، ފަށާފައިވާ މަސައްކަތްތައް އެކަނި. އައު ކަމެއް ނުފަށާ. ހުރިހާ ކަމެއް ހުއްޓިފަ ހުރީ ވެސް. ދެން އަރާ ކޮންމެ ރަށަކަށް އެ ދަނީ ހަމަ ދޮގު ވައުދު ވަމުން ވަމުން. ތެދު ވާހަކަ ދެއްކުމެއް ނެތް. އަރާ ކޮންމެ ރަށަކަށް ދޮގު ވައުދު ވަނީނައިވާދޫ އިން ކަންބޮޑުވުން ފާޅުކުރި ރައްޔިތެއް
ނައިވާދޫގެ އާންމު ހާލަތު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާއިރު، ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދުމާއި، ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ސަރުކާރުން އިތުރު ސަމާލުކަމެއް ދޭންޖެހިފައިވާކަން އެ ރަށު ރައްޔިތުންގެ ޝުއޫރުތަކުން ހާމަވެ އެވެ.









