ރާއްޖޭގެ އިޤްތިސާދީ ހާލަތު ބަދަލުކޮށް ރައްޔިތުންނަށް ފުދުންތެރި ދިރިއުޅުމެއް ހޯދައިދެވޭނީ އެމްޑީޕީއަށް: ޝާހިދު
17 އޯގަސްޓު 2026 | ހޯމަ 05:02ރާއްޖޭގެ އިޤްތިސާދީ ހާލަތު ގޯސްވެ، ޑޮލަރުގެ އަގާއި ދަރަނި އިންތިހާއަށް އުފުލުމުގެ ސަބަބުން އަސާސީ ޚިދުމަތްތައް ހޯދުމުގައި ރައްޔިތުންނަށް ބޮޑެތި ތަކުލީފުތަކެއް ކުރިމަތިވަމުންދާކަމަށް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ. އައްޑޫ ސިޓީގައި ހުންނަވައި ޝާހިދު ވިދާޅުވީ، މި ނާޒުކު ހާލަތުން ޤައުމު ސަލާމަތްކޮށް ރައްޔިތުންނަށް ފުދުންތެރި ދިރިއުޅުމެއް ހޯދައިދެވޭނީ ހަމައެކަނި އެމްޑީޕީގެ ފިކުރަށް ކަމަށް


ޝާހިދު އައްޑޫސިޓީއަށް ކުރައްވާ ދަތުރުގެ ތެރެއިން | އަބްދުﷲ ޝާހިދު
ރާއްޖޭގެ އިޤްތިސާދީ ހާލަތު ބަދަލުކޮށް ރައްޔިތުންނަށް ފުދުންތެރި ދިރިއުޅުމެއް ހޯދައިދެވޭނީ ހަމައެކަނި އެމްޑީޕީއަށްކަމަށް އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ޝާހިދު ވިދާޅުވީ، ރާއްޖެއަށް މިހާރު ބޭނުންވަނީ ފުދުންތެރި އަދި ހެޔޮ ވެރިކަމެއް ކަމަށެވެ. އައްޑޫ ސިޓީއަކީ އެމްޑީޕީގެ އެންމެ ވަރުގަދަ އެއް މަރުކަޒު ކަމަށްވުމާއެކު، ރާއްޖޭގެ އިޤްތިސާދީ އަދި އިޖުތިމާއީ ހާލަތު ބަދަލުކުރުމަށް ކުރާ މަސައްކަތް އައްޑޫގެ ރައްޔިތުންނާ އެކު ފެށުމަކީ ވަރަށް ސާފު މެސެޖެއް ދިނުން ކަމަށް ޝާހިދު ފާހަގަކުރެއްވި އެވެ.
ރާއްޖޭގެ މިހާރުގެ ހާލަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ، މިއަދު ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު އުޅެމުންދަނީ ކިރިޔަ ކިރިޔާ ކައިބޮއެގެން އުޅެވޭ ފަދަ ދަތި ހާލަތެއްގައި ކަމަށެވެ.
ޚާއްސަކޮށް ޑޮލަރުގެ އަގު އިންތިހާއަށް އުފުލިފައިވާއިރު، ޤައުމީ ދަރަނި އަތްނުޖެހޭ ހިސާބަށް ފުންވަޅުގަނޑަކަށް ވެއްޓިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. މިކަމުގެ ސަބަބުން ރައްޔިތުންގެ ކަންބޮޑުވުންތައް އިންތިހާއަށް އިތުރުވެފައިވާކަން ޝާހިދު ފާހަގަކުރެއްވި އެވެ.
އަސާސީ ޚިދުމަތްތަކުގެ ދަތިކަމަށް އަލިއަޅުއްވާލައްވަމުން ޝާހިދު ވިދާޅުވީ، ބޭހާއި ކައްކާ ގޭސް ފަދަ ޒަރޫރީ ތަކެތި ލިބުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށެވެ. އަދި ބަލިމަޑުކަމެއްގައި ފަރުވާއަކަށް ދާންޖެހުނު ނަމަވެސް، މިއަދު ރައްޔިތުންނަށް ޖެހިފައިވަނީ ސަލާންޖަހަން ކަމަށް އޭނާ ވިދާޅުވި އެވެ. މިއީ ރައްޔިތުންނަށް އުފުލަންޖެހިފައިވާ ވަރަށް ބޮޑު ތަކުލީފެއްގެ ގޮތުގައި ޝާހިދު ސިފަކުރެއްވި އެވެ.
ޝާހިދު ވިދާޅުވީ، އައްޑޫ ސިޓީގައި ހުރެގެން އޭނާ ދެއްވަނީ އުންމީދީ މެސެޖެއް ކަމަށެވެ. ޤައުމުގެ މި ނާޒުކު ހާލަތު ބަދަލުކުރެވޭނެ ކަމަށާއި، އެކަން ކުރެވޭނެ ހަމައެކަނި ސިޔާސީ ފިކުރަކީ އެމްޑީޕީ ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ ރައްޔިތުންގެ ގިނަ ބަޔަކު މިތިބީ ކިރިޔަ ކިރިޔާ ކައިބޮއެގެން އުޅެނީ. ޑޮލަރުގެ އަގު އިންތިހާއަށް ގޮސްފި. ޤައުމީ ދަރަނި މިއޮތީ އަތްނުޖެހޭ ހިސާބަށް ފުނަށް ވެއްޓިފައި. އެ ހިސާބަށް ގޮސްފަ މިއޮތީ. ބޭހެއް ލިބޭކަށް ނެތް، ގޭސްކޮޅެއް ލިބޭކަށް ނެތް. ފަރުވާއަކަށް ދާން ޖެހިއްޖިއްޔާ މިއުޅެން ޖެހެނީ ސަލާންޖަހަން. ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް. އަޅުގަނޑު އައްޑޫ ސިޓީގައި ހުރެ، އައްޑޫ ސިޓީން މި ދޭ މެސެޖަކީ އުންމީދުގެ މެސެޖެއް. މިކަން ބަދަލުކުރެވޭނެ. މިކަން ބަދަލުކުރެވޭނެ ހަމައެކަނި ބަޔަކީ އެމްޑީޕީއަބްދުﷲ ޝާހިދު
ޝާހިދު އިތުރަށް ވިދާޅުވީ، އޭނާ ސިޔާސީ މަސައްކަތަށް ނުކުމެ ހުންނެވީ އެ ތަސައްވުރާއި އުންމީދާ އެކު ކަމަށެވެ.
އޭނާގެ ވާހަކަ ނިންމަވާލައްވަމުން ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި އުފެދޭ އެމްޑީޕީގެ ސަރުކާރެއްގައި ދިވެހި ރައްޔިތުން ބޭނުންވާ ފަދަ ފުދުންތެރި ވެރިކަމެއް ކޮށްދެއްވާނެ ކަމަށެވެ. އަދި ރައްޔިތުންނަށް ތަނަވަސްކަމާއި ފުދުންތެރިކަން ލިބިގެންދާނެ ފަދަ ރާއްޖެއެއް ބިނާކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ޝާހިދު ވަނީ ދެއްވާފަ އެވެ.











