މި ސަރުކާރުން މިހާތަނަށް ނިންމި ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވާ 590 މަޝްރޫއުތަކުގެ ތެރޭގައި ކުޑަހުވަދޫގެ އެއްވެސް މަޝްރޫއެއް ނުހިމެނޭ: ކައުންސިލްގެ ރައީސް
15 އޯގަސްޓު 2026 | ހޮނިހިރު 06:08ރައީސް މުއިއްޒު ވިދާޅުވި 590 މަޝްރޫއުގެ ތެރޭގައި ކުޑަހުވަދޫގެ އެއްވެސް މަސައްކަތެއް ނުހިމެނޭ ކަމަށާއި، އެ ރަށުގައި ފަށާފައިވާ މަގުހެދުމާއި ބަނދަރުގެ މަޝްރޫއުތައް ވެސް މިހާރު އޮތީ ހުއްޓިފައި ކަމަށް ކައުންސިލްގެ ރައީސް ސަލީމް ވިދާޅުވި. މީގެ އިތުރުން 18 މަސް ތެރޭގައި ނިންމަން ވައުދުވި ހޮސްޕިޓަލުގެ މަސައްކަތް ކުރިއަށް ނުދާތީ އާއި އެމްޕީއެލްއާ ގުޅިގެން ހިންގަން ނިންމި މަޝްރޫއުތަކުގެ އަމަލީ ސިފައެއް ނުފެންނާތީ އޭނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައި


ހޮނިހިރު ދުވަހުގެ ފަށާއިރު ޕްރޮގްރާމްގައި ކުޑަހުވަދޫ ކައުންސިލްގެ ރައީސް މުހައްމަދު ސަލީމް ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ
މުޅި ރާއްޖޭގައި ކުރިއަށްގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ ތެރެއިން 590 މަޝްރޫއެއް ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވީ ނަމަވެސް، އޭގެ ތެރޭގައި ދ. ކުޑަހުވަދޫގެ އެއްވެސް މަޝްރޫއެއް ނުހިމެނޭ ކަމަށް އެރަށު ކައުންސިލްގެ ރައީސް މުހައްމަދު ސަލީމް ވިދާޅުވެއްޖެ އެވެ.
ހޮނިހިރު ދުވަހުގެ 'ފަށާއިރު' ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން، ކުޑަހުވަދޫގެ މަގުހެދުމުގެ މަޝްރޫއަށް އަލިއަޅުއްލައްވައި ސަލީމް ވިދާޅުވީ، މަގުތައް ކޮނުނު ގޮތަށް އިތުރު އެއްވެސް މަސައްކަތެއް ކުރިއަށް ނުދާ ކަމަށެވެ. އަދި ތާރު އެޅުމުގެ މަސައްކަތް ކުރައަށް ދާނީ ކޮންއިރަކުކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.
މި ސަރުކާރު ފެއްޓިގެން އައި އިރު، އަދި އެ ކުރީ ސަރުކާރުގެ ވެސް ބަޔަކާ އެއްކޮށް ހިނގަމުންދިޔަ ޕްރޮޖެކްޓެއް ރޯޑް ޕްރޮޖެކްޓަކީ. މިއަދާ ހަމައަށް ވެސް އެ ޕްރޮޖެކްޓުގެ މަސައްކަތެއް ކުރިއަކަށް ނުދޭ. ހަމަ މަގުތައް ހާވާލާފައި، ވެލިތައް ނަގާ ހަދާފައި އެބައޮތް. އަދި ތާރުއެޅިގެނެއް ނުދޭ. ހަމައެކަނި އެންމެ ދިމާލެއްގައި އެބައޮތް ހިލަކޮޅެއް އަޅާލާފައި ބަހައްޓާފައިމުހައްމަދު ސަލީމް
މީގެއިތުރުން، ކައުންސިލް އިންތިޚާބު ދުވަސްވަރު ބާރަށް ކުރިއަށްދިޔަ ބަނދަރު ހެދުމުގެ މަޝްރޫއު ވެސް މިހާރު ހުއްޓިފައިވާ ކަމަށާއި، މިފާއިތުވި ދުވަސްތަކުގެ ތެރޭގައި އެއްވެސް މަސައްކަތެއް ކުރިއަށް ނުދާ ކަމަށް ސަލީމް ވިދާޅުވި އެވެ. އަދި ރަށުގެ ހިއްކި ފަސްގަނޑަށް ފެނާއި ނަރުދަމާ އާއި ކަރަންޓު ގުޅުމުގެ މަސައްކަތް ވެސް ކުރިއަށްދަނީ އެފަދަ ދެރަ ހާލަތެއްގައި ކަމަށާއި، އަވަހަށް މި މަސައްކަތް ކުރެވޭނެ ކަމުގެ އުއްމީދެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
ރަށުގެ ހޮސްޕިޓަލު މަޝްރޫއާ ގުޅޭގޮތުން ސަލީމް ވިދާޅުވީ، 18 މަސްދުވަހުގެ ތެރޭގައި ހޮސްޕިޓަލު ނިންމަވައިދެއްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް، އެ މުއްދަތު މި އޮގަސްޓު މަހުގެ 24 އަށް ހަމަވާއިރު ވެސް، ފެންސު ޖެހުން ފިޔަވައި އިމާރާތްކުރުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ގޮސްފައިނުވާ ކަމަށެވެ.
އޭގެ އިތުރުން ކުޑަހުވަދޫގައި ވިޔަފާރި ބަނދަރަކާއި ލޮޖިސްޓިކްސްއަށް ބޭނުންވާ ބޮންޑެޑް ވެއަރހައުސްއެއް އެޅުމަށް އެމްޕީއެލްއާއެކު އެގްރީމެންޓުގައި ސޮއިކުރި ނަމަވެސް، މިއަދާ ހަމައަށް އެއިން އެއްވެސް ތަނެއް ވެސް ފެންނަން ނެތް ކަމަށް ސަލީމް ވިދާޅުވި އެވެ.
ސަލީމް ވިދާޅުވީ، ކުޑަހުވަދޫގައި ސަރުކާރުން ފަށާފައިވާ މަޝްރޫއުތައް ނުނިމި ހުރިއިރު، ނިމިފައިވާ އެއްވެސް މަޝްރޫއެއް އެ ރަށަކު ނެތް ކަމަށެވެ.
ކުޑަހުވަދޫ ކައުންސިލްގެ ރައީސް މިހެން ވިދާޅުވިއިރު، 26 ޖުލައި 2026 ގައި ބޭއްވި މިނިވަން ދުވަހުގެ ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ މިދިޔަ ދެ އަހަރާއި 8 މަސްދުވަހުގެ ތެރޭގައި އެކި ދާއިރާތަކުން 590 މަޝްރޫއު ނިންމައި ރައްޔިތުންނަށް ހަވާލުކުރައްވާފައިވާ ކަމަށެވެ.











