ސަރުކާރުގެ ދަރަނި 160 ބިލިއަން ރުފިޔާއަށް ވުރެ އިތުރުވެއްޖެ، އޮކްޓޯބަރު މަހުގެ ނިޔަލަށް ޑޮލަރުގެ އަގު ހުންނާނީ 25 ގައި: ޒަރިޔަންދު
14 އޯގަސްޓު 2026 | ހުކުރު 13:53މި ސަރުކާރުން މިހާތަނަށް 37 ބިލިއަން ރުފިޔާގެ ދަރަނި އިތުރުކޮށްފައިވާއިރު، އަހަރު ނިމޭއިރު ދައުލަތުގެ ޖުމްލަ ދަރަނި 170 ބިލިއަނަށް އެރުން ގާތްކަމަށް މާލީ ތަޖުރިބާކާރު އިސްމާއިލް ޒަރިޔަންދު ވިދާޅުވެއްޖެ. ދަރަނި މެނޭޖްކުރުމުގެ ޕްލޭނެއް ނެތުމާއި ޑޮލަރު ނަހަމަގޮތުގައި ބޭނުންކުރުމުގެ ސަބަބުން އިގްތިސާދީ ގޮންޖެހުންތައް ބޮޑުވެ، އޮކްޓޯބަރު މަހާ ހަމައަށް ޑޮލަރުގެ އަގު 25 ރުފިޔާއަށް އުފުލޭނެ ކަމަށް އޭނާ ލަފާކުރައްވާ


ރާއްޖެޓީވީގެ ޓީވީ ޓޯކް ޕްރޮގްރާމްގައި، މާލީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ އިސްމާއީލް ޒަރިޔަންދު ވާހަކަދައްކަވަނީ | ރާއްޖެއެމްވީ
މިއަދާ ހަމައަށް ސަރުކާރުގެ ދަރަނި 160 ބިލިއަން ރުފިޔާއަށްވުރެ އިތުރުވެފައިވާ ކަމަށް މާލީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ 'ޓީވީ ޓޯކް' ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޒަރިޔަންދު ވިދާޅުވީ ސަރުކާރު ފެށިގެން އައި އިރު ދަރަނީގެ ގޮތުގައި ހުރީ 124 ބިލިއަން ރުފިޔާ ކަމަށެވެ. ނަމަވެސް 2023 ނޮވެންބަރު 17 އިން މި އަހަރު ޖޫން މަހާ ހަމައަށް މި ދަރަންޏަށް 37 ބިލިއަން ރުފިޔާ މި ސަރުކާރުން އިތުރުކޮށްފައިވާ ކަމަށް ޒަރިޔަންދު ވިދާޅުވި އެވެ.
ހަމައެއާއެކު މި އަހަރު ނިމުމުގެ ކުރިން ދައުލަތުގެ ދަރަނި 167 ބިލިއަން ނުވަތަ 170 ބިލިއަން ރުފިޔާއަށް އެރުން ގާތްކަމަށް ލަފާކުރައްވާ އޭނާ ވިދާޅުވީ، ދިވެހިރާއްޖޭގެ ދަރަނި 140 އިންސައްތަ އަށް އަދި ރާއްޖޭގެ ޑެފެސިޓް 13 އިންސައްތަ އަށް އިތުރުވުން ގާތްކަމަށް ވޯލްޑް ބޭންކް އަދި އިންޓަނޭޝަނަލް މޮނިޓަރީ ފަންޑް (އައިއެމްއެފް) އިން ވެސް ބުނެފައިވާ ކަމަށެވެ.
ގާތްގަޑަކަށް 124 ބިލިއަން ރުފިޔާގެ ދަރަންޏަކާ ހަވާލުވީ، މިހާރު މިއަދާ ހަމައަށް 160 ބިލިއަންއަށް ދަރަނި ބޮޑުވެގެން ހިނގައްޖެ. 17 ނޮވެންބަރު 2023 އިން ފެށިގެން މި އަހަރުގެ ޖޫން މަހާއި ހަމައަށް ސެކިއުރިޓީޒްއާ އެހެނިހެން ދަރަނީގެ ގޮތުގައި މިހާރު 37 ބިލިއަން އިތުރުކޮށްފައިވޭ. މި އަހަރު ނިމޭއިރު 167 އަށް ނުވަތަ 170 އަށް އެރުން ގާތް. އަޅުގަނޑު ދައްކާ ވާހަކަ އެކަންޏެއްނޫން ވޯލްޑް ބޭންކުން ވެސް ވަނީ ބުނެފައި އައިއެމްއެފް އިން ވެސް އެއޮތީ ބުނެފައި 140 ޕަސެންޓައް ދަރަނި އިތުރުވުން ގާތޭ 13 ޕަސެންޓައް ޑެފެސިޓް އިތުރުވުން ވެސް ގާތޭއިސްމާއީލް ޒަރިޔަންދު
ޒަރިޔަންދު ވިދާޅުވި ގޮތުގައި މި އަހަރުގެ ޖޫން މަހާއި ހަމައަށް ސަރުކާރަށް 1.3 ބިލިއަން ޑޮލަރު އަހަރަކަށް ލިބިގެންދާނެ އެވެ. މިއީ ވޭތުވެ ދިޔަ ސަރުކާރުތަކާ އަޅާކިޔާއިރު ދެ ގުނަ އިތުރުވުމެކެވެ. އަދި ސަރުކާރަށް މިހާރު ޑޮލަރުގެ ދަތިތަކާ ކުރިމަތިލާން ޖެހިފައިވަނީ މި ޑޮލަރު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ސަބަބުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޒަރިޔަންދު ވިދާޅުވީ ނިމިދިޔަ ސަރުކާރުތަކުން ނުދައްކާ ހުރީ ކިހާ މިންވަރެއްގެ ދަރަނިތަކެއްކަން ސަރުކާރާ ހަވާލުވެ ވަޑައިގެންނެވިއިރު ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް އެނގިވަޑައިގަންނަވަން ޖެހޭނެ ކަމަށެވެ. ނަމަވެސް މި ސަރުކާރުގައި މި ދަރަނިތައް މެނޭޖްކުރާނެ ޕްލޭނެއް ނެތް ކަން މިއަދު ހާމަވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ހާމަކޮށްފައިވާ ގޮތުގައި މި ހިނގަމުންދާ 2026 ވަނަ އަހަރު ފުރަތަމަ ހަ މަސް ދުވަސް ތެރޭގައި ދައުލަތައް 22 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. ނަމަވެސް މިފައިސާގެ ތެރެއިން ދަރަނި ދެއްކުމަށް ސަރުކާރުން 11 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ޒަރިޔަންދު ވަނީ ވިދާޅުވެފަ އެވެ.
ހަމައެއާއެކު މަޝްރޫއުތައް ފުރަތަމަ ހަ މަސް ދުވަހު ހިނގަންޖެހޭ 30 އިންސައްތައާ ގާތައް ވެސް ކުރިޔަށް ނުދާކަމަށާއި މި މަޝްރޫއުތަކަށް އެއްވެސް ތައްޔާރީއެއް ސަރުކާރުން ނުވާކަމަށް ވެސް ޒަރިޔަންދު ވަނީ ވިދާޅުވެފަ އެވެ.
މިހެންކަމުން މި އަހަރުގެ އޮކްޓޯބަރު މަހާ ހަމައަށް ޑޮލަރުގެ އަގު 25 ރުފިޔާއަށް އަރާނެކަމަށް ޒަރިޔަންދު ވަނީ ލަފާކުރައްވާފަ އެވެ. އަދި ކުރިޔަށް އޮތް ތަނުގައި ޑޮލަރުގެ އަގު ތިރި ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.











