ނިއު ރޭޑިއަންޓް އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަވެގެން ނިމިއްޖެ
17 އޯގަސްޓު 2026 | ހޯމަ 05:17މި ނަތީޖާ އާއެކު ނިއު ރޭޑިއަންޓް ވަނީ ލީގު ބުރުގެ އެއް ވަނަ ހޯދާފައި. އަދި ދެ ވަނަ ލިބުނީ މާޒިޔާ އަށް. ކަޕް ވިނާސް ކަޕްގެ ފައިނަލްގައި މި ދެ ޓީމު ބައްދަލު ކުރާއިރު، ސީޒަން ފެށުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑު މެޗުގައި މާާޒިޔާ އިން ވަނީ ނިއު ރޭޑިއަންޓް ބަލިކޮށްފައި


ކަޕް ވިނާސް ކަޕްގައި ނިއު ރޭޑިއަންޓް އާއި މާޒިޔާ ބައްދަލުކުރި މެޗުގެ ތެރެއިން | އެފްއޭއެމް
މިހާރު ކުރިއަށްދާ ކަޕް ވިނާސް ކަޕްގެ ލީގު ބުރުގެ ފަހު މެޗުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބާއި، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބައްދަލު ކުރި މެޗު އެއްވަރުވެގެން ނިމިއްޖެ އެވެ.
ގަލޮޅު ރަސްމީ ދަނޑުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗު ނިމުނީ ދެ ޓީމު 1-1 އިން އެއްވަރުވެގެންނެވެ. މެޗުގައި މާޒިޔާ އިންް ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، ނިއު ރޭޑިއަންޓް އިން ވަނީ ފަހަތުން އަރައި ލަނޑު ޖަހައިގެން ނަތީޖާ ހަމަހަމަކޮށްފައި އެވެ. މި މެޗާ ކުރިމަތިލީއިރު ވެސް، މުބާރާތުގެ ފައިނަލްގެ ޖާގަ އޮތީ މި ދެ ޓީމަށް ކަށަވަރުވެފައި އެވެ.
މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި މާޒިޔާ އިން ވަނީ ލަނޑު ޖަަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު މާޒިޔާ އަށް ޖަހައިދިނީ އައިދު މުޙައްމަދު ޖަވީޒު އެވެ. ނަމަވެސް، މެޗުގެ ދެ ވަނަ ހާފުގެ 72 ވަނަ މިނެޓުގައި އަޙުމަދު ހުސާމް ވަނީ ނިއު ރޭޑިއަންޓުގެ ލަނޑު ޖަހައި ނަތީޖާ ހަމަހަމަކޮށްފައި އެވެ.
މި ނަތީޖާ އާއެކު ނިއު ރޭޑިއަންޓް ވަނީ ލީގު ބުރުގެ އެއް ވަނަ ހޯދައިފަ އެވެ. އަދި ދެ ވަނަ ލިބުނީ މާޒިޔާ އަށެވެ. ކަޕް ވިނާސް ކަޕްގެ ފައިނަލްގައި މި ދެ ޓީމު ބައްދަލު ކުރާއިރު، ސީޒަން ފެށުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑު މެޗުގައި މާާޒިޔާ އިން ވަނީ ނިއު ރޭޑިއަންޓް ބަލިކޮށްފައި އެވެ.










