ނިއު ރޭޑިއަންޓަށް ގެނައި ބިދޭސީ ކުޅުންތެރިޔާގެ މުސާރަ އަކީ މަހަކު 350،000 ރުފިޔާ!
23 ޖުލައި 2026 | ބުރާސްފަތި 07:06އައު ސީޒަނަށް ސްކޮޑު ވަރުގަދަ ކުރުމުގެ ގޮތުން ނިއު ރޭޑިއަންޓަށް ގެނައި ޑޮރިއެލްޓަންގެ މުސާރަ އަކީ މަހަކު 350،000 އަށް ރުފިޔާ. އެއީ އެންމެ ފަހުން އޭނާ ކުޅުނު ބަޝުންދަރާ ކިންސްގައި ލިބުނު މުސާރަ އަށް ވުރެ ވެސް ބޮޑު އަދަދެއް


ނިއު ރޭޑިއަންޓަށް ގެނައި ބްރެޒިލްގެ ޑޮރިއެލްޓަން ގޯމޭޒް ނަސިމެންޓޯ އެ ކުލަބުގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ފަހު | ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބް
ރާއްޖޭގެ ފުރަތަމަ ޑިވިޝަންގައި ވާދަ ކުރަމުން އަންނަ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބަށް، ބްރެޒިލްގެ ފޯވާޑަކު ގެނެސްފި އެވެ.
ކުރިއަށް އޮތް ސީޒަނަށް ނިއު ރޭޑިއަންޓް ވަރުގަދަ ކުރުމުގެ މަސައްކަތް އެ ކުލަބުގެ މެނޭޖުމަންޓް އިން ކުރަމުން އަންނައިރު، ނިއު ރޭޑިއަންޓް އިން ވަނީ ބްރެޒިލްގެ ޑޮރިއެލްޓަން ގޯމޭޒް ނަސިމެންޓޯ އެ ކުލަަބަށް ގެނެސްފައި އެވެ.
އުމުރުން 36 އަހަރުގެ ޑޮރިއެލްޓަން ނިއު ރޭޑިއަންޓަށް ސޮއި ކޮށްފައިވާއިރު، އޭނާގެ އިތުރުން ބްރެޒިލްގެ އިތުރު ކުޅުންތެރިޔަކާއި، ލައިބީރިއާ އށް ނިސްބަތްވާ ދެ ކުޅުންތެރިން ނިއު ރޭޑިއަންޓުގައި ތިބޭނެ އެވެ.
ޑޮރިއެލްޓަން އޭނާގެ ސީނިއާ ކެރިއަރު ފަށާފައި ވަނީ ބްރެޒިލްގެ ފްލުމިނެންސް އިންނެވެ. އެންމެ ފަހުން އޭނާ ކުޅެފައި ވަނީ ބަންގްލަދޭޝް ލީގުގެ ބަޝުންދަރާ ކިންގްސް އަށެވެ. އޭނާ ވަނީ އެ ކުލަބަށް ކުޅެދިން 71 މެޗުގައި 69 ލަނޑު ޖަހައިފަ އެވެ. އޭގެ ކުރިން އޭނާ ވަނީ އިންޑިއާގެ އޮޑިޝާ އާއި، ފޯސާ ކޮޗީ އަށް ވެސް ކުޅެފައި އެވެ.
އައު ސީޒަނަށް ސްކޮޑު ވަރުގަދަ ކުރުމުގެ ގޮތުން ނިއު ރޭޑިއަންޓަށް ގެނައި ޑޮރިއެލްޓަންގެ މުސާރަ އަކީ މަހަކު 350،000 އަށް ރުފިޔާ އެވެ. އެއީ އެންމެ ފަހުން އޭނާ ކުޅުނު ބަޝުންދަރާ ކިންސްގައި ލިބުނު މުސާރަ އަށް ވުރެ ވެސް ބޮޑު އަދަދެކެވެ.
ނިއު ރޭޑިއަންޓް އިން ކުރިއަށް އޮތް ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު، ރާއްޖޭގެ އިތުރުން ރާއްޖެ އިން ބޭރުގެ ކުޅުންތެރިން ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ދާދި ފަހުން ނިއު ރޭޑިއަންޓް އިން ވަނީ ރާއްޖޭގެ ޒުވާން ކުޅުންތެރިޔާ އީތަން އިބްރާހީމް ޒަކީ ވެސް އެ ކުލަބަށް ގެނެސްފައި އެވެ.










