އަހަރެއްގެ ތެރޭގައި ރަސްމީ ރިޒާވުން 136 މިލިއަން ޑޮލަރު އުނިވެއްޖެ
16 އޯގަސްޓު 2026 | އާދީއްތަ 14:00މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ޖުލައި މަހުގެ ނިޔަލަށް ރަސްމީ ރިޒާވް 638 މިލިއަން ޑޮލަރަށް ތިރިވުމާއެކު، ބޭނުންކުރެވޭ ރިޒާވްގައި ހުރި މިންވަރުވެސް ވަނީ 221.8 މިލިއަން ޑޮލަރަށް ދަށަށް ގޮސްފައި. މިއީ ވޭތުވެދިޔަ ޖޫން މަހާ އަޅާބަލާއިރު ބޭނުންކުރެވޭ ރިޒާވުން 27.1 މިލިއަން ޑޮލަރުގެ އުނިވުމެއް

ބެންޖަމިން ފްރެންކްލިންގެ ފޮޓޯ ޖަހާފައިވާ 100 ޑޮލަރުގެ ނޫޓުތަކެއް، ފައިސާ ގުނާ އޮޓޮމެޓިކް މެޝިނަކުން ވަކިކޮށް ތަރުތީބުކުރަނީ | އެލަމީ
ހުސްވި އަހަރުގެ ޖުލައި އަޅާ ބަލާއިރު މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ހިނގި އަހަރެއްގެ ތެރޭގައި ރަސްމީ ރިޒާވުން 136 މިލިއަން ޑޮލަރު އުނިވެއްޖެ އެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޖުލައި މަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވުން ޖޫން މަހާ އަޅާ ބަލާއިރު ވެސް ގާތްގަނޑަކަށް 49 މިލިއަން ޑޮލަރު ވަނީ އުނިވެފަ އެވެ.
ޖުލައިމަހުގެ ނިޔަލަށް ރަސްމީ ރިޒާވުގައި ހުރީ 638 މިލިޔަން ޑޮލަރު ކަމަށް އެމްއެމްއޭ ގެ ތަފާސްހިސާބުތަކުން ވަނީ ހާމަވެފަ އެވެ.
މިއީ ޖޫން މަސް ނިމުނުއިރު ރަސްމީ ރިޒާވުގައި ހުރި 686.83 މިލިޔަން ޑޮލަރާއި އަޅާ ބަލާއިރު 48.8 މިލިޔަން ޑޮލަރުގެ ދަށްވުމެކެވެ. އަދި މިއީ މިދިޔަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު 136.47 މިލިޔަން ޑޮލަރުގެ ދަށްވުމެކެވެ.
ރަސްމީ ރިޒާވުގައި ހުރި މިންވަރު ދަށްވެފައިވާއިރު، ބޭނުންކުރެވޭ ރިޒާވުގައި ހުރި މިންވަރުވެސް ވަނީ ދަށަށް ގޮސްފަ އެވެ.
މިިދިޔަ ޖުލައި މަސް ނިމުނުއިރު ބޭނުންކުރެވޭ ރިޒާވުގައި ހުރީ 221.8 މިލިޔަން އެމެރިކާ ޑޮލަރެވެ. ޖޫން މަހު ބޭނުންކުރެވޭ ރިޒާވުގައި ހުރީ 248.9 މިލިޔަން ޑޮލަރެވެ. މިއީ 27.1 މިލިޔަން ޑޮލަރުގެ ދަށްވުމެކެވެ.









