މިސަރުކާރުގައި ސިޔާސީ ބޭނުމަށް މުވައްޒަފުން ނަގާ މިންވަރު އެޗްޑީސީގެ އޮޑިޓް ރިޕޯޓުން އެކަނިވެސް!
އެޗްޑީސީގެ 2024 ވަނަ އަހަރުގެ މާލީ ހިސާބުތަކުން ދައްކާގޮތުގައި މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް ކުރާ ހޭދަ ވަނީ 44 މިލިއަން ރުފިޔާއަށް ވުރެ އިތުރުވެފައި. މީގެ ތެރެއިން ބޭސްފަރުވާގެ ޚަރަދު 514 އިންސައްތަ އިތުރުވެފައިވާއިރު، މިއީ ޚަރަދު ކުޑަކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތާ ޚިލާފަށް ކުންފުނީގެ މާލީ ހިންގުން ބޮއްސުންލާފައިވާ ކަމުގެ ހެއްކެތް


އެޗްޑީސީ އޮފީސް އިމާރާތް: އެޗްޑީސީގެ 2024 ވަނަ އަހަރުގެ މާލީ ހިސާބުތަކުން ދައްކާގޮތުގައި މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް ކުރާ ހޭދަ ވަނީ 44 މިލިއަން ރުފިޔާއަށް ވުރެ އިތުރުވެފައި | މިހާރު
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ 2024 ވަނަ އަހަރުގެ މާލީ ހިސާބުތަކުން ފެންނަނީ، ދައުލަތުގެ ޚަރަދުތައް ކުޑަކޮށް މުވައްޒަފުންގެ އަދަދު ހަމަޔަކަށް އަޅުވަމުންދާ ކަމަށް ބުނެ ސަރުކާރުން ދައްކާ ސިޔާސީ ވާހަކަތަކުގެ ދޮގުވެރިކަމެވެ. ރައްޔިތުންގެ ކުރިމަތީގައި އިސްރާފު ކުޑަކުރާ ކަމަށް ބުނެ ކިތަންމެ ވަރަކަށް ވާހަކަ ދެއްކި ނަމަވެސް، އެ ކުންފުނީގެ ތަފާސްހިސާބުތަކުން ހާމަވަނީ މުވައްޒަފުންނާ ގުޅުންހުރި އެންމެހައި ޚަރަދުތައް އިންތިހާއަށް އިތުރުވެ، ކުންފުނީގެ މާލީ ހިންގުން ބޮއްސުންލައިގެން ގޮސްފައިވާ ކަމެވެ.
މާލީ ރިޕޯޓުގެ ޖުމްލަ ހިސާބުތަކަށް އެކަނި ބަލާލި ނަމަވެސް، ކުންފުނީގެ ޚަރަދުތައް ހުރީ އެއްވެސް ހިފެހެއްޓުމެއް ނެތް ހިސާބުގަ އެވެ. 2023 ވަނަ އަހަރު މުވައްޒަފުންގެ އަސާސީ މުސާރައާއި އިނާޔަތްތަކާއި އިތުރުގަޑީގެ ފައިސާއާއި ބޭސްފަރުވާ އަދި އެހެނިހެން ލާބައަށް ކުންފުނިން ޖުމްލަ 455,921,662 (ހަތަރު ސަތޭކަ ފަންސާސް ފަސް މިލިއަން ނުވަ ލައްކަ އެކަވީސް ހާސް ހަ ސަތޭކަ ފަސްދޮޅަސް ދެ) ރުފިޔާ ހޭދަކޮށްފައިވާއިރު، 2024 ވަނަ އަހަރު މި އަދަދު ވަނީ 500,172,305 (ފައްސަތޭކަ މިލިއަން އެއް ލައްކަ ހަތްދިހަ ދެ ހާސް، ތިން ސަތޭކަ ފަސް) ރުފިޔާއަށް މަތިވެފަ އެވެ. މިއީ އެންމެ އަހަރެއްގެ ތެރޭގައި 44,250,643 (ސާޅީސް ހަތަރު މިލިއަން ދެ ލައްކަ ފަންސާސް ހާސް ހަ ސަތޭކަ ސާޅީސް ތިން) ރުފިޔާގެ ބޮޑު އިތުރުވުމެކެވެ. އިންސައްތައިގެ ގޮތުން ބަލާނަމަ، މުވައްޒަފުންނާ ގުޅުންހުރި ޖުމްލަ ޚަރަދުތައް ވަނީ 9.71 އިންސައްތަ އިތުރުވެފަ އެވެ.
މި ހުރިހާ އިތުރުވުމެއްގެ ތެރެއިން ވެސް އެންމެ ބޮޑު ސިހުމެއް ލިބިގެންދަނީ، އަދި ކުންފުނީގެ އެތެރޭގެ ބާރުތައް ބޭނުންކޮށްގެން ނާޖާއިޒު މަންފާ ހޯދަމުންދާކަން ހާމަވަނީ މުވައްޒަފުންގެ ބޭސްފަރުވާގެ ޚަރަދުތަކުންނެވެ. 2023 ވަނަ އަހަރު މުވައްޒަފުންގެ ބޭސްފަރުވާއަށް 3,058,288 (ތިން މިލިއަން ފަންސާސް އަށް ހާސް ދުއިސައްތަ އަށްޑިހަ އަށް) ރުފިޔާ ހޭދަކޮށްފައިވާއިރު، 2024 ވަނަ އަހަރު މި ޚަރަދު ވަނީ އެއްވެސް ކޮންޓްރޯލެއް ނެތި 18,784,522 (އަށާރަ މިލިއަން ހަތް ލައްކަ އަށްޑިހަ ހަތަރު ހާސް ފައްސަތޭކަ ބާވީސް) ރުފިޔާއަށް އުފުލިފަ އެވެ. މިއީ ހަމައެކަނި ބޭސްފަރުވާގެ ޚަރަދުން އެކަނި 514.22 އިންސައްތަ އިތުރު އަދަދެކެވެ. އެއް އަހަރުން އަނެއް އަހަރަށް ބޭސްފަރުވާގެ ޚަރަދު ފަސް ގުނައަށް ވުރެ ބޮޑުވެގެން ދިއުމަކީ، ކުންފުނީގެ އެތެރޭގެ ނިޒާމުގެ ނާގާބިލުކަން ހާމަކޮށްދޭ އަލިގަދަ ހެތްކެކެވެ.
ސަރުކާރުން އެންމެ ބޮޑަށް ދައްކާ "މުވައްޒަފުންގެ އަދަދު މަދުކުރުމުގެ" ސިޔާސަތު ވެސް މިއޮތީ ފެއިލްވެފަ އެވެ. އަސާސީ މުސާރައާއި އުޖޫރައިގެ ބަޔަށް ބަލާއިރު، 2023 ގައި މުސާރައަށް އެކަނި 137,611,273 (ސަތޭކަ ތިރީސް ހަތް މިލިއަން ހަ ލައްކަ އެގާރަ ހާސް ދުއިސައްތަ ހަތްދިހަ ތިން) ރުފިޔާ ހޭދަކުރިއިރު، 2024 ގައި މި އަދަދު ވަނީ 157,792,614 (ސަތޭކަ ފަންސާސް ހަތް މިލިއަން ހަތް ލައްކަ ނުވަދިހަ ދެ ހާސް ހަ ސަތޭކަ ސާދަ) ރުފިޔާއަށް އިތުރުވެފަ އެވެ. މިއީ މުސާރައިގެ ބައިން އެކަނި 20,181,341 (ވިހި މިލިއަން އެއް ލައްކަ އަށްޑިހަ އެއް ހާސް ތިންސަތޭކަ ސާޅީސް އެއް) ރުފިޔާ ނުވަތަ 14.67 އިންސައްތައިގެ އިތުރު ވުމެކެވެ. މީގެ އިތުރުން، އެކި ބާވަތްތަކުގެ އިނާޔަތްތަކާއި ބޯނަހަށް ކުރި ހޭދަ ވެސް ވަނީ 293,143,680 (ދުއިސައްތަ ނުވަދިހަ ތިން މިލިއަން އެއް ލައްކަ ސާޅީސް ތިން ހާސް ހަ ސަތޭކަ އަށްޑިހަ) ރުފިޔާއިން 301,447,321 (ތިން ސަތޭހަ އެއް މިލިއަން ހަތަރު ލައްކަ ސާޅީސް ހަތް ހާސް ތިން ސަތޭކަ އެކާވީސް) ރުފިޔާއަށް އިތުރުވެފަ އެވެ. މިއީ 2023 ވަނަ އަހަރާ އަޅާބަލާއިރު 2.83 އިންސައްތަ ބޮޑު އަދަދެކެވެ. މިއިން އެނގެނީ ކުންފުނީގެ މުވައްޒަފުންގެ އަދަދު ދަނީ ދުވަހުން ދުވަހަށް ގިނަވަމުން ކަމެވެ.
ދިގުމުއްދަތުގައި މުވައްޒަފުންނަށް ކުރަންޖެހޭ ލާޒިމު ޚަރަދުތައް ވެސް ހުރީ ހަމަ މި ފެންވަރުގަ އެވެ. މުވައްޒަފުންގެ ޕެންޝަން ފަންޑަށް ކުންފުނިން 2023 ގައި ހޭދަ ކުރި 8,265,086 (އަށް މިލިއަން ދެ ލައްކަ ފަސްދޮޅަސް ފަސް ހާސް އަށްޑިހަ ހަ) ރުފިޔާ އިން 2024 ގައި ވަނީ 9,822,293 (ނުވަ މިލިއަން އަށް ސަތޭކަ ބާވީސް ހާސް ދުއިސައްތަ ނުވަދިހަ ތިން) ރުފިޔާ އަށް އިތުރުވެފަ އެވެ. މިއީ 18.84 އިންސައްތަ އިތުރު އަދަދެކެވެ. ހަމައެހެންމެ، ވަޒީފާގެ އިނާޔަތްތަކުގެ ޕްލޭންގެ އިންޓްރެސްޓް އަދި މިހާރުގެ ޚިދުމަތުގެ ޚަރަދު ވެސް ވަނީ 1,870,150 (އެއް މިލިއަން އަށް ލައްކަ ހަތްދިހަ ހާސް އެއް ސަތޭކަ ފަންސާސް) ރުފިޔާއިން 2,408,114 (ދެ މިލިއަން ހަތަރު ލައްކަ އަށް ހާސް ސަތޭކަ ސާދަ) ރުފިޔާއަށް އިތުރުވެފަ އެވެ. މިއީ 2023 ވަނަ އަހަރާ އަޅާ ބަލާއިރު 28.77 އިންސައްތަ އިތުރު އަދަދެކެވެ.
މި ހުރިހާ ބޮޑެތި އިސްރާފުތަކެއްގެ ތެރެއިން ވެސް، ކުންފުންޏަށް ކުޑަކުރެވިފައިވަނީ ނިސްބަތުން ވަރަށް ކުޑަ، އަދި އަސަރެއް ނުފޯރާ ފަދަ ދެ ދާއިރާއެއްގެ ޚަރަދެކެވެ. އެގޮތުން، ދަތުރުފަތުރާއި ވިސާގެ ޚަރަދު ވަނީ ކުޑަވެފަ އެވެ. އެވެސް އެންމެ 2.78 އިންސައްތައިގެ ކުޑަ ވުމެކެވެ. އަދި މުވައްޒަފުންގެ ލާބައާއި މަންފާއަށް ކުރި އެހެނިހެން ޚަރަދުތައް ވަނީ 24.06 އިންސައްތައިން ދަށްވެފަ އެވެ. ނަމަވެސް، މުސާރައާއި ބޭސްފަރުވާއަށް މިލިއަނުން އިތުރުވި ޚަރަދުތަކާ އަޅާބަލާއިރު، މިއީ ވަރަށް ކުޑަ މިންވަރެކެވެ.
މި މާލީ އޮޑިޓް ރިޕޯޓަކީ ސަރުކާރުގެ އިގްތިސާދީ ނާކާމިޔާބީއާއި ރައްޔިތުންނަށް އޮޅުވާލުމުގެ ސިޔާސަތު ވަރަށް ސާފުކޮށް ހާމަކޮށްދޭ ލެންސެކެވެ. ރައްޔިތުންގެ ޓެކްސް ފައިސާއާއި ދައުލަތުގެ ބޮޑެތި ބިންތައް މެނޭޖްކުރާ ކުންފުންޏެއްގެ ޚަރަދުތައް އަހަރަކު 44 މިލިއަނަށް ވުރެ ގިނައިން އިތުރުވަމުންދާއިރު، ސަރުކާރުން ޚަރަދު ކުޑަކުރާ ކަމަށް ބުނާ ވާހަކަތަކަކީ ހަމައެކަނި ސިޔާސީ ޕްރޮޕެގަންޑާއެއްކަން ސާފުވެ އެވެ. މިފަދަ ބޮޑެތި ކުންފުނިތަކުގެ ހިންގުން ހަރުދަނާ ނުކުރެވި، އިސްރާފު ބޮޑުވުމަކީ ގައުމުގެ މާލީ ދާއިރާ އިނދަޖެހި، ރައްޔިތުން އިތުރަށް ބިކަވަމުންދާ ކަމުގެ އަލިގަދަ ހެކިތަކެކެވެ.
އިންތިޚާބުތަކާ ދިމާކޮށް ގިނަ އަދަދެއްގެ ވަޒީފާ އުފައްދައި، މުވައްޒަފުން ވެއްދި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެމަގާމުތައް އުވާލައި، ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކުރަން ނިންމާފައިވާއިރު 18 ޖޫން 2026 ގައި އެޗްޑީސީން ވަނީ މާލީ އިނާޔަތްތަކާއެކު ވަކިވުމުގެ ފުރުސަތު މުވައްޒަފުންނަށް ދީފަ އެވެ. ސަރުކާރުން "ރައިޓް ސައިޒް" ކުރާ ވާހަކަ ދައްކާއިރު، އެޗްޑީސީގެ އޮޑިޓް ރިޕޯޓުގެ މި ހިސާބުތަކުން ދައްކަނީ ކުންފުނީގެ އޮނިގަނޑަށް ނުތަކާވަރަށް ސިޔާސީ ނުފޫޒުގައި މުވައްޒަފުން ވައްދަމުންދާ ކަމުގެ ފާޅުކަން ބޮޑު ހެކިތަކެވެ.









