މާރިޗު މަހު ރިޒާވްގައި ހުރި 1.3 ބިލިއަން ޑޮލަރު، ޖޫން މަހުގެ ނިޔަލަށް 686.8 މިލިއަން ޑޮލަރަށް ދަށްވެއްޖެ
2 އޯގަސްޓު 2026 | އާދީއްތަ 10:15އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2026 ވަނަ އަހަރު ރާއްޖޭގެ އިގްތިސާދީ ދުވެލި 5.3 އިންސައްތައަށް މަޑުޖެހި، ބަޖެޓް ޑެފިސިޓް 8.8 ބިލިއަން ރުފިޔާއަށް ބޮޑުވާނެއެވެ. ފަތުރުވެރިކަމާއި މަސްވެރިކަމުގެ ދާއިރާއަށް ބަދަލުތަކެއް އައިސްފައިވާއިރު، ދައުލަތުގެ ޚަރަދުތައް އިތުރުވުމުގެ ސަބަބުން މާލީ ގޮންޖެހުންތަކެއް ހުރިކަން މި ރިޕޯޓުން ހާމަވެއެވެ.

ދިވެހި ރުފިޔާ އިން ފައިސާގެ މުއާމަލާތެއް ހިންގާ މަންޒަރު | އެލަމީ
ރާއްޖޭގެ ރަސްމީ ރިޒާވް 2026 ވަނަ އަހަރުގެ މާރިޗު މަހު 1.3 ބިލިއަން އެމެރިކާ ޑޮލަރަށް އިތުރުވި ނަމަވެސް، ޖޫން މަހުގެ ނިޔަލަށް މި އަދަދު 686.8 މިލިއަން ޑޮލަރަށް ދަށްވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ހާމަވެއްޖެ އެވެ.
އެމްއެމްއޭ އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގެ އިގްތިސާދީ ދުވެލި ނުވަތަ ރިއަލް ޖީޑީޕީ 2025 ވަނަ އަހަރު 6.2 އިންސައްތައިގައި ހުރި ނަމަވެސް، 2026 ވަނަ އަހަރު މި އަދަދު 5.3 އިންސައްތައަށް މަޑުޖެހޭނެ ކަމަށް ވަނީ އަންދާޒާ ކޮށްފަ އެވެ. ނޮމިނަލް ޖީޑީޕީއަށް ބަލާއިރު 2025 ވަނަ އަހަރު 119,204.4 މިލިއަން ރުފިޔާ ލިބުނުއިރު، 2026 ވަނަ އަހަރު މި އަދަދު 124,462.6 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. މީގެ އިތުރުން ރާއްޖޭގެ އިންފްލޭޝަން ރޭޓް 2025 ވަނަ އަހަރު 4.0 އިންސައްތައިގައި ހުރި ނަމަވެސް، 2026 ވަނަ އަހަރުގެ ޖޫން މަހާ ހަމައަށް މި އަދަދު ވަނީ 2.6 އިންސައްތައަށް ދަށްވެފަ އެވެ.
2026 ވަނަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ފެބްރުއަރީ މަހުގަ އެވެ. އެ މަހު 248,000 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، އެވްރެޖްކޮށް ފަތުރުވެރިން ރާއްޖޭގައި 7.1 ދުވަހާއި 7.7 ދުވަހާ ދެމެދުގެ މުއްދަތަކަށް މަޑުކުރާކަން ފާހަގަކުރެވެ އެވެ. ފަތުރުވެރިން ރޭކުރި އަދަދު ނުވަތަ ބެޑްނައިޓްސް 2026 ވަނަ އަހަރުގެ ޖެނުއަރީ މަހު 1.4 މިލިއަނަށް އަރާފައިވާއިރު، ޖޫން މަހު މި އަދަދު ވަނީ 822,000 އަށް ދަށްވެފަ އެވެ.
ދައުލަތުގެ މާލީ ހާލަތަށް ބަލާއިރު، 2025 ވަނަ އަހަރު ދައުލަތުގެ ޖުމްލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ލިބުނު ފައިސާ 37.9 ބިލިއަން ރުފިޔާ އަށް އަރާފައިވާއިރު، ޖުމްލަ ޚަރަދު ހުރީ 44.3 ބިލިއަން ރުފިޔާގަ އެވެ. މީގެ ސަބަބުން ބަޖެޓް ޑެފިސިޓް ނުވަތަ އޯވަރޯލް ބެލެންސް 6.4 ބިލިއަން ރުފިޔާއަށް ވަނީ އަރާފަ އެވެ. އަނެއްކޮޅުން 2026 ވަނަ އަހަރު އާމްދަނީ 40.4 ބިލިއަން ރުފިޔާއަށް އިތުރުވާނެ ކަމަށް ބެލެވުނު ނަމަވެސް، ޚަރަދުތައް 49.2 ބިލިއަން ރުފިޔާއަށް އަރައި، ބަޖެޓް ޑެފިސިޓް 8.8 ބިލިއަން ރުފިޔާއަށް ބޮޑުވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. މިއީ ޖީޑީޕީގެ ނިސްބަތުން 7.1 އިންސައްތައިގެ ޑެފިސިޓެކެވެ.
މާލީ ދާއިރާގެ ތަފާސްހިސާބުތަކަށް ބަލާއިރު، ބްރޯޑް މަނީ ނުވަތަ އިގްސާދުގެ ތެރޭގައި ދައުރުވާ ފައިސާގެ މިންވަރު 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ވަނީ 78.7 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. މީގެ ތެރެއިން ސަރުކާރަށް ދޫކޮށްފައިވާ ސާފު ދަރަނި ނުވަތަ ނެޓް ކްލެއިމްސް އޮން ސެންޓްރަލް ގަވަމަންޓް ހުރީ 76.8 ބިލިއަން ރުފިޔާގަ އެވެ. އަދި އަމިއްލަ ފަރާތްތަކަށް ދޫކޮށްފައިވާ ލޯނުގެ މިންވަރު ވަނީ 46 ބިލިއަން ރުފިޔާއަށް އަރާފަ އެވެ.
ބޭރުގެ ވިޔަފާރިއާއި ފައިސާގެ މުއާމަލާތްތަކަށް ބަލާއިރު، 2026 ވަނަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ރާއްޖެއިން ބޭރަށް ފޮނުވި މުދަލުގެ ޖުމްލަ އަގު ހުރީ މަހަކު 30 މިލިއަނާއި 56 މިލިއަން ޑޮލަރާ ދެމެދުގަ އެވެ. މީގެ ތެރެއިން ރާއްޖޭގައި އުފައްދާ މުދާ އެކްސްޕޯޓް ކުރި މިންވަރު ޖޫން މަހު ހުރީ 9.9 މިލިއަން ޑޮލަރުގަ އެވެ. ހަމައެއާއެކު، ރާއްޖެއަށް އެތެރެކުރި މުދަލުގެ އަގު ޖޫން މަހު ވަނީ 387.3 މިލިއަން ޑޮލަރަށް އަރާފަ އެވެ.
2026 ވަނަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި އެންމެ ގިނައިން މަސް ގަނެފައިވަނީ އޭޕްރީލް މަހުގަ އެވެ. އެ މަހު 5,841 މެޓްރިކް ޓަނުގެ މަސް ގަނެފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ. ނަމަވެސް ޖޫން މަހު މި އަދަދު ވަނީ 1,933 މެޓްރިކް ޓަނަށް ދަށްވެފަ އެވެ.









