ޕްރެޝަރ ބޮޑުވެ، ކައުންސިލްގެ ބިންތައް އަތުލެވޭ އިސްލާހުގެ މަސައްކަތް ނިންމުމުގެ ސުންގަޑި ކޮމިޓީން އިތުރުކޮށްފި
16 އޯގަސްޓު 2026 | އާދީއްތަ 07:30ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހާ ގުޅިގެން އާންމުންގެ ބޮޑެތި ކަންބޮޑުވުންތަކެއް ހުރުމުން، އެ ބިލު ދިރާސާކޮށް ނިންމުމަށް ކަނޑައެޅި ސުންގަޑި މި ހަފުތާގެ ބުރާސްފައްޗަށް މަޖިލީހުގެ ކޮމިޓީން އިތުރުކޮށްފި. މި އިސްލާހު އަނބުރާ ގެންދިއުމަށް ގޮވާލައި މަޖިލީހަށް އީ-ޕެޓިޝަނެއް ހުށަހަޅާފައިވާއިރު، މިއީ މަޖިލީހުގެ ތަޅުމުގައި ބަހުސްކުރަން މަޖުބޫރުވާ މިންވަރަށް ސޮއި ހަމަކޮށް ހުށަހެޅި ފުރަތަމަ ޕެޓިޝަން. މި ބަދަލުގެ ސަބަބުން ކައުންސިލްތަކުގެ ބާރު ކެނޑި، ލާމަރުކަޒީ ނިޒާމުގެ އަސްލު ރޫހު ގެއްލޭނެ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުން


ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީ | މަޖިލިސް
ލޯކަލް ކައުންސިލްތަކުގެ އިހުތިސޯސްގައި ހިމެނޭ ބިންތަކާއި މިލްކިއްޔާތުގައި ހިމެނޭ ތަންތަން ސަރުކާރަށް އަތުލެވޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ މަސައްކަތް ނިންމުމުގެ ސުންގަޑި ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީން އިތުރުކޮށްފި އެވެ.
އާދިއްތަ ދުވަހު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި މި ސުންގަޑި އިތުރުކުރުމަށް ނިންމާފައިވަނީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ. ކޮމިޓީން މިހާރު ފާސްކޮށްފައިވަނީ މި ހަފްތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށް ބިލުގެ މަސައްކަތް ނިންމުމަށެވެ.
ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިންތަކާއި ތަންތަން ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށްޓަކައި އެ ރަށެއް ނުވަތަ ސިޓީއެއްގެ އިހުތިސާސުން ވަކިކުރަން ސަރުކާރުން ނިންމާ ހާލަތެއްގައި، އެ ތަންތަން ސަރުކާރަށް ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް އިސްލާހު ހުށަހަޅާފައިވަނީ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހައްނާން އަބޫބަކުރެވެ. މި ބިލު އެންމެ 5 ދުވަހުގެ ތެރޭގައި ދިރާސާކޮށް ނިންމުމަށް ލާމަރުކަޒީ ކޮމިޓީން ކުރިން ނިންމާފައި އޮތް ނަމަވެސް، އެ ސުންގަޑި އާދިއްތަ ދުވަހަށް ވަނީ ހަމަވެފަ އެވެ.
ކޮމިޓީން މި ބިލުގެ މަސައްކަތަށް އިތުރު ވަގުތު ދީފައި މިވަނީ، މި އިސްލާހު އަނބުރާ ގެންދިއުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް އީ-ޕެޓިޝަނެއް ހުށަހަޅާފައިވާ ދަނޑިވަޅެއްގަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އުސޫލުތައް ބުނާ ގޮތުން މިއީ "ތްރެޝްހޯލްޑް 2" ގެ ޕެޓިޝަނެކެވެ. މިއީ މަޖިލީހުގެ ތަޅުމުގައި ބަހުސްކުރަން މަޖުބޫރުވާ މިންވަރަށް ސޮއި ހަމަކޮށް ހުށަހެޅި ފުރަތަމަ ޕެޓިޝަނަށް ވުމުން، މިއީ މަޖިލީހުގެ ތާރީޚުގައި ބަހުސް ކުރަންޖެހޭ މިފަދަ ފުރަތަމަ ޕެޓިޝަނަށް ވެސް ވަނީ ވެފަ އެވެ.
މި ބިލާ ގުޅިގެން އާންމުންނާއި ކައުންސިލްތަކުން ބޮޑެތި ކަންބޮޑުވުންތަކެއް ދަނީ ފާޅުކުރަމުންނެވެ. އެގޮތުން މަޖިލީހަށް ހުށަހެޅި ޕެޓިޝަންގައި ފާހަގަކޮށްފައިވާ ގޮތުގައި، މި އިސްލާހުގެ ސަބަބުން ރައްޔިތުންގެ ވޯޓުން ހޮވާފައިވާ ކައުންސިލަރުންގެ ބާރު ކެނޑި، އެ ބާރުތައް ވަޒީރުންގެ މަޖިލީހުގެ އަތްމައްޗަށް ފުރޮޅިގެންދާނެ އެވެ.
އަދި ވަޒީރުންގެ މަޖިލީހުގެ ނިންމުންތަކަށް އެއްބާރުލުން ނުދޭ ކަމަށް ބުނެ، ރައްޔިތުން ތަމްސީލުކުރާ ކައުންސިލަރުންނަށް ފިޔަވަޅު އެޅުމުގެ ފުރުސަތު މި ބަދަލާއެކު ފަހިވެގެންދާނެ ކަމަށް ވެސް ޕެޓިޝަންގައި ބުނެފައިވެ އެވެ.
މީގެ އިތުރުން، މި އިސްލާހުތަކަކީ ލާމަރުކަޒީ ގާނޫނުގެ އަސްލު ރޫހާ ޚިލާފު އަދި ކަންކަމުގައި ބަސްބުނުމަށް ރައްޔިތުންނަށް އޮތް ހައްގު ހަނިކުރާ ކަންތައްތަކެއް ކަމަށް ޕެޓިޝަންގައި ބުނެފައިވެ އެވެ. ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށްވާއިރު، ރައްޔިތުންގެ ބާރު ހަނިވާ ގޮތަށް ހުށަހަޅާފައިވާ މި ބިލު އަނބުރާ ގެންދިއުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ. ކޮމިޓީން ބިލުގެ މަސައްކަތަށް ވަގުތު އިތުރުކުރީ މި ހުރިހާ ކަންބޮޑުވުންތަކަކަށް ރިއާޔަތްކުރުމަށް ކަމަށް ބެލެވެ އެވެ.










