ލާމަރުކަޒީ ނިޒާމަށް ގެންނަ ބަދަލުތަކުގެ ސަބަބުން ސަރުކާރުގެ ވެރިންނަށް ރަަަށްތަކަށް ނޭރޭނެ ދުވަސް އަންނާނެ: ޝަފީގު
13 އޯގަސްޓު 2026 | ބުރާސްފަތި 08:28ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުތަކުގެ ސަބަބުން ރަށްރަށުގެ ބިންތަކުގެ ބާރު ކައުންސިލްތަކަށް ގެއްލި، ރައްޔިތުންގެ ނުރުހުން ސަރުކާރަށް އަމާޒުވާނެ ކަމަށް އެމްޑީޕީގެ ލާމަރުކަޒީ ކޮމެޓީގެ މެންބަރު ޝަފީގު ވިދާޅުވި. އަދި މި ބަދަލުތަކަކީ ނިޒާމު ހަލާކުކޮށްލުން ކަމަށް ސިފަކުރައްވައި، މީގެ ސަބަބުން ސަރުކާރުގެ ވެރިންނަށް ރަށްރަށަށް ނޭރޭ ފަދަ ހާލަތެއް މެދުވެރިވެދާނެ ކަމުގެ އިންޒާރު އޭނާ ދެއްވާފައިވޭ


ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ކުރީގެ މެންބަރު އަދި އެމްޑީޕީގެ ލާމަރުކަޒީ ކޮމެޓީގެ މެންބަރު އަހުމަދު ޝަފީގު ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ
ރައީސް ޑރ.މު ހައްމަދު މުއިއްޒުގެ ސަރުކާރުން ލާމަރުކަޒީ ނިޒާމަށް ގެންނަ ބަދަލުތަކުގެ ސަބަބުން ސަރުކާރުގެ ވެރިންނަށް ރަށްތަކަށް ނޭރޭނެ ދުވަސް އަންނާނެ ކަމަށް ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ކުރީގެ މެންބަރު އަދި އެމްޑީޕީގެ ލާމަރުކަޒީ ކޮމެޓީގެ މެންބަރު އަހުމަދު ޝަފީގު ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ޝަފީގު ވަނީ ލާމަރުކަޒީ ގާނޫނަށް ސަރުކާރުން އިސްލާހުތަކެއް ގެނެސް، ރަށްރަށުގެ ބިންތައް ސަރުކާރަށް ނެގޭގޮތް ހެދުމުން ކުރިމަތިވާނެ ނޭދެވޭ އަސަރުތަކާމެދު ކަންބޮޑުވުންފާޅު ކުރައްވާފަ އެވެ.
ޝަފީގު ވިދާޅުވީ، މިސަރުކާރުން ލާމަރުކަޒީ ނިޒާމު ހަލާކުކޮށް ރައްޔިތުންގެ ބާރު ހަނި ކުރަމުންދާ ކަމަށާއި، ސަރުކާރުން ގެންނަން އުޅޭ ބަދަލުތަކުގެ ސަބަބުން ސަރުކާރުގެ ވެރިންނަށް ރަށްރަށަށް ނޭރޭނެ ދުވަސް އަންނާނެ ކަމަށެވެ.
ޝަފީގު ވިދާޅުވީ ސަރުކާރުން ޚުދުމުޚުތާރުވަމުން ގޮސް ރައްޔިތުންގެ އެއްބާރުލުން ކެނޑޭ ހިސާބަށް ކަންކަން ގޮސްފިނަމަ، ސަރުކާރު ހިންގުމަށް ވަރަށް ބޮޑަށް އުނދަގޫވާނެ ކަމަށެވެ. އަދި މީގެ ކުރިން ވެސް މާލޭގައި ތިއްބަވާ މިނިސްޓަރުންނާއި ސަރުކާރުގެ ވެރިން ރަށްރަށަށް ވަޑައިގަތުމުން ރައްޔިތުން ނުރުހުން ފާޅުކޮށް، ރަށްރަށަށް އެރުމަށް ދެކޮޅު ހަދާފައިވާ މާޒީއެއް އޮތްކަން އޭނާ ފާހަގަކުރެއްވި އެވެ. އެފަދަ ކަންކަން ތަކުރާރުވެ، ރައީސުލްޖުމްހޫރިއްޔާ ވެސް ބައެއް ރަށްރަށަށް ވަޑައިގަތުމަށް ރައްޔިތުން ދެކޮޅު ހަދާފާނެ ކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން ޝަފީގު ވިދާޅުވީ، ސަރުކާރުން ގާނޫނެއް ހަދައިގެން ރައްޔިތުންގެ ބިމެއް ނަގައި، އެ ބިމެއްގައި ބޭނުން ގޮތެއް ހެދޭނެ ކަމަށް ހީކުރުމަކީ ކުށްހީއެއް ކަމަށެވެ. އަދި މިއީ ހަމަ ހިތަށް އެރީމާ ކުރެވޭނެ ކަންކަން ނޫން ކަމަށާއި، ލާމަރުކަޒީ ދާއިރާގައި މަސައްކަތްކުރާ ބޭފުޅެއްގެ ހައިސިއްޔަތުން މިއީ ވަރަށް ބޮޑަށް ފިކުރުކުރަންޖެހޭ ކަމެއް ކަމަށް ވިދާޅުވި އެވެ.
ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިންތަކާއި ތަންތަން ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށްޓަކައި އެ ރަށެއް ނުވަތަ ސިޓީއެއްގެ އިހުތިސާސުން ވަކިކުރަން ސަރުކާރުން ނިންމާ ހާލަތެއްގައި، އެ ތަންތަން ސަރުކާރަށް ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހު ވަރަށް ނުރައްކާތެރިކަން ފާހަގަކުރައްވައި ޝަފީގު ވިދާޅުވީ، މި އިސްލާހުގެ ނަތީޖާ ރަނގަޅުނުވާނެ ކަމަށެވެ.
މި ސަރުކާރަށް އަވަހަށް އެ ބިލު ގެންނަވާށޭ، އަނބުރާ އެ ބިލު ގެންދަވާށޭ. އެއްގޮތަކަށްވެސް ކުރާވަރު ކަމެއް ނޫނޭ ތީކީ. ތިކަން ކޮށްގެން ވަރަށް ބޮޑެތި ދެރަ ނިކަމެތިކަން ލިބޭނެ ތި ބޭފުޅުންނަށް. މި ބަދަލުތައް ގެނެސްފިނަމަ ސަރުކާރުގެ ވެރިންނަށް ރާއްޖޭގެ ރަށްރަށަށް ނޭރޭނެކަން ސާފުކޮށް އެނގޭ.އަހުމަދު ޝަފީގު
ޝަފީގު ވިދާޅުވީ ލާމަރުކަޒީ ނިޒާމު ރައްޔިތުން ބަލައިގަނެފައިވާ ކަމަށާއި، އެނިޒާމުގެ ދަށުން ރައްޔިތުންނަށް ވަރަށް ގިނަ ޚިދުމަތްތައް ހޯދުމަށް ލުއިފަސޭހަން ލިބި ތަރައްގީ ލިބިފައިވާ ކަމަށެވެ. ނަމަވެސް މިސަރުކާރުން ރައްޔިތުންގެ މައްޗަށް އަނިޔާވެރިވެ، ހުދުމުހުތާރުވާނަމަ ބަލިކަށިވެގެންދާނީ ސަރުކާރު ކަމަށް އޭނާ ވިދާޅުވި އެވެ.











