ރައީސް މުއިއްޒުގެ މޭޔަރު ކަމުގައި މާލެއިން 13،000 އަކަފޫޓުގެ ބިން 13،000 ރުފިޔާއަށް ދީފައި އެބަހުރި: މޭޔަރު އާޒިމް
11 އޯގަސްޓު 2026 | އަންގާރަ 13:27ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަކީ ކައުންސިލްތަކުގެ ބާރު ކަނޑުވާލައި، ބިންތައް ނުއަގުގައި ވަކި ބަޔަކަށް ބަހާލުމަށް ކުރާ މަސައްކަތެއް ކަމަށް މާލެ ސިޓީ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ. މޭޔަރު ތުހުމަތު ކުރެއްވި ގޮތުގައި މި ބަދަލު ގެންނަނީ ކުރިން ދީފައިވާ ބިންތަކުގެ ހަމަ އަގު ހޯދަން ކައުންސިލުން ކުރާ މަސައްކަތަށް ހުރަސްއަޅައި، ސަރުކާރުން ބޭނުންވާ ބަޔަކު މުއްސަނދި ކުރުމުގެ މަގު ފަހިކުރުމަށް


ލާމަރުކަޒީ ނިޒާމުގެ ދިފާއުގައި އެމްޑީޕީން ބޭއްވި މުޒާހަރާގެ ތެރެއިން | ރާއްޖެ އެމްވީ
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މޭޔަރު ކަމުގައި މާލެއިން 13،000 އަކަފޫޓުގެ ބިން 13،000 ރުފިޔާއަށް ދީފައި އެބަހުރި ކަމަށް މާލެ ސިޓީ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
ލާމަރުކަޒީ ނިޒާމުގެ ދިފާއުގައި އެމްޑީޕީން އަންގާރަ ދުވަހު ބޭއްވި އަޑު އުފުލުމުގައި މޭޔަރު އާޒިމް ވިދާޅުވީ ރައީސް މުއިއްޒު މޭޔަރު ކަމުގައި ހުންނަވައިގެން ކުރައްވާފައިވާ ކަމަކީ މާލޭގެ ބިންތައް ނުއަގުގައި ދިނުން ކަމަށެވެ. އަދި ކައުންސިލްތަކުގެ ބިން އަތުލެވޭ ގޮތަށް އިސްލާހު ހުށަހަޅަފައި މިވަނީ ރައީސް މުއިއްޒު މޭޔަރު ކަމުގައި ހުންނަވައިގެން ދީފައިވާ ބިންތަކުގެ ހަމަ އަގު ހޯދަން އުޅޭތީ، އެކަން ކުރިއަށް ގެންދިޔަ ނުދިނުމަށް ކަމަށް މޭޔަރު އާޒިމް ވިދާޅުވި އެވެ.
އާޒިމް ވިދާޅުވީ ރައީސް މުއިއްޒު މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ، މާލޭގެ ބިންތައް އަނެއްކާވެސް ވަކި ބަޔަކަށް ދީ، ވަކި ބަޔަކު މުއްސަނދިކޮށްދިނުމުގެ މަސައްކަތް ކަމަށެވެ.
މިއަދުވެސް އަޅުގަނޑުމެން ކައުންސިލްގައި މި ދެ އަހަރު ބައިގައި އެމީހުން ތިބެގެން ކުރި ކަންތައްތަކަކީ ބިންތައް ނުއަގުގައި މީހުންނަށް ދިނުން، އެކަންތައް މިހާރު ވެސް ބަލަމުން މިދަނީ އެބަ ހުރި ބިންތައް ދީފައި، 13،000 އަކަ ފޫޓުގެ ބިން 13،000 ރުފިޔާއަށް، 13،000 އަކަފޫޓުގެ ބިން މާލެ ސިޓީ ކައުންސިލް، މާލޭގެ ބިންތައް 13،000 ރުފިޔާއަށް ދީފައި އެބަހުރި މިއީ ހަމަ ސީދާ ކަނޑައެޅިގެން ކޮށްފައި ހުރި ވިޔާނުދާ އަމަލުތައްއާދަމް އާޒިމް
މޭޔަރު އާޒިމް ވަނީ މިއީ ކޮންތަނަކުން ކޮން ބިމެއް ސަރުކާރަށް ނުދީގެން ހުށަހަޅާފައި އޮތް އިސްލާހެއްތޯ ސުވާލު އުފައްދަވާފައި އެވެ. މިހާތަނަށް ސަރުކާރުން ކަމަކު އެދިފި ނަމަ، އެކަމެއް ކައުންސިލްތަކުން ކޮށްދީފައިވާނެ ކަމަށާއި ސަރުކާރުން ޕްރޮޖެކްޓެއް ހިންގަން ބޭނުންވާ ކަމުގައިވާ ނަމަ، އެއްވެސް ކައުންސިލަކުން ބިން ނުދީ ހިފަހައްޓާފައި ނުވާނެ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.
މީގެއިތުރުން މި އިސްލާހު ހުށަހަޅާފައި މިވަނީ މިހާރު ބިންތަކުން ވައްކަން ނުކުރެވުމުގެ އިތުރުން، ސަރުކާރުން ބޭނުންވާ ބަޔަކަށް ބިންތައް ބާހަލަން ކަމަށް މޭޔަރު އާޒިމް ތުހުމަތު ކުރެއްވި އެވެ.
ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިންތަކާއި ތަންތަން ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށްޓަކައި އެ ރަށެއް ނުވަތަ ސިޓީއެއްގެ އިހުތިސާސުން ވަކިކުރަން ސަރުކާރުން ނިންމާ ހާލަތެއްގައި، އެ ތަންތަން ސަރުކާރަށް ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ތުޅާދޫ ދާއިރާ މެންބަރު އަބްދުލް ހައްނާން އަބޫބަކުރު ހުށަހެޅި އިސްލާހުގެ ބިލު، ރައްޔިތުންގެ މަޖިލީހުން ހޯމަ ދުވަހުގެ ޖަލްސާގައި 55 މެންބަރުންގެ ވޯޓާއި އެކު ބަލައިގަނެފައިވެ އެވެ.











