ކައުންސިލްތަކުން ބިންތައް އަތުލެވޭ އިސްލާހު އަނބުރާ ގެންދިއުމަށް ގޮވާލައި، މަޖިލީހަށް ޕެޓިޝަނެއް!
9 އޯގަސްޓު 2026 | އާދީއްތަ 09:15ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކުގެ ސަބަބުން ކައުންސިލްތަކުގެ ބާރު ކެނޑި، ރަށްރަށުގެ އިހުތިސާސްގައި ހިމެނޭ ބިންތައް ސަރުކާރަށް ނެގުމުގެ ފުރުސަތު ލިބޭތީ އެކަމުގެ ކަންބޮޑުވުން އާންމުންނާއި ބައެއް ކައުންސިލްތަކުން ވަނީ ފާޅުކޮށްފައި. މި އިސްލާހުތަކަކީ ލާމަރުކަޒީ ނިޒާމުގެ ރޫހާ ހިލާފު ކަންކަން ކަމަށް ބުނެ، އެ ބިލު އަނބުރާ ގެންދިއުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މިހާރު ވަނީ ޕެޓިޝަނެއް ހުށަހަޅާފައި


ރައީސް ބ. ތުޅާދޫ ކުރީގެ ކައުންސިލާ އތމ ކޮމިޓީއާ ބައްދަލުކުރެއްވުން | ރައީސް އޮފީސް
ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް ތުޅާދޫ ދާއިރާ މެންބަރު އަބްދުލް ހައްނާން އަބޫބަކުރު ސްޕޮންސަރ ކުރައްވާ ހުށަަހަޅުއްވާފައިވާ ބިލު އަނބުރާ ގެންދިއުމަށް ގޮވަލައި، ރައްޔިތުންގެ މަޖިލީހަށް އީ-ޕެޓިޝަނެއް ހުށަހަޅައިފި އެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާން އަބޫބަކުރު ވަނީ އިސްލާހުތަކެއް ހުށަހަޅުއްވާފަ އެވެ. އެ އިސްލާހުތަކުގައި ވަނީ ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިންތަކާއި ތަންތަން ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށްޓަކައި އެ ރަށެއް ނުވަތަ ސިޓީއެއްގެ އިހުތިސާސުން ވަކިކުރަން ސަރުކާރުން ނިންމާ ހާލަތެއްގައި އެ ތަންތަން ސަރުކާރަށް ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނު ބަދަލުކުރުމަށެވެ.
ސ. މަރަދޫފޭދޫ، އައްސޭރި، މިދުއަމް ސައުދު ހުށަހަޅާފައިވާ މި ޕެޓިޝަނުގައި ބުނީ މި އިސްލާހުގައި ހުށަހަޅާފައިވާ ކަންކަމުގެ އާޚިރު ނަތީޖާ އަކީ ރައްޔިތުންގެ ވޯޓަކުން ހޮވާ ކައުންސިލަރުންގެ ބާރު ކެނޑި އެބާރު ވަޒީރުންގެ މަޖިލީހަށް ލިބުން ކަމަށެވެ. އަދި އެއާއެކު މި އިސްލާހުތަކުން ވަޒީރުންގެ މަޖިލީހުން ނިންމާ ނިންމުންތަކާއި ދެކޮޅު ހަދާކަމަށް ނުވަތަ އެއްބާރުލުން ނުދޭ ކަމަށް ބުނެ ރައްޔިތުން ތަމްސީލު ކުރަން ވޯޓަކުން ހޮވާފައިވާ ކައުންސިލަރުންނަށް ފިޔަވަޅު އަޅަން ފުރުސަތު ލިބޭނެ ކަމަށެވެ.
އޭގެ އިތުރުން ރައްޔިތުންގެ ފަރާތުން ކަންކަމުގައި ބަސްބުނުމުގެ ހައްގުވެސް ހަނި ވެގެންދާ ކަމަށާ އެހެންކަމުން ހުށަހެޅިފައިވާ އިސްލާހުތަކަކީ ލާމަރުކަޒީ ގާނޫނު އަދި އެ ގާނޫނޫގެ ރޫހާއި ޚިލާފު އަދި ބާރު އެބައެއްގެ ފަރާތުން ފެށިގެން އަންނަ ރައްޔިތުންގެ ބާރު ހަނި ކުރާނެ އިސްލާހުތަކަކަށް ވާތީ، އެ ބިލު އަނބުރާ ގެންދިއުމަށް އެ ޕެޓިޝަންގައި ގޮވާލައިފައިވެ އެވެ.
މިކަމުގެ ކަންބޮޑުވުން ފާޅުކޮށް، އެ އިސްލާހު އަނބުރާ ގެންދިއުމަށް ގޮވާލާ، ބ. ފެހެންދޫ އަދި ބ. ތުޅާދޫ ކައުންސިލްގެ ހުރިހާ މެންބަރުންގެ އިއްތިފާގުން ވެސް ވަނީ އެ ބިލު އަނބުރާ ގެންދިއުމަށް ގޮވާލައި، ގަރާރެއް ވެސް ފާސްކޮށްފަ އެވެ. އެ ދެ ކައުންސިލުން ނެރެފައިވާ ގަރާރުގައި ބުނީ އެ އިސްލާހުތަކަކީ، ގާނޫނު އަސާސީގެ 4 ވަނަ މާއްދާގައިވާ ރައްޔިތުންގެ ބާރާއި، 8 ވަނަ ބާބުގައިވާ ލާމަރުކަޒީ އުސޫލުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގެ މަގްސަދާއި ބޭނުމާއި، ރާއްޖެ ހޯދާފައިވާ ޑިމޮކްރެޓިކް ހުރިހާ ކުރިއެރުންތަކަކާ ކަނޑައެޅިގެން ޚިލާފު އިސްލާހުތަކެއް ކަމުގައި ދެކޭ ކަމަށެވެ.
ލާމަރުކަޒީ ނިޒާމު ތައާރަފްވި ފަހުން ލިބުނު އެންމެ ބޮޑު އެއް ކުރިއެރުމަކީ ރަށްރަށުގެ ގާނޫނީ އިހްތިސާސް ކަނޑައެޅި، ރަށްރަށަށް މިލްކުކޮށްދެވުން ކަމަށާއި އަދި މި އިހްތިސާސް ބޭނުންކުރާނެ ގޮތް ރައްޔިތުންގެ ފުރިހަމަ ބައިވެރިވުމާ ތާއީދާއެކު ކަނޑައެޅި ފާސްކުރެވިފައިވާ ކަމަށް ވެސް އެ ގަރާރުގައިވެ އެވެ.
އެހެން ނަމަވެސް އަލަށް މި ހުށަހެޅުނު އިސްލާހު ފާސްވެ ގާނޫނަކަށް ވެއްޖެ ނަމަ، ރަށްރަށުގެ އިހްތިސާސްގެ ތެރެއިން ބޭނުން ތަނެއް، ބޭނުން އިރަކު ބޭނުން ގޮތަކަށް މާލޭގައި ތިއްބަވާ މަރުކަޒީ ވެރިންނަށް އަތުލައިގަނެވުމުގެ ޖާގަ ފަހިވެ، ރަށު ރައްޔިތުން އަތުން އިހްތިސާސުގެ މިލްކުވެރިކަން ބީވީ ކަމަށް އެ ދެ ކައުންސިލުން ވަނީ ބުނެފަ އެވެ.











