ކައުންސިލްތަކުގެ އިހުތިސާސްގައި ހުންނަ ބިންތަކާއި ތަންތަން ކައުންސިލްގެ ބަހެއް ނެތި ކެބިނެޓަށް ނެގޭ ގޮތަށް ހުށަހެޅި އިސްލާހު، އެލްޖީއޭގެ ސީއީއޯ ނިމާލް ދިފާއުކުރައްވައިފި
8 އޯގަސްޓު 2026 | ހޮނިހިރު 10:12ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހު އެލްޖީއޭގެ ސީއީއޯ މުހައްމަދު ނިމާލް ދިފާއުކުރައްވައިފި. މި އިސްލާހަކީ ކައުންސިލްތަކުގެ ބާރު ކަނޑުވާލުން ކަމަށް ބުނެ ބައެއް ކައުންސިލްތަކުން އަންނަނީ މިކަމާ ދެކޮޅަށް އަޑުއުފުލަމުން


ލޯކަލް ގަވަރމެންޓް އޮތޯރިޓީގެ ސީއީއޯ މުހައްމަދު ނިމާލް | ރައީސް އޮފީސް
ކައުންސިލުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިމާއި ތަންތަނުގައި ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އެތަންތަން ކައުންސިލުގެ އިހުތިސާސުން ވަކި ކުރުމަށް ވަޒީރުންގެ މަޖިލީހަށް ނިންމޭ ގޮތަށް ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ހުށަހެޅި އިސްލާހު ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ސީއީއޯ މުހައްމަދު ނިމާލް ދިފާއުކުރައްވައިފި އެވެ.
ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ނިމާލު ވަނީ ސަރުކާރުން ރަށްރަށުގައި ތަރައްގީގެ މަޝްރޫއުތައް ހިންގަން ބޭނުންވި ނަމަވެސް ކައުންސިލްތަކުން އެ މަޝްރޫއުއެއް ހިންގުމަށް ބޭނުންވާ ބިން ދޭން ދެކޮޅު ހަދާ ކަމަށް ތުހުމަތު ކުރައްވާފައި އެވެ. އަދި އެ ޝަކުވާތައް އެލްޖީއޭ އަށް ލިބޭ ކަމަށާއި މިކަމުގެ ސަބަބުން ތަރައްގީގެ މަޝްރޫއުތައް މަޑުޖެހޭ ކަމަށް ނިމާލު ވިދާޅުވި އެވެ.
ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ މި އިސްލާހާއެކު ރަށްރަށުގައި ހިންގޭ މަޝްރޫއުތައް އަވަސް ވާނެ ކަމަށް ނިމާލް ވިދާޅުވި އެވެ. އަދި ރަށެއްގެ ކައުންސިލަކުން ބިމެއް ސަރުކާރަށް ނެގުމަކީ ކައުންސިލްތަކަށް ހިދުމަތް ކުރަން އޮތް ހުރަހެއް ނޫން ކަމަށް ވެސް ނިމާލު ވިދާޅުވި އެވެ.
ސަރުކާރުގެ ފަރާތުން މި ބިލު ހުށަހަޅާފައި ވަނީ އަމިއްލަ މެންބަރެއް ގޮތުގައި އިންނަވާ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާނު އަބޫބަކުރެވެ. މިކަމާއި ގުޅިގެން ތުޅާދޫ ދާއިރާގައި ހިމެނޭ ބ. ތުޅާދޫ އަދި ފެހެންދޫ ކައުންސިލުން ވަނީ ތުޅާދޫ ދާއިރާގެ މެންބަރު ހަންނާނު އަކީ އެ ދާއިރާއަށް ހުރި ލަދެއް ކަމަށް ބުނެ، އެ އިސްލާހު އަނބުރާ ގެންދުޔުމަށް ގޮވާލައި ގަރާރެއް ނެރިފައި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އަންނަނީ ލާމަރުކަޒީ ގާނޫނަށް ތަފާތު ގިނަ ބަދަލުތައް ގެނެސް ކައުންސިލްތަކުގެ ބާރުތައް މަރުކަޒީ ކުރުމަށް މަސައްކަތް ކުރަމުންނެވެ. އަދި ލާމަރުކަޒީ ގާނޫނަށް މި ހުށަހެޅުނު އިސްލާހުގެ ދިފާއުގައި ނިމާލް ވާހަކަ ދައްކަވާފައި މި ވަނީ ޕީއެންސީގެ ނައިބު ރައީސް ކަމަށް ވާދަކުރައްވާނެ ކަމަށް އިއުލާން ކުރައްްވާފައިވާ ދަނޑިވަޅެއްގަ އެވެ.











