ސަރުކާރަށް ބޭނުންވާ ކަންކަން ނިންމައިދޭން ވަގުތު ހޯދާ ދެއްކުންތެރި މަޖިލީހެއް!
12 އޯގަސްޓު 2026 | ބުދަ 10:31ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ތާވަލާ އެއްގޮތަށް ކުރިއަށް ނުގެންގޮސް، ސަރުކާރުން ބޭނުންވާ ވަކި ސިޔާސީ މަގުސަދުތަކެއް ހާސިލުކުރުމަށްޓަކައި ދައުރު އިތުރުކުރަމުންދާ ކަމުގެ ފާޑުކިޔުން ވަނީ އަމާޒުވެފައި. މިފަހަރު ވެސް ދައުރު އިތުރުކުރީ ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ ބަހުސް ބޮޑު އިސްލާހުތައް އަވަސް އަރުވާލައިގެން ފާސްކުރުމަށް ކަމަށް ބެލެވޭ. އެހެންކަމުން، މަޖިލީހުގެ މި ނިންމުމަކީ އިޚުލާސްތެރިކަމެއް ނެތް، ހަމައެކަނި ސަރުކާރުގެ މަސްލަހަތު އިސްކޮށްގެން ނިންމި ނިންމުމެއް


ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލިސް ކުރާގެ | ރާއްޖެއެމްވީ
ފާއިތުވި މަސްތަކުގައި މުޅިން ވެސް ފެނިގެން ދިޔައީ އެތައް ޖަލްސާއެއް ކެންސަލްކޮށް، ތާވަލުތަކަށް ބުރޫއަރައި، އަދި ވަކި ހާއްސަ ބިލްތަކެއް ނިންމުމަށް ސަރުކާރުން ބޭނުންހައި، އަދި ބުނާހާ ގޮތަކަށް މަޖިލީހުގެ ޖަލްސާތައް ތާވަލުކުރަމުން ދިޔަ ތަނެވެ.
މަޖިލީހުގެ 20 ވަނަ ދައުރު ފެށުނީއްސުރެ މުޅިން ވެސް ފެންނަނީ އެ މަންޒަރެވެ. ކުއްލިއަކަށް އާންމު ޖަލްސާތައް ވެސް ކެންސަލްކޮށްފާނެ އެވެ. މަޖިލީހުގެ މަސައްކަތްތައް ލަސްކޮށްލަފާނެ އެވެ. މުހިންމު މައްސަލަތައް މަޑުޖައްސާލައި، ޗުއްޓީއަށް ވެސް ގޮސްދާނެ އެވެ.
ނަމަވެސް، ސަރުކާރުން ބޭނުންވާ ގާނޫނެއް ނުވަތަ ސިޔާސީ މޮޅެއް ހޯދުމަށް ވަކި ކަމެއް ޙާސިލުކުރަން ބޭނުންވެއްޖެނަމަ، ކުއްލިއަކަށް މަޖިލީހުގެ ޖަލްސާތައް ތާވަލުކޮށްލަނީ ނުނިމިހުރި މުހިއްމު މަސައްކަތްތަކެއް ހުރިކަމަށް ބުނެ އެވެ. މިއަދު ވެސް މަޖިލީހުގައި ކަން ހިނގަމުންދާ ގޮތަކީ މިއީ އެވެ.
މިއަދު ވެސް ކުއްލިއަކަށް އަނެއްކާ ވެސް ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ނިންމުމަށް އިތުރު ވަގުތު ބޭނުންވެއްޖެ އެވެ. ކޮންމެހެން ވެސް ނިންމަންޖެހޭ މުހިއްމު ކަންތައްތަކެއް ހުރީކަމަށް ބުނެ އެވެ.
މިއީ އަވަސްކުރަންޖެހޭ ގާނޫނީ މަސައްކަތްތަކެއް ހުރި ކަމަށް ބުނެ، މިއަހަރުގެ ތެރޭގައި މަޖިލީހުގެ ދައުރު އިތުރުކުރި ފުރަތަމަ ފަހަރެއް ނޫނެވެ.
މި އަހަރުގެ ފުރަތަމަ ދައުރު ވެސް އިތުރުކުރީ ހަމަ މިފަދަ ސަބަބުތަކާ ހުރެއެވެ. ނަމަވެސް، އެ ފަހަރު އިތުރުކުރި ވަގުތުގެ ބޭނުން ހިފައިގެން، ނުނިމި ހުރި ގިނަ މަސައްކަތްތައް ނިންމުމަށް މެންބަރުން އެމީހުންގެ ޗުއްޓީ ގުރުބާންކުރީކީ ނޫނެވެ. އޭގެ ބަދަލުގައި، އެ ދައުރު އިތުރުކުރުމުން ސިޔާސީ ގޮތުން ނުކުތް އެންމެ ބޮޑު ނަތީޖާއަކީ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވަކިކުރުމުގެ މަރުހަލާ ކުރިއަށް ގެންދިއުމެވެ. އެހިސާބުން އެ ބުނި މުހިއްމު މަސައްކަތްތަކަށް ވެސް ވީނުވީއެއް ނޭނގުނެވެ.
އެ ތަޖުރިބާއަށް ބަލާއިރު، މިފަހަރު ދައުރު އިތުރުކުރުމުގެ ފަހަތުގައިވާ އިޚުލާސްތެރިކަމާ މެދު ސުވާލު އުފެދި، ވީގޮތް ބަލާލިއިރު މިފަހަރު ވެސް ސަރުކާރަށް މުހިއްމު ކަންތައްގަނޑެއް އޮތީ އެވެ.
މަޖިލީހުގެ ދައުރު މިފަހަރު އިތުރުކޮށްފައި މިވަނީ، ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ ބަހުސް ބޮޑު އިސްލާހުތަކެއް މަޖިލީހުން ދިރާސާކުރަމުންދާ ދަނޑިވަޅެއްގަ އެވެ. އޭގެ ތެރޭގައި ކައުންސިލްތަކުގެ އިހުތިސާސްގެ ދަށުގައިވާ ބިމާއި ސަރަހައްދުތައް ދައުލަތުގެ ތަރައްގީގެ މަޝްރޫއުތަކަށް ނެގޭ ގޮތަށް ހުށަހަޅާފައިވާ މާއްދާތައް ހިމެނެ އެވެ.
މި ބަދަލުތަކުގެ ސަބަބުން ލާމަރުކަޒީ ނިޒާމަށާއި އިންތިޚާބުކޮށްފައިވާ ކައުންސިލްތަކުގެ ބާރުތަކަށް ވާނެ ގޮތަކާ މެދު މިހާރު ވެސް ވަނީ ކަންބޮޑުވުން އުފެދިފަ އެވެ. އެ ކަންބޮޑުވުންތައް ހުރި ނަމަވެސް، ސަރުކާރަށް ތާއީދުކުރާ މެންބަރުން ދަނީ އެ އިސްލާހުތަކުގެ ދިފާއުގައި ވާހަކަ ދައްކަމުންނެވެ.
މި ހާލަތަށް ބަލާއިރު، މަޖިލީހުގެ ދައުރު އިތުރުކުރި އެއް ސަބަބަކީ އެ ބިލުގެ މަސައްކަތް ނިންމުން ކަމަށް ޤަބޫލު ނުކުރަންވީ ހަމަ އެއްވެސް ސަބަބެއް ނެތެވެ.
މަޖިލީހުގެ ޖަލްސާތައް ތަކުރާރުކޮށް ކެންސަލްކޮށް، މަސައްކަތްތައް ފުނިޖެހެން ދޫކޮށްލުމަށްފަހު، ދައުރު މި އިތުރުކޮށްލަނީ ސަރުކާރުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި އެކަންޏެވެ. ދެއްކުންތެރިކަމުގެ ވެސް އިންތިހާ އެވެ.








