ޔަމަނުގެ ހޫޘީން ސައުދީ އަމާޒުތަކަށް ވަރުގަދަ ހަމަލާތަކެއް ދޭން އަލުން ފަށައިފި
15 އޯގަސްޓު 2026 | ހޮނިހިރު 07:27ޔަމަނުގެ އަލް-މުޚާ ސަރަހައްދުގައި ތިބި ސައުދީގެ މަދަދުވެރިންނާއި އުޅަނދުފަހަރަށް އަމާޒުކޮށް ހޫޘީން ވަރުގަދަ މިސައިލް ހަމަލާތަކެއް ދީފި. ސައުދީން ޔަމަނު ހިސާރުކޮށްފައިވާތީ ބަދަލުހިފުމުގެ ގޮތުން ދިން މި ހަމަލާތަކުގައި ގިނަ ބަޔަކު މަރުވެ، އަސްކަރީ އުޅަނދުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ހޫޘީން ބުނޭ. ސައުދީ އިއްތިހާދުން ޔަމަނުގައި ކުރަމުންދާ ހަނގުރާމައިގައި އެގައުމުގެ ސިޔާސީ މަގްސަދުތައް ހާސިލުނުވެ، އާންމުންގެ އެތައް ބަޔަކު ވަނީ މަރުވެފައި
ޔަމަނުގެ މުޚާ ބަނދަރުގައި ތިބި ސައުދީ އަރަބިއްޔާއިން ތާއީދުކުރާ ޔަމަނުގެ ސަރުކާރުގެ ފައުޖުތަކަށް އަމާޒުކޮށް ހޫޘީން ވަރުގަދަ ހަމަލާތަކެއް ދީފި | އިޖިޕްޓް އިންޓެލް އޮބްޒާވަރ
ޔަމަނުގެ ހޫޘީންގެ ހަތިޔާރުއެޅި ސިފައިން، ސައުދީ އަރަބިއްޔާއާ ގުޅުންހުރި އަމާޒުތަކަށް ވަރުގަދަ ހަމަލާތަކެއް އަލުން ދޭން ފަށައިފިކަން އިއުލާންކޮށްފި އެވެ.
ޔަމަނުގެ އަސްކަރިއްޔާގެ ތަރުޖަމާނު ބްރިގޭޑިއާ ޖެނެރަލް ޔަހްޔާ ސަރީއު ހުކުރު ދުވަހު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ސައުދީގެ ދުޝްމަނުން ޖަމާވެފައި ތިބި ސަރަހައްދުތަކަށާއި އެމީހުންގެ ހަތިޔާރުތަކަށް ކާމިޔާބުކަމާއެކު ހަމަލާދީފައިވާ ކަމަށެވެ.
މީގެ އިތުރުން، ޔަމަނުގެ ހުޅަނގު ދެކުނު ބަނދަރު ރަށެއް ކަމަށްވާ އަލް-މުޚާ ސަރަހައްދުގައި ހަރަކާތްތެރިވާ ސައުދީގެ މަދަދުވެރިންނާއި ކުލީ ސިފައިންގެ ހަނގުރާމަމަތީ އުޅަނދުތަކަށް ގިނަ އަދަދެއްގެ ބެލިސްޓިކް މިސައިލް ބޭނުންކޮށްގެން ހަމަލާދީފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
"މި ހަމަލާތަކަކީ ވަރަށް އަމާޒަށް ވާސިލްވި ހަމަލާތަކެއް. މި އޮޕަރޭޝަނުގެ ސަބަބުން ސައުދީގެ ގިނަ އަދަދެއްގެ ބޯޓުފަހަރާއި ހަތިޔާރުތައް ސުންނާފަތިވެ، އެ ސަރަހައްދަށް ޖަމާވެފައި ތިބި ސައުދީ ސިފައިންގެ ތެރެއިން އެތައް ބަޔަކު މަރުވެ، ގިނަ ބަޔަކު ވަނީ ޒަޚަމްވެފައި،" ތަރުޖަމާނު ވިދާޅުވި އެވެ.
ތަރުޖަމާނުގެ ވާހަކަ ނިންމާލަމުން ވިދާޅުވީ، ސައުދީ އަރަބިއްޔާގެ އަސްކަރީ ސިފައިން ކޮންމެ ތަނެއްގައި ތިބި ނަމަވެސް، އެމީހުންނަށް އަމާޒުކޮށް ހަމަލާދިނުން ޔަމަނުގެ ހޫޘީ ސިފައިން ކުރިއަށް ގެންދާނެ ކަމަށެވެ.
ޔަމަނުގެ ހޫޘީން ސައުދީއަށް އަމާޒުކޮށް މިފަހުން ދޭން ފެށި ހަމަލާތަކަކީ، ވޭތުވެދިޔަ 12 އަހަރު ވަންދެން މެދުނުކެނޑި ސައުދީން ޔަމަނު ހިސާރުކޮށްފައި އޮތް ކަމަށް ބުނެ، އޭގެ ބަދަލުހިފުމުގެ ގޮތުން ޖުލައި މަހުގެ 20 ވަނަ ދުވަހު ސައުދީއާ ދެކޮޅަށް ކަނޑުގެ މަގުން ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށްފަހު ދޭން ފެށި ހަމަލާތަކެކެވެ.
މި ފިޔަވަޅުތަކާ ގުޅިގެން، ރަތްކަނޑުގައި ދަތުރުކުރާ ސައުދީއާ ގުޅުންހުރި އުޅަނދުފަހަރަށް އަމާޒުކޮށް ޔަމަނުގެ ހަތިޔާރުއެޅި ސިފައިން ވަނީ ސިލްސިލާ އޮޕަރޭޝަންތަކެއް ހިންގާފަ އެވެ.
ޔަމަނު ހިސާރުކުރުމާއެކު، އެމެރިކާއާއި ހުޅަނގުގެ ބައެއް ގައުމުތަކުގެ އަސްކަރީ، ސިޔާސީ އަދި ލޮޖިސްޓިކް އެހީތެރިކަމާއެކު ސައުދީ އަރަބިއްޔާއާއި އެގައުމުގެ އިއްތިހާދުން ވަނީ ހޫޘީންނާ ދެކޮޅަށް ނުރައްކާތެރި ހަނގުރާމައެއް ފަށާފަ އެވެ.
މި ހަނގުރާމައިގައި ޔަމަނުގެ އެތައް ހާސް ރައްޔިތުންނެއްގެ ފުރާނަ ވަނީ ގެއްލިފަ އެވެ. ނަމަވެސް، ސައުދީ އަރަބިއްޔާއިން ބޭނުންވާ ފަދަ، ރިޔާޟަށް ތާއީދުކުރާ ސަރުކާރެއް ޔަމަނުގައި އަލުން ގާއިމުކުރުމަށް އެގައުމުން ކަނޑައެޅި މައިގަނޑު މަގްސަދު ހާސިލުކުރުމުގައި ސައުދީ ވަނީ ނާކާމިޔާބުވެފަ އެވެ.










