ހޫޘީންގެ ހަމަލާގައި ސައުދީގައި 11 މީހަކު ޒަޚަމްވެއްޖެ
7 އޯގަސްޓު 2026 | ހުކުރު 09:02ސައުދީގެ ނަޖްރާނަށް ހޫޘީން ދިން ހަމަލާއެއްގައި ކުޑަކުއްޖަކާއެކު އާންމުންގެ 11 މީހަކު ޒަޚަމްވެފައިވާއިރު، ޔަމަނުގެ ސިފައިންނަށް އަމާޒުކޮށް ހޫޘީން ދިން ހަމަލާތަކެއްގައި 30 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައި. އާންމުންނަށް އަމާޒުކޮށް ދޭ މިފަދަ ހަމަލާތަކުން ރައްކާތެރިވުމަށް ފިޔަވަޅު އަޅާނެ ކަމަށް ސައުދީ ކޯލިޝަނުން ބުނެފައިވާއިރު، އެމެރިކާއާ ގުޅިގެން އިރާގުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތްތަކަށްވެސް ވަނީ ސައުދީ ކޯލިޝަނުން ވަނީ ހަމަލާދީފައި

ޔަމަނުގެ އުތުރުގެ ސަރަހައްދުތަކަށް ސައުދީ އަރަބިއްޔާގެ ފައުޖުތަކުން ދެމުންދާ ހަމަލާތައް ވަރުގަދަކޮށް، އެ ސަރަހައްދުތައް ބަންދުކޮށްފައި އޮތް އޮތުމާ ދެކޮޅަށް އަޑުއުފުލުމަށްޓަކައި 2026 ޖުލައި މަހުގެ 17 ވަނަ ދުވަހު ޔަމަނުގެ ސަންޢާގައި ބޭއްވި ބޮޑު މުޒާހަރާއެއްގެ ތެރެއިން ނަގާފައިވާ ފޮޓޯއެއް | ގެޓީ އިމޭޖަސް
ޔަމަނުގެ ހޫޘީން ސައުދީ އަރަބިއްޔާގެ ދެކުނުގެ ސަރަހައްދަކަށް ބުރާސްފަތި ދުވަހު ދިން ހަމަލާއެއްގައި އާންމުންގެ 11 މީހަކު ޒަޚަމްވެފައިވާ ކަމަށް އަސްކަރީ އޮފިޝަލަކު ވިދާޅުވެއްޖެ އެވެ. މި ހަމަލާ ދީފައި މިވަނީ، ހޫޘީންނާއި އީރާނުގެ މަދަދުލިބޭ އިރާގުގެ ހަނގުރާމަވެރި ޖަމާއަތްތައް ގުޅިގެން ވަރުގަދަ ހަމަލާތަކެއް ދޭން އުޅޭ ކަމުގެ އިންޒާރު ސައުދީ ސަރުކާރުން ދީފައި ވަނިކޮށެވެ.
ޔަމަނުގެ ގާނޫނީ ސަރުކާރަށް އެހީތެރިވުމަށް ސައުދީން އިސްވެ އޮވެ އުފައްދާފައިވާ އަސްކަރީ ކޯލިޝަންގެ ތަރުޖަމާނު މޭޖަރ ޖެނެރަލް ތުރުކީ އަލް މާލިކީ ހުކުރު ދުވަހުގެ ކުރީކޮޅު ވިދާޅުވީ، ސައުދީގެ ދެކުނުގެ ނަޖްރާން ޕްރޮވިންސަށް ދިން މި ހަމަލާގައި ޒަޚަމްވީ ސައުދީގެ ހަތް މީހަކާއި، ޔަމަނު މީހަކާއި، މިސްރުގެ ދެ މީހެއްގެ އިތުރުން ޕާކިސްތާނު ރައްޔިތެއް ކަމަށެވެ.
މި ހަމަލާގައި ޒަޚަމްވި މީހުންގެ ތެރޭގައި ހަތަރު އަހަރުގެ ކުޑަކުއްޖަކު ހިމެނޭއިރު، އެ ކުއްޖާގެ ހަށިގަނޑުގެ ބޮޑު ބައެއް ވަނީ ފިހިފަ އެވެ.
އީރާނާ ގުޅުން އޮންނަ ހޫޘީން ބައިނަލްއަގުވާމީ އިންސާނީ ގާނޫނުތަކާ ޚިލާފަށް، ވަކި ބަލާލުމެއް ނެތި އާންމުން ދިރިއުޅޭ ސަރަހައްދުތަކަށް ބަޑިޖަހައި ހަމަލާދޭ ކަމަށް ތުހުމަތު ކުރައްވަމުން އަލް މާލިކީ ވިދާޅުވީ، އާންމުން ރައްކާތެރިކުރުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް ކޯލިޝަނުން އަޅަމުންދާނެ ކަމަށެވެ.
ހޫޘީން ބުރާސްފަތި ދުވަހު ޔަމަނުގެ މާރިބް އަދި ހަޟްރަމައުތު ޕްރޮވިންސްގައި ތިބި ސަރުކާރުގެ ސިފައިންނަށް ދިން ހަމަލާތަކުގައި ޔަމަނު ސަރުކާރުގެ 30 އަށްވުރެ ގިނަ ސިފައިން ވަނީ މަރާލާފަ އެވެ.
އަނެއްކޮޅުން، ޖުލައި މަހުގެ 29 ވަނަ ދުވަހު އެމެރިކާގެ ސެންޓްރަލް ކޮމާންޑާ ގުޅިގެން، އިރާގުގައި ހަރަކާތްތެރިވާ އީރާނުގެ މަދަދުލިބޭ ޖަމާއަތްތަކަށް އަމާޒުކޮށް ހަމަލާތަކެއް ދީފައިވާނެ ކަމަށް ސައުދީ އަރަބިއްޔާއިން ވަނީ ބުނެފަ އެވެ.










