ސައުދީއަށް ހަމަލާދިނުމަށް އަވަށްޓެރި ގައުމުތަކުގެ ހަނގުރާމަވެރި ގުރޫޕްތަކުން ދަނީ ތައްޔާރުވަމުން: އިންޓެލް ރިޕޯޓް
7 އޯގަސްޓު 2026 | ހުކުރު 05:20އީރާނުގެ މަދަދުލިބޭ ހޫޘީންނާއި އިރާގުގެ ހަނގުރާމަވެރި ޖަމާއަތްތަކުން ސައުދީ އަރަބިއްޔާގެ މުހިންމު ޓާގެޓްތަކަށް ހަމަލާދޭން އުޅޭކަމުގެ ޖާސޫސީ މައުލޫމާތު ލިބުމާ ގުޅިގެން އެ ގައުމުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. މި ހަމަލާތަކުން ދިފާއުވުމަށް އެމެރިކާއާ ގުޅިގެން މަސައްކަތް ކުރަމުންދާއިރު، ގައުމުގެ ސަލާމަތަށްޓަކައި އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އެޅުމަށް ފަސްނުޖެހޭނެ ކަމަށް ސައުދީން ބުނޭ

ފްރާންސްގެ އިރުމަތީގައި އޮންނަ 102 ދިޖޯން-ލޮންގްވިކް އެއާ ބޭސްގައި 2009 އޮކްޓޫބަރު 9 ވަނަ ދުވަހު ކުރިއަށްދިޔަ "ގްރީން ޝީލްޑް" ތަމްރީނުތަކުގެ ތެރެއިން، ސައުދީ އަރަބިއްޔާގެ އަސްކަރީ މަތިންދާބޯޓެއް ރަންވޭމަތީގައި މަޑުކޮށްލައިގެން އޮތް މަންޒަރު | ގެޓީ އިމޭޖަސް
އީރާނުގެ މަދަދުލިބޭ ހަނގުރާމަވެރި ޖަމާއަތްތަކާއި، އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) ގުޅިގެން ސައުދީ އަރަބިއްޔާއަށް ހަމަލާދޭން ތައްޔާރުވަމުންދާކަމުގެ "އިތުބާރު ހުރި ޖާސޫސީ މައުލޫމާތު" ލިބިފައިވާ ކަމަށް ސައުދީ ސަރުކާރުގެ އިސް މަސްދަރަކުން ބުރާސްފަތި ދުވަހުގެ ރޭ "އަލް އަރަބިއްޔާ އިންގްލިޝް" އަށް ކަށަވަރުކޮށްދީފި ކަމަށް ރިޕޯޓުކޮށްފި އެވެ.
ސައުދީގެ އެ މަސްދަރުން ހާމަކުރި ގޮތުގައި، ޔަމަނުގެ ހޫޘީންނާއި، އިރާގުގެ ހަނގުރާމަވެރި ޖަމާއަތްތަކުގެ އިތުރުން އީރާނުގެ އައި.އާރް.ޖީ.ސީ ގުޅިގެން ސައުދީ އަރަބިއްޔާއަށް އަމާޒުކޮށް ހަމަލާތަކެއް ދިނުމަށް ތައްޔާރުވަމުންދާކަން، އިތުބާރު ހުރި އެތައް ޖާސޫސީ ރިޕޯޓުތަކަކުން އެނގެން އެބައޮތް ކަމަށް ވެސް ސައުދީ އަރަބިއްޔާގެ ސަރުކާރުން ހިންގާ އަލް އަރަބިއްޔާ މީޑިއާ އިން ވަނީ ބުނެފަ އެވެ.
މަސްރަހު ފިނިކުރުމަށާއި ސުލްހަވެރި ހައްލެއް ހޯދުމަށް ސައުދީން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މަޝްވަރާތައް ރަނގަޅު މިސްރާބަކަށް ދަތުރުކުރަމުންދާ ދަނޑިވަޅެއްގައި މިފަދަ ރިޕޯޓުތަކެއް ލިބުމަކީ އިންތިހާއަށް ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް އެ މަސްދަރުން ފާހަގަކުރި އެވެ.
މީގެ އިތުރުން، ސައުދީ އަރަބިއްޔާއަށް ދޭ އެއްވެސް އުދުވާނީ ހަމަލާއަކަށް ރައްދު ދިނުމަށްޓަކައި އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އެޅުމަށް އެ ގައުމުން ފަސްނުޖެހޭނެ ކަމަށްވެސް އެ މަސްދަރުން ބުންޏެވެ.
މި މައުލޫމާތުތައް ފެންމަތިވެފައި މިވަނީ، އިރާގުގެ ހަނގުރާމަވެރި ޖަމާއަތްތަކުން ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި "އަވަށްޓެރި ގައުމުތަކަށް" ޑްރޯން ހަމަލާތަކެއް ދޭން އުޅޭކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އިރާގުގެ މަސްދަރުތަކުން ބުނެފައިވާ ދަނޑިވަޅެއްގަ އެވެ.
ދޭން އުޅޭ ކަމަށް ބެލެވޭ މި ހަމަލާތައް އަމާޒުވެދާނެ ތަންތަނުގެ ތެރޭގައި އާންމުން ދިރިއުޅޭ ސަރަހައްދުތަކާއި، ހަކަތަ އުފައްދާ މަރުކަޒުތަކާއި، މުހިންމު އުމްރާނީ ވަސީލަތްތަކުގެ އިތުރުން އެއާޕޯޓްތަކާއި ބަނދަރުތައް ހިމެނޭ ކަމަށް ސައުދީ މަސްދަރުން މައުލޫމާތު ދިނެވެ.
ސައުދީ މަސްދަރުން އަލް އަރަބިއްޔާ އަށް ބުނި ގޮތުގައި، ލިބިފައިވާ ޖާސޫސީ މައުލޫމާތުތަކަށް ބަލާއިރު، އެއްވަގުތެއްގައި އެކި ސަރަހައްދުތަކަށް ހަމަލާދިނުމަށްޓަކައި މިސައިލާއި ޑްރޯންތައް އެހެން ތަންތަނަށް ބަދަލުކުރަމުންދާކަން ވަނީ ފާހަގަކުރެވިފަ އެވެ.
އެމެރިކާއާއި ސައުދީ އަރަބިއްޔާއާ ދެމެދު އޮންނަ އެއްބާރުލުމާ ގުޅޭގޮތުން ވާހަކަދައްކަމުން އެ މަސްދަރުން ބުނީ، ދެ ގައުމުގެ އަސްކަރިއްޔާ ހިމެނޭހެން ހުރިހާ ދާއިރާއަކުންވެސް ދެ ގައުމުގެ މެދުގައި އޮތް ގުޅުން ވަރަށް ބަދަހިކޮށް ކުރިއަށްދާ ކަމަށެވެ.










