ރިސޯޓުތަކަށް މަހަކު ލިބޭ އާމްދަނީގެ 20 އިންސައްތަ މާރުކުރަން ޖެހޭ އުސޫލާއެކު ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އިތުރަށް ގޯސްވާނެ: އަމީރު
15 އޯގަސްޓު 2026 | ހޮނިހިރު 06:50ރިސޯޓުތަކުގެ އާމްދަނީގެ 20 އިންސައްތަ މާރުކުރަން މަޖުބޫރުކުރުމުން ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އިތުރަށް ގޯސްވާނެ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވި. މި ނިންމުމުގެ ސަބަބުން ރިސޯޓުތަކުގެ އިމްޕޯޓަށް ދަތިވެ، އުސޫލުގެ ނާޖާއިޒު ފައިދާ ނެގުމުގެ ފުރުސަތު ބޮޑުވާނެ ކަމަށް އޭނާ ފާހަގަކުރެއްވި. އެހެންކަމުން ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް އެންމެ ފުރަތަމަ ފިސްކަލް ރިފޯމްތަކެއް ގެނައުން މުހިންމު ކަމަށް އަމީރު ވިދާޅުވި


ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމްގައި ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ
ރިސޯޓުތަކަށް މަހަކު ލިބޭ އާމްދަނީގެ 20 އިންސައްތަ މާރު ކުރަން ޖެހޭ ގޮތަށް ސަރުކާރުން ގެންނަން މަސައްކަތް ކުރާ އުސޫލާއެކު އަނެއްކާވެސް ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އިތުރަށް ގޯސްވާނެ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އަމީރު ވިދާޅުވީ ފަތުރުވެރިއެއްގެ ބޮލަކަށް 500 ޑޮލަރުގެ ރޭޓުން މާރު ކުރެވޭ ގޮތަށް އޮތް އިހްތިޔާރު އުވާލައި، ރިސޯޓުތަކަށް މަހަކު ލިބޭ އާމްދަނީގެ 20 އިންސައްތަ މާރު ކުރަން ޖެހޭ ގޮތަށް ބަދަލު ކުރި ނަމަވެސް ޑޮލަރުގެ މައްސަލައަށް ހައްލެއް ނުލިބޭނެ ކަމަށެވެ.
ރިސޯޓުތަކަށް ލިބޭ އާމްދަނީގެ 20 އިންސައްތަ މާރުކުރާ ގޮތަށް ހެދުމުން ކަޅު ބާޒާރުގެ އަގު އިތުރަށް ގޯސްވުން ގާތްކަން ފާހަގަކުރައްވައި އަމީރު ވިދާޅުވީ، އަލްޓްރާ ހައި އެންޑް ރިސޯޓުތަކުން ކުރިން ބޮލަކަށް 500 ޑޮލަރު މާރުކުރި ނަމަވެސް، 20 އިންސައްތަ މާރުކުރަން ޖެހުމުން، ކުރިން މާރުކުރި މިންވަރަށްވުރެ ބޮޑު އަދަދެއް މާރުކުރަން ޖެހޭނެ ކަމަށެވެ.
މީގެއިތުރުން، އަމީރު ވިދާޅުވީ ރިސޯޓުތަކުގެ އިމްޕޯޓަށް އަސަރުކުރާނެތީ ކަޅު ބާޒާރުގެ އަގު އިތުރަށް ގޯސްވެ، ޕްރައިވެޓް ސެކްޓަރުގައި ހުރި ޑޮލަރުތައް އެމްއެމްއޭއަށް ގެންނަ ގޮތަށް މި ރޭވުމުން އޭގެ ލޫޕްހޯލްސްތައް ހޯދައިގެން މީހުން މޮޅު ގޮތްގޮތް ހަދަން އުޅޭތަން ފެންނާނެ ކަމަށެވެ.
މިސާލަކަށް އޭގެ ލޫޕްހޯލްސްތައް ހޯދައިގެން މީހުން މޮޅު ގޮތްގޮތް ހަދަން އުޅޭތަން ފެންނާނެ. މިހާރު 20 ޕަސެންޓޭ ބުނީމަ އެނގޭތޯ. މިހާރު ބޮލަކަށް 500 ޑޮލަރޭ ބުނީމަ. އަޅުގަނޑުމެންނަށް ހަމަ އިމިގްރޭޝަން ސްޓެޓިސްޓިކްސްއިން ވަރަށް ރީއްޗަށް އެނގޭނެ މީ އައި މީހެއްކަން އެނގޭތޯ. ވަރަށް ރީއްޗަށް އެނގޭނެ. އެކަމަކު 20 ޕަސެންޓޭ ބުނީމަ މި ވާ ގޮތަކީ އޭގެ ދެން ހަމަ ވަރަށް މޮޅެތި އީޖާދުތައް ކުރާނެ. އެހެންވީމާ އަޅުގަނޑަށް މި ފެންނަނީ ހަމަ މި އަންނަ މި ބަދަލާ އެއްކޮށް ހަމަ އަނެއްކާ ވެސް ބްލެކް މާކެޓް ރޭޓަށް އިތުރު ޕްރެޝަރުތަކެކޭ އަންނާނީ ސަރުކާރުގައި މި ގެންނަ ބަދަލާ އެއްކޮށް އެނގޭތޯއިބްރާހީމް އަމީރު
މީގެ އިތުރުން އަމީރު ވިދާޅުވީ، ރާއްޖޭގެ އިގްތިސާދީ ސިޔާސަތުތަކަށް ބަދަލުތައް ގެންނަން ޖެހޭ ކަމަށާއި އެކަން އެންމެން ވެސް ގަބޫލުކުރާ ކަމަށެވެ. ނަމަވެސް، އެންމެ ފުރަތަމަ ފިސްކަލް ރިފޯމްތަކެއް ގެންނަންޖެހޭ ކަމަށާއި، އެއާއެކު އެމްއެމްއޭ އިތުރަށް ވަރުގަދަ ވާންޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެމްއެމްއޭގެ ރީޔޫސަބަލް ރިޒާވްގައި 100 ނުވަތަ 200 މިލިއަން ޑޮލަރު ބަހައްޓައިގެން މިކަންކަން މެނޭޖްކުރަން ދަތިވާނެ ކަމަށް ވެސް އަމީރު ވިދާޅުވި އެވެ.











