ސައީދުއާއި ސައީދުގެ "ރަނޑު ހުއްޖަތް"
12 އޯގަސްޓު 2026 | ބުދަ 04:43ރާއްޖޭގެ ބާޒާރުގައި ޑޮލަރުގެ އަގު އުފުލެނީ ބައެއް ނޫސްތަކުން ފަތުރާ "ފޭކް ނިއުސް" ތަކުގެ ސަބަބުން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ. ޑޮލަރުގެ އަގު ތިރިކުރާނެ ކަމަށް ވެވަޑައިގެންނެވި ވައުދު ނުފުއްދި، އެކަމުގެ ޒިންމާ މީޑިއާތަކުގެ ބޮލުގައި އެޅުވުމަކީ ސަރުކާރުގެ ނާގާބިލުކަން ހާމަވާ ކަމެއް


ބުރާސްފަތި ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުހައްމަދު ސައީދު ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ
މަގުމަތިން ދިމާވި ނުދަންނަ މީހަކު ބުންޏެވެ. "އެއެއްޗަކުން އަންނާނީ އެއެއްޗެއްގެ ދިޔައެއްތާ ދޯ" އެވެ. ކުއްލިއަކަށް ސިހިފައި އަހާލީމެވެ. ބޭބޭ އަނެއްކާ ކިހިނެއް ވީ ހެއްޔެވެ. ނުބައިތާކު ޕާކު ކުރެވުނީ ހެއްޔެވެ. ޖަވާބުގައި އޭނާ ޖަހާލީ ހިނިގަނޑެކެވެ. ދެން ވެސް ބުނީ "ބައެއް ޒާތުގެ މީހުން ދޭނީ ވެސް ރަނޑު ޖަވާބޭ މީހުން ބުނެ އެވެ. އެއީ ހަމަ ތެދެކެވެ".
މިފަހަރު ކަންބޮޑުވި އެވެ. އެ ބުނި އެއްޗަކުންނެވެ. ކުޑަކޮށް ކައިރިއަށް ޖެހިލާފައި "ގެޓެއް" ނުވިއޭ ބުނީމާ އޭނާ ބުންޏެވެ. "މިދައްކަނީ ޑޮލަރު ތިރިކުރާނެ ކަމަށް ބުނި ސައީދު އެދިން މޮޅު ރަނޑު ޖަވާބުގެ ވާހަކަ އެވެ".
ވިސްނާލެވުނީ އެހާ ހިސާބުންނެވެ. އިއްޔެއާއި ރޭ އަދި މިއަދު އެންމެ ބާރަށް އެނބުރޭ އެއް ވާހަކަ މަތިންނެވެ. އެ ބޭބެ އެ ބުނިހެން ޕީއެސްއެމްގައި އިކޮނޮމިކް މިނިސްޓަރު ސައީދު ދެއްކެވި މޮޅު ވާހަކަ އެވެ. ރާއްޖޭގައި ޑޮލަރުގެ އަގު މައްޗަށް ދާ ސަބަބުގެ ވާހަކަ އެވެ.
ސައީދު އިންތިޒާމް ކޮށްގެން ސައީދު ބޭނުން މީހުން ލައިގެން ސައީދު ދައްކާނެ ގޮތަކަށް ވާހަކަ ދައްކަން ސައީދު ހޯސްޓް ކުރި ސައީދުގެ އެ ޝޯވްގައި، ޑޮލަރުގެ އަގު މައްޗަށް އެރުން ޖެހީ ނޫސްވެރިންގެ ބޮލަށެވެ. ހުރިހާ މީޑިޔާތަކެއް ނޫނެވެ. ދެ ނޫހަކަށެވެ.
މިނިސްޓަރު ސައީދު އެ ފޯރަމްގައި ވިދާޅުވީ، ހެނދުނު މުޅި ގައުމު ހޭލާއިރު ދެ ނޫހެއްގެ ސުރުހީގައި ޑޮލަރުގެ ރޭޓަކީ 22ރ. އޭ ނުވަތަ 24ރ. އޭ ބުނެ ހަބަރު ފެތުރުމުން މާކެޓުން އެއަށް ރިއެކްޓްކުރާ ކަމަށެވެ.
"އެއީ ޒިންމާދާރު ގޮތެއް ތޯ؟ އެއްވެސް ގައުމެއްގައި އެކަން ހިނގާނެ ގޮތެއް ނޫން. އިގުތިސާދެއް ހަލާކުކޮށްލަން ޑެލިބަރޭޓްލީ މިއަދު ޑޮލަރު ރޭޓަކީ 24ރ. އޭ، ހަމަ ޑެލިބަރޭޓްލީ ނިއުސްތަކުގައި އެހެން ގެނައުމަކީ އެއީ އެންމެ ރަނގަޅު ޑިމޮކްރަސީތޯ؟،" ސައީދު ވިދާޅުވި އެވެ.
ބްލެކް މާކެޓުގެ އަގުތައް ނޫސްތަކުން ގެނެސްދެނީ ސައީދު ވިދާޅުވި ގޮތުގައި އާންމުންގެ މެދުގައި ކަންބޮޑުވުން އުފެއްދުމަށެވެ. އެފަދަ ހަބަރުތަކަކީ "ފޭކް ނިއުސް" ކަމާއި އެއީ ހުޅަނގުގެ ބައެއް ޑިމޮކްރެސީތަކުގައި ގެންގުޅޭ އުކުޅެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"ޕޮލިޓިކަލް އެމްބިޝަންއެއް ކާމިޔާބުކުރުމަށްޓަކައި ސޮސައިޓީއެއް ޑިވައިޑްކޮށްލައި މާކެޓް ކްރޭޝް ކޮށްލުމަށްޓަކައި ފޭކް ނިއުސް މި ފަތުރަނީ. އެހެންވީމަ އެހެން ހެދީމަ މިހާ ކުޑަ އިކޮނޮމީއެއްގައި ނަގަންޖެހޭ ބްރަންޓު (އުފުލަންޖެހޭ ތަކުލީފް) ބޮޑުވާނެ. މީގެން ކޮން ފައިދާއެއްތޯ ވާނީ އެގޮތަށް ހަބަރު ގެނެސްދިނީމަ،" ސައީދު ވިދާޅުވި އެވެ.
މޮޅު ފަރަންޖީ ބަސްތަކަކުން ސައީދުގެ އެ ޖަވާބު ދެއްވިއިރު ސައީދަށް ކެރިވަޑައި ނުގަތީ އެއީ ކޮން ދެ ނޫހެއްކަން ވިދާޅުވާށެވެ. ސައީދުގެ މޮޅު ބަސްމޮށުންތެރިކަމާއެކު ވެސް ދެފަށް މާނައިގައި ވެސް، ނޫންނަމަ "ނުގޮތަކަށް ވެސް އެއީ ކޮން މީޑިއާއެއްކަން ވިދާޅުވާކަށް" ހިލާ ކެރިވަޑައެއް ނުގަތެވެ.
ފަށާނީ މިހާ ހިސާބުންނެވެ.
ސައީދޫ އެވެ. އަހަރެމެންނެއް ނޫނެވެ. ނޫސްވެރިންނެއް ނޫނެވެ. ސައީދަކީ މޮޅު އިކޮނޮމިސްޓެއްކަމަށް ހީފުޅު ކުރެއްވީ ޑރ މުއިއްޒެވެ. ރައީސުލް ޖުމްހޫރިއްޔާ އެވެ. ކެބިނެޓްގެ އެ މަގާމު ހަވާލުކުރެއްވީ އެހެން ކަމަށް ހީކޮށެވެ. ވަރަށް ކުޅަދާނަ ވާނެއޭ ހީފުޅު ކުރެއްވިގެންނެވެ.
ތެދެކެވެ. ކުޅަދާނަ އެވެ. ސައީދު ވިދާޅުވި ބަހަކުން ރައްޔިތުން މުއިއްޒަށް މަޖިލީހުގެ ސުޕަރ މެޖޯރިޓީ ދިނީ އެވެ. މަޖިލީހުގެ މެޖޯރިޓީ ދީފިއްޔާ ޑޮލަރު އޭގެ ހަމަ އަގަށް ތިރިކުރާނެ ކަމަށް ސައީދު ވިދާޅުވީމަ އެވެ.
ސައީދޫ އެވެ. އެހެން ވިދާޅުވީ މީޑިޔާތަކުން ބުނެގެނެއް ނޫނެވެ. އެކަމަކު ސައީދު އޭރު ވިދާޅުވި އެ ވާހަކަ މީޑިޔާތަކުން ރައްޔިތުންނާ ހަމައަށް ގެނެސްދިނީ އެވެ. މުޅި ރާއްޖޭގައި އެ ވާހަކަ ވައިގަ ހިއްޕުވާލީ އެވެ. ފަހަރެއްގައި ވެސް އެއީކީ ސައީދު ވިދާޅުވި "ފޭކު" ވާހަކައެއް ކަމެއް އޭރަކު ނުވިސްނުނެވެ. ނޫންނަމަ ވިސްނާނެ ޖާގައެއްވެސް ނެތެވެ. އެއަށްވުރެ ބޮޑަށް ސައީދުމެން ކުރީގެ ސަރުކާރޭ ކިޔައިގެން ދެއްކެވި ޑޮލަރުގެ ވާހަކައިގެ ސަބަބުން ރައްޔިތުން ތިބީ "ޕެނިކް" ވެފަ އެވެ. އެހެންވެ ނޫސްވެރިން ވެސް ބެލީ ސައީދުގެ އެ މޮޅު ވައުދު ގެނެސްދެވޭތޯ އެވެ.
ސައީދޫ އެވެ. މިއަދު ދެރަވެ އެވެ. ސައީދު އެ ދުވަހު އެ ވިދާޅުވި "ފޭކް" ވާހަކަ ގެނެސްދެވުނީތީ އެވެ. އޭގެ އަވައިގާ ޖެހި ރައްޔިތުން ހެއްލި މަޖިލީހުގެ އަތްގުޅި ނުކާވަރުގެ މެޖޯރިޓީ ސައީދު މެންނަށް ދިނީތީއެވެ.
ސައީދޫ އެވެ. އެ މެޖޯރިޓީއާއެކު ސައީދުމެން ތިޔަ ދަނީ މަޖިލީސް ތެރެއިން ހިތުހުރި އެއްޗެއް ހިތުހުރި ގޮތަކަށް ހަދަމުންނެވެ. ކުރާނެ ކަމެއް ކުރާނެ ގޮތަކަށް ކުރަމުންނެވެ. ގާނޫން ހެދުން އެކަންޏެއް ނޫނެވެ. ހެދިފައި ހުރި ގާނޫންތަކަށް ބަދަލުވެސް ގެންނަނީ އެވެ. ސައީދުމެންގެ މަޖިލީހުން ހަދާފައި ދޫކޮށްލާ ގާނޫން ރޭވެފަ އަލިވާން ވާއިރަށް ވެސް ބަދަލު ކުރަނީ އެވެ.
ސައީދޫ އެވެ. ޑޮލަރުގެ އަގު ތިރިކުރަން ސައީދުމެން، ޚާއްސަކޮށް ސައީދު ތިޔަ ކުރައްވާ މަސައްކަތް ހުއްޓުވާކަށް ކުޑަވައި އިނގިލި ވެސް ހިއްލާލެވޭނެ ވަރުގެ މީހަކު މި އުޑުބަޅުކުރި ހިސާބަކު ނެތެވެ. އެކަމަކު ސައީދު މެނަށް ތިޔަ އުޅެނީ އެކަން ނުވެގެންނެވެ. ލައްކަ ހިކި އަމުރު ވެސް ނެރެފި އެވެ. މަޖްބޫރުން ވެސް ލައްކަ ކަންކަން ތިޔަހަރަ ދަނީ ކުރަމުންނެވެ. ވީކަމެއް ހަތް ހަރާމުން ހަރާމެވެ. އެއީކީ ނޫސްވެރިންނެއް ނޫންނަމަ ދެ ނޫހަކުން ޖެހި ސުރުހީއަކުން ނޫނެވެ. ހަމަ ނުވީ އެވެ. ގާބިލު ކަމެއް ނެތުނީމަ އެވެ.
ސައީދޫ އެވެ. ކަންކަން ނުވީމާ މީހުން ލައްކަ ފަތިވަރު ދަމާ އުޅެ އެވެ. އެހެންމީހުންގެ ބޮލަށް ވެސް ކަނޑާލަ އެވެ. އެކަމަކު ތިޔަ ކަނޑާލީ ދެން މާ އެހެން ކަހަލަ ގޮތަކަށެވެ. ތިޔަ ވިދާޅުވި އެއްޗަކަށް މަވެސް އެއްޗެއް ބުނެލާފައި ނިންމާލާނަމެވެ.
ސައީދޫ އެވެ. މީޑިޔާގެ ބޮލަށް ޖެއްސެވިއިރު ތިޔަ ބުނާ މީޑިޔާ އޮތީވެސް ސައީދުމެންގެ އަތްޕުޅުގަ އެވެ. ބަންޑާރަ ޓީވީ އެއޮތީ ސައީދުމެން ބޭނުން އެއްޗެއް ބޭނުން ގޮތަކަށް ކިޔާލަ ކިޔާލަ އެވެ. ސީދާ ސައީދުމެން ހެދި ޓީވީން އެ ދަނީ ކެނޑިނޭޅި ސައީދުމެން ދައްކާން ބޭނުންވާ މަންޒަރު ދައްކަމުންނެވެ. ސައީދުމެން ފައިސާ ދީގެން ހިންގާ އިއްޔެ މެންދުރު އޮންލައިން ނޫސްތަކުގައި ސައީދުމެން ވިދާޅު ނުވާ އެއްޗެއް ޖެހޭނެ އެއްވެސް އިޚުތިޔާރެއް ނޯންނާނެ އެވެ. ސޯޝަލް މީޑިޔާގައި ސައީދުމެން ބޭނުންވާ އެއްޗެއް އަނބުރަން އެ ވަނީ ފައިސާ ދީފައި އެތައް އަޅުކުދިންނެއް ބައި ތިއްބާފަ އެވެ. ދެން ތިޔަ ވިދާޅުވާ ގޮތައް މީޑިޔާ މެދުވެރިކޮށް ޑޮލަރުގެ އަގު ދަށް ނުކުރެވުމަކީ ސައީދާއި ސައީދުގެ ސަރުކާރުގެ ނާގާބިލް ކަމެވެ. ސައީދުމެން ބޭނުން ނަމަ ނޫހުގެ ސުރުޚީގައި ޖަހައިގެން ތިޔަ ބުނާ ޑޮލަރުގެ އަގު 15.42 އަށް ކީއްކުރަން ހެއްޔެވެ. 10 ރުފިޔާއަށް ވެސް ހެދޭނޭހާ މީޑިޔާގެ ބާރު ތިޔައޮތީ ސައީދުމެންގެ ފައިކޭޓުގަ އެވެ. ނޫހެއްގައި ޖަހައިގެން ޑޮލަރުގެ އަގު ދަށްކުރެވޭނަމަ ސައީދުމެންނަށް އެއީ މެޓައެކެވެ. ފެންތައްޓެއް ބޮއެފައި ވައެއް ލުންހާ ފަސޭހަ ކަމެކެވެ.
ކޮންމެއަކަސް ސައީދޫ އެވެ. ތިޔަ ވިދާޅުވެވުނީ ވަރަށް ދެރަވަރު ވާހަކައެކެވެ. ވަޒީރަކު ވިދާޅުވާނެ އެންމެ ތާކުންތާކު ނުޖެހޭ އެއް ވާހަކައެވެ. ޚާއްސަކޮށް ސައީދު ކަހަލަ ފާޓުފުޅާ ވަޒީރެކެވެ. އެކަމަކު އެބޭ ބުނިހެން ނުކުންނާނީ އެއެއްޗެއްގައި ހުރި ދިޔައެއްތާ އެވެ. އެކަމަކު އެބޭ ބުންޏަސް ސައީދަކީ އެޒާތުގެ މީހެކޭ މަށަކު ނުބުނާ ނަމެވެ. ނަމަވެސް ޑޮލަރުގެ އަގު ދަށް ނުކުރެއްވުނީމާ ތިޔަ ދެއްކެވީ ވަރަށް "ރަނޑު ހުއްޖަތެކެވެ". އެއްޗެކޭ ހީފުޅު ނުކުރައްވައްޗެވެ. މިވަރަށް ދެން ބުނެލާނަމެވެ. ވަރަށް ސަލާމެވެ.









