ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު
29 ޖުލައި 2026 | ބުދަ 11:14ރާއްޖޭގައި ދިވެހި ރުފިޔާ އިތުރުވެ ޑޮލަރު ދައުރުވާ މިންވަރު މަދުވުމުގެ ސަބަބުން ފައިސާގެ އަގު ދަށަށް ގޮސްފައިވާ ކަމަށް ވިޔަފާރިވެރިޔާ މުޙައްމަދު މޫސާ ވިދާޅުވެއްޖެ. ޑޮލަރުގެ އަގު ކޮންޓްރޯލް ކުރުމަކީ ސަރުކާރަށް ކުރެވޭނެ ކަމެއް ނޫން ކަމަށާއި، މިކަމަށް އޮތް ހަމައެކަނި ހައްލަކީ ބާޒާރުގައި ދައުރުވާ ދިވެހި ފައިސާގެ މިންވަރު މަދުކުރުން ކަމަށް އޭނާ ފާހަގަކުރެއްވި

ޗަމްޕާ މުހައްމަދު މޫސާ، ނ.ޢ.ޢ.ވ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި | ރައީސް އޮފީސް
ރާއްޖޭގައި ޑޮލަރުގެ އަގު ދަށަކަށް ނުދާނެ ކަމަށާއި، އެއީ ސަރުކާރަށްވެސް ކުރެވޭނެ ކަމެއް ނޫން ކަމަށް ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ވިދާޅުވެއްޖެ އެވެ.
ޑޮލަރުގެ އަގާ ބެހޭ ގޮތުން ރާއްޖެޓީވީ އާ ވާހަކަ ދައްކަވަމުން، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން (ނ.ޢ.ޢ.ވ.)، އަދި ނިޝާން މުލީގޭ ޝަރަފްގެ ޢިއްޒަތުގެ ވެރިޔާ ހާސިލު ކުރައްވާފައިވާ، މުޙައްމަދު މޫސާ ވިދާޅުވީ، ޑޮލަރުގެ އަގު ބޮޑުވެގެން ދިއުމުގެ އެންމެ ބޮޑު ސަބަބަކީ ދިވެހި ރުފިޔާ ސާކިއުލޭޝަންގެ ތެރޭގައި މާބޮޑަށް ގިނަވަގެން ދިއުމުގެ ސަބަބުން ދިވެހި ފައިސާގެ އަގު ދަށަށް ދިއުން ކަމުގަ އެވެ.
"އެއްޗެއް މާބޮޑަށް ގިނަ ވެއްޖެއްޔާ އޭގެ އަގު ދަށަށް ދާނެ، އަގެއް ނުހުންނާނެ، ދިވެހި ފައިސާ އަށް ވެގެން މިއުޅެނީ އެހެން،" ކަމަށް އިޤުތިޞާދީ އެކިއެކި މަސައްކަތްތަކުގައި މުޅި ހަޔާތް ހޭދަކުރެއްވި މުހައްމަދު މޫސާ ވިދާޅުވި އެވެ.
މުހައްމަދު މޫސާ ވިދާޅުވީ، ޑޮލަރުގެ އަގު ދަށް ކުރުމަކީ ސަރުކާރަށް ކުރެވޭނެ ކަމެއް ނޫން ކަމަށާއި، އެއީ ސަރަހައްދުގެ އެއްވެސް ގައުމެއްގެ ސަރުކާރަކަށް ވެސް ކުރެވުނު ކަމެއް ނޫން ކަމަށެވެ.
މިސާލު ދައްކަވަމުން، އިންޑިއާ، ބަންގްލަދޭޝް އަދި ސްރީ ލަންކާގައި ޑޮލަރުގެ އަގުތައް ބޮޑުވަމުންދާ ގޮތް މުހައްމަދު މޫސާ ފާހަގަ ކުރެއްވި އެވެ.
މުހައްމަދު މޫސާ ވިދާޅުވީ، ރާއްޖޭގައި ހިނގަމުންދާ މަޝްރޫއުތަކަށާއި، މުސާރަ އާއި ދައުލަތް ހިންގުމުގެ ކަންކަމަށް ގިނަ އަދަދެއްގެ ދިވެހި ފައިސާ ނެރެފައިވާ އިރު، ޑޮލަރު ސާކިއުލޭޝަންގައި ދައުރުވާ މިންވަރުވެސް ވަނީ ދަށަށް ގޮސްފައިވާ ކަމަށެވެ.
"ޑޮލަރު ލިބެން ހުރި ވަރު ދަށްވެއްޖެ، ދިވެހި ރުފިޔާ އެހާ ގިނަ ވެއްޖެ، އެހެންވީމާ ވެގެން ދާނެ ގޮތް މިވަނީ،" ރާއްޖޭގެ ފަތުރުވެރިކަން މިއަދާ ހަމައަށް ތަރައްޤީވެގެން އައުމުގައި މުހިންމު ދައުރެއް އަދާ ކުރެއްވި މުޙައްމަދު މޫސާ ވިދާޅުވި އެވެ.
"މިހާރު ބައްލަވާ، ތަކެތީގެ އަގު ބޮޑުވާ ވާހަކަ، ތަކެތީގެ އަގު މައްޗަށް ދަނީ އެއް ނޫން، ފައިސާގެ އަގު ދަށަށް ދަނީ، އެހެންވެ ކުރިން ރުފިޔާ އަކަށް ލިބޭ އެއްޗެއް މިހާރު ރުފިޔާ އަކަށް ނުލިބެނީ،" އަމިއްލަ ޚަރަދުގައި ރާއްޖޭގައި ތަރައްގީގެ ވަރަށް ގިނަ މަޝްރޫއުތައް ހިންގަވާފައިވާ މުހައްމަދު މޫސާ ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ، ސަރުކާރަށް މިކަމުގައި ކުރެވޭނެ ކަމަކީ، ސާކިއުލޭޝަން ގައި އެނބުރޭ ދިވެހި ފައިސާ މަދުކުރުން ކަމަށާއި، އިތުރު މާބޮޑު ކަމެއް ސަރުކާރަށް ކުރެވޭނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.
"މޯލްޑިވްސް ފައިނޭންސް އެންޑް ލީސިންގ ކޮމްޕެނީ" އާއި، "ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް" ޤާއިމު ކުރެއްވުމުގައި އިސް ދައުރެއް އަދާކުރެއްވި މުހައްމަދު މޫސާ އިތުރަށް ވިދާޅުވީ، ޑޮލަރުގެ އަގު އަދިވެސް ދާނީ މައްޗަށް ކަމަށާއި، ސަރުކާރަކަށް އަގު ދަށްކުރުމަށް ކުރެވޭނެ ކަމެއް ނޯންނާނެ ކަމުގަ އެވެ.
ފަތުރުވެރިކަމުގެ ޚިދުމަތް ދެމުންދާ ފަރާތްތަކުގެ މާބޮޑު މަޝްވަރާއެއް ނެތި ކުއްލި ގޮތަކަށް ހުސްވި އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ޢަމަލުކުރަން ފަށާފައިވާ ފޮރިން އެކްސްޗޭންޖް ގާނޫނަށް ގެނައި ބަދަލުތަކުގެ ދަށުން، ރިސޯޓުތައް ހިމެނޭ ގޮތަށް ބޭރު ފައިސާ ލިބޭ ވިޔަފާރިތަކުން ކޮންމެ ފަތުރުވެރިއަކަށް 500 ޑޮލަރު ނުވަތަ އާމްދަނީގެ 20 އިންސައްތަ ދިވެހި ރުފިޔާއަށްވާވަރު ބޭންކަށް މާރު ކުރަން ޖެހެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ސަރުކާރުގެ އިސްވެރިން އަދިވެސް ވިދާޅުވަނީ ޓޫރިޒަމް ވިޔަފާރިތަކުން ޑޮލަރު މާރުކުރަން ފެށުމުން ޑޮލަރުގެ ކަޅު ބާޒާރުގައި އަގުތައް ތިރިކުރެވޭނެ ކަމަށެވެ.
އެހެން ނަމަވެސް ގާނޫނަށް ބަދަލުގެނެސް އަމަލު ކުރަން ފެށިތާ ދޮޅު އަހަރު ވެގެން ދިޔަ އިރު ކަޅު ބާޒާރުގައި ޑޮލަރު ގަންނަން ލިބޭ އިރު ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ޑޮލަރުގެ އަގު ދަނީ އުފުލެމުންކަން ފާހަގަ ކުރެވެ އެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ޑޮލަރު ވިއްކާ ރަސްމީ ރޭޓަކީ 15.42ރ. ކަމަށް ކަނޑައަޅާފައި ވީ ނަމަވެސް މިހާރު ކަޅު ބާޒާރުގައި ޑޮލަރު ގަންނަން ލިބެން ހުރީ 21.80ރ. އަށެވެ.
އަނެއްކޮޅުން ޓޫރިޒަމް ވިޔަފާރިތަކާއި ޑޮލަރުން އާމްދަނީ ލިބޭ ބޮޑެތި ވިޔަފާރިތަކުގެ އާމްދަނީން ބައެއް މާރުކުރަން މަޖުބޫރުކުރުވި ނަމަވެސް، ސަރުކާރުގެ ޑޮލަރު މާރުކުރުމުގެ މި ސިޔާސަތުގެ ސަބަބުން ރަސްމީ ރޭޓުގައި ވިޔަފާރިތަކަށް ޑޮލަރު ނުލިބޭ މައްސަލަ އަށް އެއްވެސް ހައްލެއް ލިބިފަ އެއް ނުވެ އެވެ.










