އިންފަންޓީނޯގެ ސިއްރު ލޯބިވެރިޔާ އަށް ޔުއެފާ އިން ފައިސާ ދިން ކަމަށް ތުހުމަތުކޮށްފި
8 އޯގަސްޓު 2026 | ހޮނިހިރު 03:03ޔުއެފާއިން ނެރުނު ބަޔާނެއްގައި، އެ އަންހެން މީހާ ވަޒީފާ އިން ވަކިވުމުން ފައިސާ ދީފައިވާ ކަން ވަނީ ކަށަވަރު ކޮށްދީފައި. ޔުއެފާ އިން ބުނި ގޮތުގައި އެ ފައިސާ އަކީ އެ އަންހެން މީހާ ބިޒްނަސް ސްކޫލަކުން އެމްބީއޭ ފުރިހަމަ ކުރުމަށް ބޭނުންވާ ފީ ދެއްކުމަށް ދިން ފައިސާ. އަދި އެ ފައިސާ ދީފައި ވަނީ އޭރު އަމަލު ކުރަމުންދިޔަ ޤަވާއިދުތަކުގެ ތެރެއިން ކަމަށާއި، ނަމަވެސް މިހާރު އެފަދަ ޤަވާއިދުތައް އިތުރަށް ހަރުދަނާ ކޮށްފައިވާ ކަމަށް ޔުއެފާ އިން ބުނޭ


ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ، އޭނާ ވަނީ މީގެ ކުރިން ޔުއެފާގެ ސެކްރެޓަރީ ޖެނަރަލްގެ މަޤާމު ވެސް އަދާ ކުރައްވާފައި | ގެޓީ އިމޭޖަސް
ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާާރާ (ފީފާ)ގެ ރައީސް ޖިއާނީ އިންފަންޓީނޯ، މީގެ ކުރިން ޔުއެފާގެ ސެކްރެޓަރީ ޖެނަރަލްގެ މަޤާމުގައި ހުންނެވި ދުވަސްވަރު، އޭނާ ސިއްރު ގުޅުމެއް ބޭއްވި ކަމަށް ބުނާ އަންހެނަކަށް ޔުއެފާ އިން ފައިސާ ދީފައިވާ ކަމަށް ކުރެވޭ ތުހުމަތުތައް އިންފަންޓީނޯ ދޮގު ކުރައްވައިފި އެވެ.
އިނގިރޭސިވިލާތުގެ "ޑެއިލީ ޓެލެގްރާފް" ނޫހުން ކުރިއަށް ގެންދިޔަ ތަހުގީގަކަށް ފަހު ރިޕޯޓު ކޮށްފައިވާ ގޮތުގައި، އިންފަންޓީނޯއާ ގުޅުމެއް އޮތް ކަމަށް ބުނާ މި އަންހެން މީހާ ވަޒީފާ އިން ވަކިވުމުން، ޔުއެފާ އިން ވަނީ އޭނާ އަށް ބޮޑު އަދަދެއްގެ ފައިސާ ދީފައި އެވެ.
މި މައްސަލައާ ގުޅިގެން ފީފާގެ ތަރުޖަމާނަކު ވިދާޅުވީ، އިންފަންޓީނޯއާ މެދު ކުރެވޭ މި ތުހުމަތުތަކަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި އިންފަންޓީނޯގެ އަބުރަށް ހުތުރުވާ ގޮތަށް، ނުވަތަ ޤަވާއިދާ ޚިލާފު އަމަލެއް ހިންގާފައިވާ ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދެއްކުމަކީ އަބުރު ކިލަނބު ކުރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން، ޔުއެފާ ނުވަތަ ފީފާގެ އެއްވެސް މުވައްޒަފަކު މިހާތަނަށް އިންފަންޓީނޯގެ އަޚުލާގީ މައްސަލައެއް އެއްވެސް އިދާރާ އަކަށް ހުށަހަޅާފައި ނުވާ ކަމަށް ވެސް ފީފާ އިން ބުނެ އެވެ. ޔުއެފާއިން ނެރުނު ބަޔާނެއްގައި، އެ އަންހެން މީހާ ވަޒީފާ އިން ވަކިވުމުން ފައިސާ ދީފައިވާކަން ވަނީ ކަށަވަރު ކޮށްދީފައި އެވެ. ޔުއެފާ އިން ބުނި ގޮތުގައި އެ ފައިސާ އަކީ އެ އަންހެން މީހާ ބިޒްނަސް ސްކޫލަކުން އެމްބީއޭ ފުރިހަމަ ކުރުމަށް ބޭނުންވާ ފީ ދެއްކުމަށް ދިން ފައިސާ އެވެ. އަދި އެ ފައިސާ ދީފައި ވަނީ އޭރު އަމަލު ކުރަމުންދިޔަ ޤަވާއިދުތަކުގެ ތެރެއިން ކަމަށާއި، ނަމަވެސް މިހާރު އެފަދަ ޤަވާއިދުތައް އިތުރަށް ހަރުދަނާ ކޮށްފައިވާ ކަމަށް ޔުއެފާ އިން ބުނެ އެވެ. ޓެލެގްރާފުން ރިޕޯޓު ކޮށްފައިވާ ގޮތުގައި މި އަންހެން މީހާ އަށް ހަ އަދަދު ހިމެނޭ ފައިސާގެ ބޮޑު އިނާޔަތެއް ވަނީ ދީފައި އެވެ.
މި ތުހުމަތުތައް ފެންމަތިވެފައި މިވަނީ، ފީފާ ވޯލްޑް ކަޕްގެ ހިއްސާ އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް އިންފަންޓީނޯ ގެންގުޅުއްވި ރޭވުންތަކާ ގުޅިގެން އޭނާގެ މަޤާމަށް ނުރައްކާވެފައިވާ ދަނޑިވަޅެއްގައި އެވެ. އުމުރުން 56 އަހަރުގެ އިންފަންޓީނޯ ވަނީ އެ ހުށަހެޅުންތަކުގައި ހެދިފައިވާ "ގޯސްތަކަށް" މައާފަށް އެދިވަޑައިގެންފައި އެވެ. ނަމަވެސް، މިދިޔަ ބުދަ ދުވަހު މޮރޮކޯގައި ބޭއްވި ބައްދަލުވުމެއްގައި ސީނިއާ އެގްޒެކެޓިވްގެ ތާއީދު ލިބުމާ އެކު، އޭނާ މަޤާމުން އިސްތިއުފާ ދެއްވުމަށް ވަނީ ދެކޮޅު ހައްދަވާފައި އެވެ.
އިންފަންޓީނޯ، ޔުއެފާއާ ގުޅިވަޑައިގެންފައި ވަނީ 2000 ވަނަ އަހަރު އެވެ. އަދި އޭގެ ފަހުން 2009 ވަނަ އަހަރުން ފެށިގެން، 2016 ވަނަ އަހަރަށް ޔުއެފާ ސެކްރެޓަރީ ޖެނަރަލްގެ މަޤާމު އަދާކުރެއްވުމަށް ފަހު، 2016 ވަނަ އަހަރު އޭނާ ވަނީ ފީފާގެ ރައީސް ކަމަށް އިންތިޚާބުވެ ވަޑައިގެންފައި އެވެ.










