ހީތުރޯ ފަހަތައް ޖައްސާލުމަށްފަހު ދުނިޔޭގެ އެންމެ ބިޒީ އެއާޕޯޓަކަށް ދެކުނު ކޮރެއާގެ އިންޗިއޮން އެއާޕޯޓް
13 އޯގަސްޓު 2026 | ބުރާސްފަތި 18:16މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހު 38.4 މިލިއަން ފަސިންޖަރުންނާއެކު ދެކުނު ކޮރެއާގެ އިންޗިއޮން އެއާޕޯޓުން ބައިނަލްއަގުވާމީ ދަތުރުވެރިންގެ ލިސްޓުގެ އެއްވަނަ ހޯދައިފި. މެދުއިރުމަތީގެ މަގުތަކުގެ ބަދަލުގައި އިންޗިއޮން މެދުވެރިކޮށް ޔޫރަޕަށް ދަތުރުކުރާ މީހުން އިތުރުވުމާ ގުޅިގެން، އެ އެއާޕޯޓުން ޓްރާންސިޓްކުރި ދަތުރުވެރިންގެ އަދަދު ވަނީ 18 އިންސައްތަ އިތުރުވެފައި. އެއާޕޯޓުގެ ވަސީލަތްތައް ތަރައްގީކޮށް ވާދަވެރިކަން އިތުރުކުރުމަށް ސަރުކާރާއި ކޯޕަރޭޝަނުން އަންނަނީ ބުރަ މަސައްކަތްތަކެއް ކުރަމުން

އިންޗިއޮން އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް 2 ގެ އާންމު މަންޒަރެއް | ގެޓީ އިމޭޖަސް
އާންމުކޮށްފައިވާ އާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ދެކުނު ކޮރެއާގެ އިންޗިއޮން އެއާޕޯޓަކީ ބައިނަލްއަގުވާމީ ދަތުރުވެރިން އެންމެ ގިނައިން ބޭނުންކުރި އެއާޕޯޓުގެ ގޮތުގައި ފުރަތަމަ ފަހަރަށް ހިމެނިއްޖެ އެވެ.
އެއާޕޯޓްސް ކައުންސިލް އިންޓަނޭޝަނަލްގެ ވަގުތީ ތަފާސްހިސާބުތަކަށް ބަލާއިރު، ދެކުނު ކޮރެއާގެ މައި ދޮރާށި ކަމަށްވާ އިންޗިއޮން އިންޓަނޭޝަނަލް އެއާޕޯޓުން މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި 38.4 މިލިއަން ބައިނަލްއަގުވާމީ ދަތުރުވެރިން ވަނީ ދަތުރުކޮށްފަ އެވެ.
މި ލިސްޓުގެ ދެވަނައިގައި 37.79 މިލިއަން ދަތުރުވެރިންނާއެކު ލަންޑަންގެ ހީތުރޯ އެއާޕޯޓް އޮތްއިރު، ތިންވަނައިގައި އޮތީ 34.53 މިލިއަން ދަތުރުވެރިން ދަތުރުކުރި ސިންގަޕޫރުގެ ޗާންގީ އެއާޕޯޓެވެ.
އިންޗިއޮން އެއާޕޯޓުން ބުނި ގޮތުގައި، އެ އެއާޕޯޓަށް ލިބުނު މި ކުރިއެރުމުގެ އެއް ސަބަބަކީ އެމެރިކާއާއި އީރާނާ ދެމެދު އުފެދިފައިވާ ހަމަނުޖެހުންތަކުގެ ސަބަބުން، މެދުއިރުމަތީގެ އެއާޕޯޓުތައް ބޭނުންކުރާ ދަތުރުވެރިންގެ މިސްރާބު އިންޗިއޮންއަށް ބަދަލުވުމެވެ.
މުޅި އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު 2024 އަދި 2025 ވަނަ އަހަރު ދެވަނައިގައި އޮތް ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓް، މިއަހަރު އެންމެ ކުރީގައި އުޅޭ ފަސް އެއާޕޯޓުގެ ތެރެއިން ބޭރުވާނެ ކަމަށް މިހާރު ބެލެވެ އެވެ.
ލަންޑަންގެ ހީތުރޯ އެއާޕޯޓް 2024 ވަނަ އަހަރު ފަސްވަނައިގައި އަދި 2025 ވަނަ އަހަރު ހަތްވަނައިގައި އޮތްއިރު، އެ ދެ އަހަރު އިންޗިއޮން އެއާޕޯޓް އޮތީ 12 ވަނަ އަދި 13 ވަނައިގަ އެވެ.
އެއާޕޯޓް ކޯޕަރޭޝަނުން ހާމަކުރި ގޮތުގައި، މީގެ ކުރިން ދުބާއީ މަގުން ޔޫރަޕަށް ދަތުރުކުރި ބައެއް ފަސިންޖަރުން މިހާރު ދަތުރުކުރަނީ އިންޗިއޮން މެދުވެރިކޮށެވެ. މީގެ ސަބަބުން މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު، އެ އެއާޕޯޓުން ޓްރާންސިޓް ކުރި ދަތުރުވެރިންގެ އަދަދު ވަނީ 18 އިންސައްތަ އިތުރުވެފަ އެވެ.
މީގެ އިތުރުން، އިންޗިއޮން އެއާޕޯޓުން ޓްރާންސިޓްވެގެން ޔޫރަޕްގެ ގައުމުތަކަށް ދަތުރުކުރި މީހުންގެ އަދަދު 63.2 އިންސައްތަ އިތުރުވެ، 210،000 އަށް އަރާފައިވާ ކަމަށްވެސް އެ ކޯޕަރޭޝަނުން ބުންޏެވެ.
އެއާޕޯޓް ކޯޕަރޭޝަނުން އިތުރަށް ފާހަގަކުރި ގޮތުގައި، އެއާޕޯޓުގެ އުމްރާނީ ވަސީލަތްތައް ތަރައްގީކުރުމުގެ ސަބަބުން ގިނަ އަދަދެއްގެ ދަތުރުވެރިންނަށް ޚިދުމަތް ދިނުމުގެ ގާބިލުކަން ވަނީ އިތުރުވެފަ އެވެ. 2001 ވަނަ އަހަރު ހުޅުވި އިންޗިއޮން އެއާޕޯޓުން މިހާރު ބައިނަލްއަގުވާމީ 158 މަންޒިލަކަށް ދަތުރުތައް ކުރެ އެވެ.
މިއާ އަޅާބަލާއިރު، ހޮންކޮންގް އިންޓަނޭޝަނަލް އެއާޕޯޓުން 139 މަންޒިލަކަށް، ޝަންހާއީގެ ޕުޑޮންގް އެއާޕޯޓުން 92 މަންޒިލަކަށް އަދި ޓޯކިޔޯގެ ނަރީޓާ އެއާޕޯޓުން ދަތުރުކުރަނީ 86 މަންޒިލަކަށެވެ.
އިންޗިއޮން އެއާޕޯޓް ކޯޕަރޭޝަންގެ އެކްޓިން ޕްރެޒިޑެންޓް ކިމް ބިއޮމް-ހޯ ވިދާޅުވީ، އިންޗިއޮން އެއާޕޯޓަކީ ދުނިޔޭގެ އެއްވަނަ އެއާޕޯޓަށް ހެދުމަށްޓަކައި ދެކުނު ކޮރެއާ ސަރުކާރުން ދިން އެއްބާރުލުމާއި، އާންމު ރައްޔިތުންގެ ހިތްވަރާއި، އެއާޕޯޓުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުން ކުރި ބުރަ މަސައްކަތަށް ޝުކުރު އަދާކުރާ ކަމަށެވެ.
ކިމް އިތުރަށް ވިދާޅުވީ، ދަތުރުވެރިންނަށް ލުއިފަސޭހަ ގޮތްތައް ހޯދައިދިނުމަށް އިސްކަންދީގެން، އެއާޕޯޓުގެ ވާދަވެރިކަން އިތުރަށް ވަރުގަދަކުރުމަށް ކޯޕަރޭޝަނުން ރާވާފައިވާ ކަމަށެވެ.










