ހޮނުގުގުރީގެ ސަބަބުން އިނގިރޭސިވިލާތުގެ މައި ދެ އެއާޕޯޓު ހުއްޓުމަކަށް!
އިނގިރޭސިވިލާތުގެ ދެކުނު އިރުމަތީ ސަރަހައްދުތަކަށް މޫސުން ގޯސްވެ، ގުގުރުމާއެކު ބޯކޮށް ވާރޭވެހުމުގެ ސަބަބުން ލަންޑަންގެ ހީތުރޯ އަދި ގޭޓްވިކް އެއާޕޯޓުގެ 800 އެއްހާ ފްލައިޓް ލަސްވެ، ގިނަ އަދަދެއްގެ ދަތުރުތައް ވަނީ ކެންސަލްކޮށްފައި. މިކަމުގެ ސަބަބުން އެއާ ޓްރެފިކް ކޮންޓްރޯލަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ، ގިނަ އަދަދެއްގެ ފަސިންޖަރުން އެއާޕޯޓުތަކުގައި ތާށިވެފައިވާއިރު، މޫސުން އިތުރަށް ގޯސްވާނެ ކަމަށް ބެލެވޭތީ ދަތުރުތަކަށް ބުރޫއެރުން ކުރިއަށްދާނެ ކަމަށް ކަމާބެހޭ އިދާރާތަކުން ލަފާކުރޭ.

މި ހިނގަމުންދާ ހަފުތާގެ ތެރޭގައި އިނގިރޭސިވިލާތުގެ ބައެއް ސަރަހައްދުތަކަށް ގުގުރުމާއެކު ބާރުގަދަ ތޫފާންތަކެއް އަރައި، އެ ގައުމަށް ވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައި. | ގެޓީ އިމޭޖަސް
އިނގިރޭސިވިލާތަށް ކުރިމަތިވި ހޫނުގަދަ މޫސުމަށްފަހު ގުގުރުމާއެކު ބޯކޮށް ވާރޭވެހެން ފެށުމުގެ ސަބަބުން، ލަންޑަންގެ ހީތުރޯ އެއާޕޯޓާއި ގެޓްވިކް އެއާޕޯޓުގެ ފްލައިޓްތައް 11 ގަޑިއިރަށްވުރެ ގިނަ އިރަށް ލަސްވެއްޖެ އެވެ.
ދަތުރުފަތުރުގެ މައި ދެ މަރުކަޒު ކަމަށްވާ މި ދެ އެއާޕޯޓުން ހޮނިހިރު ދުވަހު ފުރަން އޮތް އަދި ޖައްސަން އޮތް ގާތްގަނޑަކަށް 800 ފްލައިޓް މިހާތަނަށް ލަސްވެފައިވާއިރު، މޫސުން ގޯސްވުމުގެ ސަބަބުން ގިނަ އަދަދެއްގެ ފްލައިޓްތައް ވަނީ ކެންސަލްކޮށްފަ އެވެ. އިނގިރޭސިވިލާތުގެ އެއާ ޓްރެފިކް ކޮންޓްރޯލް ސާވިސްއިން ބުނި ގޮތުގައި، ދުވަހުގެ ބާކީ އޮތް ވަގުތުތަކުގައިވެސް ފްލައިޓްތައް ލަސްވުން ކުރިއަށްދާނެ ކަމަށް ބެލެވެ އެވެ.
މިކަމާ ގުޅިގެން ބައެއް ފަސިންޖަރުން ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކުރަމުންދާއިރު، އެކަކު ބުނި ގޮތުގައި އޭނާގެ ދަރިފުޅު ގެޓްވިކް އެއާޕޯޓުގައި އޮތް އީޒީޖެޓްގެ ބޯޓެއްގެ ތެރޭގައި ހަތަރު ގަޑިއިރު ވަންދެން ތާށިވެފައި އިނުމަށްފަހު، އެންމެ ފަހުން އެ ފްލައިޓް ވަނީ ކެންސަލްކޮށްފަ އެވެ.
ގެޓްވިކް އެއާޕޯޓުން ބީބީސީ ނިއުސްއަށް މައުލޫމާތު ދިން ގޮތުގައި އެއާ ޓްރެފިކް ކޮންޓްރޯލްގެ ވަގުތީ ހުރަސްތަކެއް ވަނީ ކުރިމަތިވެފަ އެވެ.
ފްލައިޓްތައް މޮނިޓަރކުރާ "ފްލައިޓްއެވެއަރ" އިން ހާމަކުރި ގޮތުގައި، ހޮނިހިރު ދުވަހުގެ މިހާތަނަށް ހީތުރޯ އެއާޕޯޓަށް ޖައްސަން އޮތް އަދި އެ އެއާޕޯޓުން ފުރަން އޮތް މަދުވެގެން 377 ފްލައިޓެއް ވަނީ ލަސްވެފަ އެވެ. އަދި ގެޓްވިކް އެއާޕޯޓުން 399 ފްލައިޓެއް ވަނީ ލަސްވެފަ އެވެ.
ޔޫރަޕްގެ އޭވިއޭޝަން އެޖެންސީ "ޔޫރޯކޮންޓްރޯލް" ގެ މެޕުން ދައްކާ ގޮތުގައި، އެއާ ޓްރެފިކް ކޮންޓްރޯލްގެ އެންމެ ބޮޑު ދަތިތަކެއް ކުރިމަތިވެފައިވަނީ އިނގިރޭސިވިލާތުގެ ދެކުނު އިރުމައްޗާއި ޔޫރަޕްގެ ހުޅަނގު އުތުރުގެ ވައިގެ ސަރަހައްދަށެވެ. މިހާރު ތޫފާނުގެ ބޯ ވިލާތައް ހުރީ އެ ސަރަހައްދުގައެވެ.
އެހެންނަމަވެސް، މި ސަރަހައްދުން ބޭރުން ދަތުރުކުރާ ފްލައިޓްތައް ގަޑިއަށް ފުރައި، ގަޑިއަށް ޖައްސަމުންދާއިރު، އިނގިރޭސިވިލާތުގެ އެހެން އެއާޕޯޓްތަކަށް މިކަމުގެ އަސަރު މާ ބޮޑަކަށް ނުކުރެއެވެ.
އިނގިރޭސިވިލާތުގެ އެއާ ޓްރެފިކް ކޮންޓްރޯލް ސާވިސް (ނެޓްސް) އިން ބުނީ، އިންގްލެންޑްގެ ދެކުނު އިރުމައްޗަށް މޫސުން ވަރަށް ބޮޑަށް ގޯސްވާނެ ކަމަށް ލަފާކުރެވޭތީ، ދުވަހުގެ ބާކީ އޮތް ވަގުތުތަކުގައިވެސް މޫސުމީ ސަބަބުތަކާ ހުރެ ދަތުރުތަކަށް ބުރޫއަރާނެ ކަމަށް ބެލެވޭ ކަމަށެވެ.
މި ގުގުރުމާއި ވިދުމާއެކު ބޯކޮށް ވާރޭވެހެން ފެށީ ރެކޯޑް މިންވަރަކަށް ހޫނުގަދަވުމަށްފަހުގަ އެވެ. އެގޮތުން ހުކުރު ދުވަހު، ޖޫން މަހެއްގައި މިހާތަނަށް ރެކޯޑް ކުރެވުނު އެންމެ މަތީ ހޫނުމިން ކަމަށްވާ 37.3 ޑިގްރީ ސެލްސިއަސް ރެކޯޑްކޮށްފަ އެވެ.
އިންގްލެންޑްގެ އިރުމައްޗާއި ދެކުނު އިރުމަތީގެ ބައެއް ސަރަހައްދުތަކަށް އާދަޔާ ހިލާފަށް ހޫނުގަދަވާނެ ކަމަށް ބަލައި ނެރެފައިވާ "އެމްބަރ" އެލާޓް އާދިއްތަ ދުވަހުގެ ހެނދުނާ ހަމައަށް ދެމިއޮންނާނެ އެވެ. އަދި އިނގިރޭސިވިލާތުގެ ދެކުނަށް ކުރިމަތިވެފައިވާ ގުގުރުމާއެކު ވާރޭވެހޭ މޫސުން ހޮނިހިރު ދުވަހުގެ މެންދުރުފަހު އިތުރަށް ގޯސްވާނެ ކަމަށް ލަފާކުރެވެ އެވެ.
ޔޫރޯކޮންޓްރޯލުން ބުނި ގޮތުގައި، ސްޕެއިންގެ އުތުރުން ފެށިގެން ސްވިޑަންގެ ދެކުނާ ހަމައަށް މޫސުން ގޯސްވުމުގެ ސަބަބުން ރޭގަނޑު ވަގުތު އިތުރު ތޫފާނީ ވިލާތައް އުފެދުމުގެ ފުރުސަތު އެބައޮތެވެ. އަދި މި ވިލާތައް އުފެދޭނީ ކޮން ވަގުތަކު ކޮން ތަނަކަށް ކަމާމެދު މާ ބޮޑު ޔަގީންކަމެއް ނެތް ކަމަށްވެސް އެ އިދާރާއިން ބުންޏެވެ.
މޫސުން ގޯސްވުމުގެ ސަބަބުން ފްލައިޓްތަކަށް އެ ސަރަހައްދުތަކުން ދަތުރު ނުކުރެވޭތީ، އޭގެ ނޭދެވޭ އަސަރު މުޅި ފްލައިޓް ޝެޑިއުލަށް ދަނީ ކުރަމުންނެވެ.
ހީތުރޯ އެއާޕޯޓުން ފަސިންޖަރުންނަށް އިރުޝާދު ދެނީ ދަތުރު ފެށުމުގެ ކުރިން އެއާލައިންތަކާ ގުޅައިގެން ފްލައިޓްގެ ހާލަތު ޔަގީންކުރުމަށެވެ.
އީޒީޖެޓުން ބުނީ، ގުގުރުމާއެކު ވާރޭވެހުމުގެ ސަބަބުން ފްލައިޓްތައް ޖެއްސުމާއި ފުރުމަށް ހުރަސްތަކެއް ހުރުމުން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ގެޓްވިކްގެ ބައެއް ދަތުރުތައް ކުރިއާލާ ކެންސަލް ކުރަން ޖެހުނީ ކަމަށެވެ.
އަދި ފަސިންޖަރުންނަށް ފައިސާ އަނބުރާ ދިނުމާއި، އެހެން ފްލައިޓަކުން ޖާގަ ހަމަޖައްސައިދިނުމާއި، ހޮޓާ އަދި ކެއުންބުއިމުގެ އިންތިޒާމުތައް ބޭނުންވާ ހާލަތްތަކުގައި ހަމަޖައްސައިދެމުންދާ ކަމަށްވެސް އެ އެއާލައިނުން ބުންޏެވެ.
މަސްދަރު: ބީބީސީ





