ޔުއެފާ އިން އަދިވެސް އޮތީ ވޯލްޑް ކަޕް ބޮއިކޮޓްކުރުމުގެ ވިސްނުމުގައި!
6 އޯގަސްޓު 2026 | ބުރާސްފަތި 14:16އެންމެ ފަހުން ވެސް ޔުއެފާ އިން ބުނެފައި ވަނީ އިންފަންޓީނޯ އަށް އޮތް އިތުބާރު ގެއްލިފައިވާ ކަމަށް. އަދި އެ ވިސްނުން ބަދަލުނުވާ ކަމަށާއ، ޔުއެފާގެ މެންބަރުން ތިބީ އަދިވެސް އެ ގޮތުގައި ކަމަށް ހާމަކޮށްފައިވޭ. ޔުއެފާ އިން ބުނެފައި ވަނީ ފީފާގެ ރައީސް ކަމުގައި އިންފަންޓީނޯ ބެހެއްޓުމަށް އެ އިދާރާގެ އެގްޒެކެޓިވް ކައުންސިލް އިން ނިންމާފައިވީ ނަމަވެސް، އެކަމުން އެއްވެސް ބަދަލެއް ނާންނަ ކަމަށް


ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އާއި ޔުއެފާގެ ރައީސް އެލެކްސެންޑާ ޗެފެރިން | ގެޓީ އިމޭޖަސް
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ހުށަހެޅުއްވި ވޯލްޑް ކަޕްގެ ހިއްސާ ވިއްކާލުމުގެ ޕްލޭން ހުއްޓާލުމާ އެކު، އިންފަންޓީނޯ އަށް ތާއީދު އޮތް ކަމަށް އެ އިދާރާގެ އެގްޒެކެޓިވް ކައުންސިލް އިން ހާމަކޮށްފައިވީ ނަމަވެސް، ޔުއެފާ އިން އަދިވެސް އޮތީ ވޯލްޑް ކަޕް ބޮއިކޮޓް ކުރުމުގެ ވިސްނުމުގައި ކަމަށް އެ އިދާރާ އިން ހާމަކޮށްފި އެވެ.
ފީފާގެ މުބާރާތްތަކުގެ ބައެއް ހިއްސާ އަމިއްލަ އިންވެސްޓަރުންނަށް ވިއްކުމުގެ ވިސްނުމާ ގުޅިގެން، އިންފަންޓީނޯގެ މަޤާމަށް ޕްރެޝަރު ކުރިމަތިވުމާ އެކު އޭނާ ވަނީ އެކަން ހުއްޓާލައްވައިފަ އެވެ. އޭގެ ފަހުން ފީފާ އިން ބޭއްވި ކުއްލި ބައްދަލުވުމެއްގައި ނިންމާފައި ވަނީ އިންފަންޓީނޯ އަށް ތާއީދު ކުރުމަށެވެ.
ހަތަރު ވަނަ ދައުރަކަށް ކުރިމަތިލެއްވުމަށް އިންފަންޓީނޯ މަސައްކަތް ކުރަމުން އަންނައިރު، އިންތިޚާބު ކާމިޔާބު ކުރުމަށް ފީފާގެ 211 މެންބަރުންގެ ތެރެއިން 106 މެންބަރުންގެ ވޯޓު އޭނާ ބޭނުންވާނެ އެވެ. އެފްރިކާގެ ފުޓުބޯޅަ ކޮންފަޑެރޭޝަން އިން އެ އިދާރާގެ އެކްޒެކެޓިވް ކޮމެޓީގެ ބައްދަލުވުމެއް ބާއްވަން ތައްޔާރުވަމުން އަންނައިރު، އިންފަންޓީނޯ އަށް ތާއީދު ކުރާކަން އާންމުކޮށް ހާމަކުރުމުގެ ފުރުސަތު އެބަ އޮތެވެ.
މިކަމާ ގުޅިގެން ޔުއެފާ އިން ކޮށްފައިވާ ދެ ޝަރުތަކީ، މުބާރާތް ވިއްކުމުގެ ހުށަހެޅުން އަނބުރާ ގެންދިޔުމާ އެކު، މިފަދަ ގޮތަކަށް ކުޅިވަރު ބަދަލުކުރުމުގެ މަސައްކަތްތައް ދެން ނުކުރާނެ ކަމުގެ ޔަޤީންކަން ދިނުމެވެ. ޔުއެފާ އިން ބުނީ، އަދި ވެސް އެ އިދާރާ އިން ކޮށްފައިވާ ޝަރުރުތައް ފުރިހަމަވެފައިނުވާ ކަމަށެވެ.
އެންމެ ފަހުން ވެސް ޔުއެފާ އިން ބުނެފައި ވަނީ އިންފަންޓީނޯ އަށް އޮތް އިތުބާރު ގެއްލިފައިވާ ކަމަށެވެ. އަދި އެ ވިސްނުން ބަދަލު ނުވާ ކަމަށާއ، ޔުއެފާގެ މެންބަރުން ތިބީ އަދިވެސް އެ ގޮތުގައި ކަމަށް ހާމަކޮށްފައިވެ އެވެ. ޔުއެފާ އިން ބުނެފައި ވަނީ ފީފާގެ ރައީސް ކަމުގައި އިންފަންޓީނޯ ބެހެއްޓުމަށް އެ އިދާރާގެ އެގްޒެކެޓިވް ކައުންސިލް އިން ނިންމާފައިވީ ނަމަވެސް، އެކަމުން އެއްވެސް ބަދަލެއް ނާންނަ ކަމަށެވެ.
މި ޙާލަތުގައި ޔޫރަޕުގެ ފުޓުބޯޅަ ޓީމުތަކުން ވޯލްޑް ކަޕް ފަދަ ފީފާގެ މުބާރާާތްތައް ބޮއިކޮޓް ކުރުމުގެ ފުރުސަތު އަދިވެސް އޮތް ކަމަށް ރިޕޯޓުތައް އަންނަނީ ބުނަމުންނެވެ.










