ވެރިކަން ފެށުނީއްސުރެ ފެންނަމުންދަނީ ލާމަރުކަޒީ ނިޒާމު ފުނޑާލައި ހުރިހާ ބާރުތަކެއް ރައީސް މުއިއްޒުގެ އަތްޕުޅަށް ޖަމާކުރުމުގެ ސިލްސިލާ މަސައްކަތްތަކެއް: ޕާޕާ
9 އޯގަސްޓު 2026 | އާދީއްތަ 04:20ލާމަރުކަޒީ ނިޒާމު ބަލިކަށިކޮށް، ކައުންސިލުތަކުގެ ބާރުތައް ރައީސުލްޖުމްހޫރިއްޔާގެ މުށުތެރެއަށް ޖަމާކުރަމުންދާކަމަށް ބުނެ ކެޕްޓަން ފަޔާޒް ސަރުކާރަށް ފާޑުވިދާޅުވެއްޖެ. ރަށްރަށުގެ ބިންތަކާއި ވަސީލަތްތައް ކައުންސިލުތަކުގެ މަޝްވަރާއާ ނުލައި ސަރުކާރުގެ ކުންފުނިތަކަށް ނަގަމުންދާ ދިއުމަކީ ރައްޔިތުންގެ ބާރުތައް ކަނޑުވާލުންކަމަށް އޭނާ ސިފަކުރެއްވި. މި ބަދަލުތަކުގެ ސަބަބުން ލާމަރުކަޒީ ނިޒާމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާކަން އޭނާ ފާހަގަކުރެއްވި


ރައީސް ޑރ. މުހައްމަދު މުއިއްޒު، ތ. ގުރައިދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ތެރެއިން | ރައީސް އޮފީސް
މި ސަރުކާރު ވެރިކަމަށް އައީ ލާމަރުކަޒީ ނިޒާމުގެ "ޗެމްޕިއަނުން" ގެ ގޮތުގައި އިންތިޚާބުގެ ތެރޭގައި ވަކާލާތުކޮށް، އެ މަންޒަރު ރައްޔިތުންނަށް ދައްކައިގެން ކަމަށްވީ ނަމަވެސް، މިއަދު ފެންނަމުންދަނީ މުޅި ނިޒާމު ފުނޑާލުމަށްފަހު ހުރިހާ ބާރުތަކެއް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަތްޕުޅު މައްޗަށް ނެންގެވުމުގެ ސިލްސިލާ މަސައްކަތްތަކެއް ކުރިއަށްދާ މަންޒަރުކަމަށް މާލޭ އޭރިއާގެ ކުރީގެ ކޮމާންޑަރު ކެޕްޓަން އަހްމަދު ފަޔާޒް (ޕާޕާ) ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ފަޔާޒް ވިދާޅުވި ގޮތުގައި މި ސަރުކާރުގެ މިސްރާބު ހުރީ ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގެ ބާރު ކައުންސިލުތަކުގެ އަތުން އަތުލައި، މަރުކަޒީ ސަރުކާރުގެ ނުފޫޒު ގަދަކުރުމަށެވެ. އެގޮތުން އަތޮޅު ކައުންސިލުތައް އުވާލުމުގެ ވިސްނުން ގެންގުޅުމާއި، ރަށު ކައުންސިލުތަކަށް ލިބިދީފައިވާ ބާރުތައް ހަނިކުރުމުގެ އިތުރުން، ރަށްރަށުގެ އިހްތިސާސްގައި ހިމެނޭ ބިންތައް ސަރުކާރަށް ނެގުން ފަދަ އެތައް ކަމެއް މިހާރު ހިންގަމުންދާކަމަށް އޭނާ ވިދާޅުވި އެވެ.
މި ބަދަލުތައް ގެންނަމުންދާއިރު، ކައުންސިލުތަކާ މަޝްވަރާކުރުމުގެ އެއްވެސް ޤާބިލުކަމެއް ސަރުކާރުގެ ކިބައިގައި ނެތްކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި ސަރުކާރު ވެރިކަމަށް އައީ ލާމަރުކަޒީ ނިޒާމުގެ ޗެމްޕިއަނުންގެ ގޮތުގައި އިންތިޚާބުގައި އެ މަންޒަރު ދައްކައިގެން، ނަމަވެސް ވެރިކަމަށް ވަޑައިގެންނެވުމަށްފަހު ފެންނަމުންދަނީ މި މުޅި ނިޒާމު ފުނޑާލައި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަތްޕުޅު މައްޗަށް ހުރިހާ ބާރުތަކެއް ނެންގެވުމުގެ ސިލްސިލާ މަސައްކަތްތައް ކުރިއަށްދާތަން، އަތޮޅު ކައުންސިލުތައް އުވާލުމާއި، ކައުންސިލުތަކުގެ ބާރުތައް ހަނިކުރުމާއި، ބިންތައް ނެގުން ފަދަ އެތައް ކަމެއް މިހާރު މި ސަރުކާރުން ހިންގަމުންދާއިރު، ކައުންސިލުތަކާ މަޝްވަރާ ކުރުމުގެ ޤާބިލުކަންވެސް ސަރުކާރުގެ ނެތްއަހްމަދު ފަޔާޒް (ޕާޕާ)
މީގެ އިތުރުން، ކައުންސިލުތަކުގެ ބަހެއް ނެތި ރަށްރަށުގެ ބިންތަކާއި ވަސީލަތްތަކަށް އަތްގަދަކުރަމުންދާއިރު، އެތައް ރަށެއްގައި ހުރި ރުއްދަނޑުތައް ލޫޓުވައި، ރަށްރަށުގެ މުއްސަނދިކަން ނަގަމުންދާކަމުގެ ޝަކުވާތައް ބޮޑުވެފައިވާކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.
މީގެ އިތުރުން، ސަރުކާރުގެ ކުންފުނިތަކަށް (އެސްއޯއީތަކަށް) ރަށްރަށުގެ ބިންތައް ނަގަމުންދާ މައްސަލައިގައި ވެސް ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުއްޓެވެ. އެސްއޯއީތަކާ ޙަވާލުކޮށްފައިވާ ތަރައްޤީގެ މަޝްރޫއުތައް ނުނިމި، މަސައްކަތްތައް ހުއްޓިފައިވާއިރު، އިތުރަށް ބިންތައް އެ ކުންފުނިތަކުގެ ދަށަށް ގެންދިއުމަކީ ރައްޔިތުންނަށް ލިބޭ ބޮޑު ނިކަމެތިކަމެއްކަމަށް ފަޔާޒް ވިދާޅުވި އެވެ.
މިހާރުގެ ސަރުކާރުގެ އަމަލުތައް ހުރި ގޮތުން، މިއީ ޑިމޮކްރެޓިކް ހަމަތަކުގެ މަތިން ހިނގާ ސަރުކާރެއްގެ ބަދަލުގައި، އަނިޔާވެރި ރަސްކަލެއްގެ ސިފަތައް ޖެހިފައިވާ ވެރިކަމެއްގެ ގޮތުގައި އޭނާ ސިފަ ކުރެއްވި އެވެ. ރައްޔިތުންގެ ބާރުތައް ކަނޑުވާލައި، ހުރިހާ ނިންމުންތަކެއް ރައީސް އޮފީހުގެ ތެރެއިން ނިންމާ ގޮތަށް ބަދަލުކުރުމަކީ ލާމަރުކަޒީ ނިޒާމަށް ދެވޭ ވަރަށް ބޮޑު ހަމަލާއެއްކަން ވެސް ފަޔާޒްގެ ވާހަކައިގައި ފާހަގަ ކުރެއްވި އެވެ.











