ބީއެމްއެލް އިން ޓީޓީތަކަށް ވިއްކާ ޑޮލަރުގެ އަދަދު އިތުރުކުރަން ނިންމައިފި
12 އޯގަސްޓު 2026 | ބުދަ 17:31އެމްއެމްއޭ އިން ބޭންކުތަކަށް ދޫކުރާ ބޭރު ފައިސާ އިތުރުކުރުމާ ގުޅިގެން، ކުރިއަށް އޮތް ތިން ހަފްތާގައި ޓީޓީތަކަށް ޑޮލަރު ވިއްކާ މިންވަރު އިތުރުކުރުމަށް ބީއެމްއެލް އިން ވަނީ ނިންމާފައި. މިއަހަރުގެ މިހާތަނަށް ޓީޓީ ފޮނުވުމަށް އެވްރެޖްކޮށް މަހަކު 27 މިލިއަން ޑޮލަރު ދޫކޮށްފައިވާއިރު، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު ބޮޑު އިތުރުވުމެއް


28 މާޗް 2026، މާލެ، ބޭންކް އޮފް މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާގައި އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ހިއްސާދާރުންނާ މުހާތަބު ކުރައްވަނީ | ބެންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޓީޓީތަކަށް ވިއްކާ ޑޮލަރުގެ އަދަދު އިތުރުކުރަން ނިންމައިފި އެވެ.
ބުދަ ދުވަހު ބީއެމްއެލް އިން ބުނީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ތިން ހަފްތާގެ މުއްދަތަކަށް ބޭންކުތަކަށް ދޫކުރާ ބޭރު ފައިސާގެ މިންވަރު އިތުރުކުރުމާ ގުޅިގެން، ބޭންކް އޮފް މޯލްޑިވްސްއަށް ލިބޭ ޑޮލަރުގެ މިންވަރާއި ކަސްޓަމަރުން ހުށަހަޅާ ޓެލެގްރެފިކް ޓްރާންސްފަރ (ޓީޓީ) ތަކުގެ އަދަދަށް ރިއާޔަތްކޮށް، ތިން ހަފްތާގެ މުއްދަތަކަށް ޓީޓީތަކަށް ޑޮލަރު ފޯރުކޮށްދޭ މިންވަރު އިތުރު ކުރުމަށް ނިންމާފައިވާ ކަމަށެވެ.
ބީއެމްއެލް އިން ބުނީ، މި އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް ޓީޓީ ފޮނުވުމަށް، ބޭންކުން 186 މިލިއަނަށްވުރެ ގިނަ ޑޮލަރު ކަސްޓަމަރުންނަށް ދޫކޮށްފައިވާ ކަަމަށެވެ. މިއީ މަހެއްގެ މައްޗަށް އެވްރެޖްކޮށް 27 މިލިއަން ޑޮލަރެވެ. މިއީ މިދިޔަ އަހަރުގެ މަހެއްގެ އެވްރެޖާ އަޅައިބަލާއިރު 12 މިލިއަން ޑޮލަރު އިތުރު އަދަދެއް ކަމަށް ވެސް ބީއެމްއެލް އިން ބުނެ އެވެ.
މީގެ އިތުރުން ބީއެމްއެލް އިން ބުނީ، ފާއިތުވި 7 މަސްދުވަހުގެ ތެރޭގައި ކަސްޓަމަރުންގެ އެކި ބޭނުންތަކަށް ގާތްގަނޑަކަށް 570 މިލިއަން ޑޮލަރު ފޯރުކޮށްދީފައިވާ ކަމަށެވެ. މިއީ އެވްރެޖްކޮށް ދުވާލަކަށް 2.7 މިލިއަން ޑޮލަރެވެ.
ބީއެމްއެލް އިން ބުނީ، އާންމު ފަރުދުންނަށާއި ވިޔަފާރިތަކުގެ އެކި ބޭނުންތަކަށް ބޭނުންވާ ބޭރު ފައިސާ ފޯރުކޮށްދިނުމުގައި ބޭންކު ދެމިއޮންނާނެ ކަމަށެވެ. އަދި ބޭންކުގެ އެންމެ މުހިންމު އެއް މަސްއޫލިއްޔަތަކީ ކަސްޓަމަރުންގެ ބޭނުންތަކާއި ބޭންކުގެ ބޭރު ފައިސާގެ ހާލަތު ދެމެހެއްޓެނިވި ގޮތެއްގައި ބެލެންސްކޮށް ދެމެހެއްޓުން ކަމަށެވެ.









