ޗައިނާއިން އަލަށް ބާޒާރަށް ނެރޭ އެކަނިވެރިކަން ފިލުވައިދޭ ހިއުމަނޮއިޑް ރޮބޮޓް ދައްކާލައިފި
ޗައިނާގެ ޔޫބީޓެކް ކުންފުނިން އިންސާނުންގެ އިހުސާސްތައް ދެނެގަނެވޭ ފަދަ އޭއައި ޓެކްނޮލޮޖީ ހިމެނޭ "ޔޫ1" ރޮބޮޓް އާންމުކޮށްފައިވާއިރު، މިއީ އެކަނިވެރިންނާއި އުމުރުން ދުވަސްވީ މީހުންނަށް އެހީތެރިވެދޭ ވަފާތެރި އެކުވެރިއެއްގެ ގޮތުގައި ބޭނުންކުރުމަށް ފަރުމާކޮށްފައިވާ އުފެއްދުމެއް. މި ރޮބޮޓަށް މިހާރުވެސް ބޮޑު ތަރުހީބެއް ލިބެމުންދާއިރު، ޗައިނާ ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް އަހަރުތަކުގައި ހިއުމަނޮއިޑް ރޮބޮޓް އުފެއްދުމުގެ ސިނާއަތް އިގްތިސާދުގެ މުހިންމު ބަޔަކަށް ހަދައި، އާންމު ދިރިއުޅުމުގެ ހުރިހާ ދާއިރާއެއްގައި މިފަދަ ވަސީލަތްތައް ބޭނުންކުރުން.

ޗައިނާގެ ގުއަންގްޑޮންގް ޕްރޮވިންސްގެ ޝެންޒެންގައި 2026 ޖޫން 30 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި، ޔޫބީޓެކް ކުންފުނީގެ "ޔޫ1" (U1) ހިއުމަނޮއިޑް ރޮބޮޓް އިފްތިތާހުކުރި ވަގުތު، މީހަކު އެ ރޮބޮޓްގެ މޫނުގައި އަތްޖައްސާލަނީ. | އޭއެފްޕީ
ޗައިނާގެ މަޝްހޫރު ކުންފުންޏަކުން، އެކަނިވެރި މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް އެހީތެރިވެދީ، އެކުވެރިއެއްގެ ގޮތުގައި ހަރަކާތްތެރިވުމަށް ފަރުމާކޮށްފައިވާ، އިންސާނަކާ ވަރަށް ވައްތަރު "ހިއުމަނޮއިޑް" ރޮބޮޓެއް ދައްކާލައިފި އެވެ.
ޝެންޒެންގައި ހުންނަ ޔޫބީޓެކް (UBTech) ކުންފުނިން ބުނި ގޮތުގައި، އެ ކުންފުނީގެ "ޔޫ1" (U1) ރޮބޮޓަކީ އިންސާނަކާ ވަރަށް ބޮޑަށް އެއްގޮތްކޮށް ތައްޔާރުކޮށް، ގިނަ އަދަދަކަށް އުފެއްދުމަށް ތައްޔާރުވެފައިވާ ދުނިޔޭގެ ފުރަތަމަ ރޮބޮޓެވެ.
މި ރޮބޮޓުގައި އިހުސާސްތައް ދެނެގަނެވޭ ފަދަ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާއި ކެމެރާ ހަރުކޮށްފައިވާ ލޯތަކެއް ހުރެއެވެ. މީގެ ސަބަބުން، އެ ރޮބޮޓް ގެންގުޅޭ މީހާ ހާސްވެފައި ނުވަތަ ވަރުބަލިވެފައި ހުރިތޯ ދެނެގަތުމުގެ ގާބިލުކަން އެ ރޮބޮޓަށް ލިބިގެންވެ އެވެ. މި ރޮބޮޓް ފިރިހެން އަދި އަންހެން ސިފައިގައި ލިބެން ހުންނާނެ ކަމަށް ޔޫބީޓެކް އިން ބުނެއެވެ.
ޔޫ1 ރޮބޮޓެއްގެ އަގު އުޅެނީ 119,800 ޔުއާން (13,200 ޕައުންޑް) އާއި 990,000 ޔުއާން (109,000 ޕައުންޑް) އާ ދެމެދުގަ އެވެ. މި ރޮބޮޓަކީ ގޭތެރޭގެ މަސައްކަތްތަކާއި ކެއްކުން ފަދަ ކަންކަމަށްވުރެ ބޮޑަށް، މީހުންގެ އެކަނިވެރިކަން ފިލުވައިދިނުމަށް އަމާޒުކޮށްގެން އުފައްދާފައިވާ އެއްޗެކެވެ. ޔޫބީޓެކްގެ ބްރޭންޑެއް ކަމަށްވާ "ޔޫވޯލްޑް" (UWorld) ގެ އިސްވެރިޔާ މައިކަލް ޓޭމް، ރޮބޮޓް ތައާރަފުކުރުމަށް ބޭއްވި ހަފުލާގައި ވިދާޅުވީ، އެ ކުންފުނީގެ "ބަޔޮނިކް" ރޮބޮޓްތަކަށް މުޅި އުމުރަށް އިންސާނުންނާއެކު އެކުވެރިންގެ ގޮތުގައި އުޅެވޭނެ ކަމަށެވެ.
މައިކަލް ޓޭމް އިތުރަށް ވިދާޅުވީ، މި ރޮބޮޓަކީ ދުވަހަކުވެސް ބޭވަފާތެރިވާނެ އެއްޗެއް ނޫން ކަމަށާއި، އަބަދުވެސް ވަފާތެރިކަމާއެކު އެއްވެސް ޝަރުތަކާ ނުލައި ލޯބިދީ އަޅާލާނެ އެއްޗެއް ކަމަށެވެ. މިދިޔަ އަހަރުވެސް ޔޫބީޓެކް އިން ވަނީ އަމިއްލައަށް ދުވެ، ބެޓެރީ ހުސްވުމުން އަމިއްލައަށް ބެޓެރީ ބަދަލުކުރުމުގެ ގާބިލުކަން ލިބިފައިވާ ދުނިޔޭގެ ފުރަތަމަ ހިއުމަނޮއިޑް ރޮބޮޓް ދައްކާލާފަ އެވެ.
"ވޯކާ އެސް2" (Walker S2) ނަމަކަށް ކިޔާ އެ ރޮބޮޓަކީ، އިންސާނެއްގެ އެހީތެރިކަމާ ނުލައި އަމިއްލައަށް ބެޓެރީގެ މިންވަރު ބަލައި، ބޭނުންވާ ވަގުތު ބެޓެރީ ބަދަލުކޮށްގެން މެދުކެނޑުމެއް ނެތި 24 ގަޑިއިރު މަސައްކަތް ކުރުމުގެ ގާބިލުކަން ލިބިފައިވާ ރޮބޮޓެކެވެ. ޔޫބީޓެކް އިން ބުނާ ގޮތުގައި، ޗައިނާގެ އެކަނިވެރި މީހުންނާއި އުމުރުން ދުވަސްވީ މީހުންގެ ބޮޑު މާކެޓަށް އަމާޒުކޮށްގެން އުފެއްދި އާ ޔޫ1 ރޮބޮޓަށް މިހާރުވެސް 13,000 އަށްވުރެ ގިނަ ޕްރީ-އޯޑަރު ވަނީ ލިބިފަ އެވެ.
ދުނިޔޭގެ ދެވަނައަށް އެންމެ އާބާދީ ބޮޑު ގައުމު ކަމަށްވާ ޗައިނާއިން ވަނީ، 2026 އާއި 2030 އާ ދެމެދު އެ ގައުމުގެ އިގްތިސާދީ ކުރިއެރުމަށް އެންމެ މުހިންމު 10 ސިނާއަތުގެ ތެރޭގައި ހިއުމަނޮއިޑް ރޮބޮޓް އުފެއްދުން ހިމަނާފަ އެވެ. ޗައިނާގެ އެންމެ ފަހުގެ ފަސް އަހަރުގެ ޕްލޭންގެ ދަށުން، ރޮބޮޓްތަކަކީ ހަމައެކަނި ވަކި ޚާއްސަ މަސައްކަތްތަކެއް ކުރާ އެއްޗެއްގެ ބަދަލުގައި، އާންމު ދިރިއުޅުމުގެ ހުރިހާ ކަމެއްގައި ބޭނުންކުރެވޭނެ ވަސީލަތަކަށް ހެދުމަށް ވަނީ ނިންމާފަ އެވެ.
އިންޓަނޭޝަނަލް ފެޑަރޭޝަން އޮފް ރޮބޮޓިކްސްގެ ރައީސް ޓަކަޔޫކީ އިޓޯ ވިދާޅުވީ، އާ އުސޫލުތަކުގެ ދަށުން ޗައިނާއިން މިހާރު އަމާޒު ހިފާފައިވަނީ އާދައިގެ ސިނާއީ އޮޓޮމޭޝަންގެ ބަދަލުގައި، އާޓިފިޝަލް އިންޓެލިޖެންސް ހިމެނޭ މަތީ ފަންތީގެ ވިސްނުންތޫނު ރޮބޮޓްތައް އުފެއްދުމަށް ކަމަށެވެ.
ބާކްލޭސް (Barclays) އިން ލަފާކުރާ ގޮތުގައި 2035 ވަނަ އަހަރާ ހަމައަށް ޗައިނާއިން 11 މިލިއަން ހިއުމަނޮއިޑް ރޮބޮޓް ބޭނުންކުރަން ފަށާނެ އެވެ. ނަމަވެސް މޯގަން ސްޓެންލީ (Morgan Stanley) ގެ ތަހުލީލުތަކުން ދައްކާ ގޮތުގައި، މިދިޔަ އަހަރު އެ ގައުމުގައި ވިއްކާފައިވަނީ އެންމެ 12,000 ހިއުމަނޮއިޑް ރޮބޮޓެވެ.




