ރިސޯޓުތަކަށް ލިބޭ އާމްދަނީގެ 20 އިންސައްތަ ޑޮލަރު މާރުކުރަން ޖެހޭ ބިލު ބަލައިގަނެ ކޮމިޓީ އަށް
12 އޯގަސްޓު 2026 | ބުދަ 10:20ބޭރު ފައިސާއާ ބެހޭ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހު މަޖިލީހުން ބަލައިގަނެ، ދިރާސާކުރުމަށް މާލިއްޔަތު ކޮމިޓީއަށް ވަނީ ފޮނުވާފައި. މި ބިލުގެ މަގުސަދަކީ ރިސޯޓުތަކަށް ލިބޭ އާމްދަނީގެ 20 އިންސައްތަ މާރުކުރުން ލާޒިމުކޮށް، ބޭރު ފައިސާ މާރުކުރުމުގެ އުސޫލުތައް ހަރުދަނާކުރުން. މީގެ އިތުރުން، ސައްތައިންސައްތަ ދިވެހި ވިޔަފާރިތަކުން މާރުކުރަންޖެހޭ މިންވަރު ލުއިކޮށްދިނުމަށް ވެސް މި އިސްލާހުގައި ހިމަނާފައިވޭ


ރައްޔިތުންގެ މަޖިލީހުގެ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު | ރައްޔިތުންގެ މަޖިލިސް
ފަތުވެރިއެއްގެ ބޮލަކަށް 500 ޑޮލަރުގެ ރޭޓުން މާރު ކުރެވޭ ގޮތަށް އޮތް އިހްތިޔާރު އުވާލައި، ރިސޯޓުތަކުން މަހަކު ލިބޭ އާމްދަނީގެ 20 އިންސައްތަ މާރު ކުރަން ޖެހޭ ގޮތަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހުގެ ބިލު ރައްޔިތުންގެ މަޖިލީހުން ބަލައިގަނެފި އެވެ.
ބުދަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން، ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހަޅުއްވާފައިވާ، ބޭރު ފައިސާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވައި، ބަހުސް ކުރިއަށް ގެންގޮސް، ބަހުސް ނިންމާލައި ވޯޓަށް ވެސް ވަނީ އަހާފަ އެވެ. އެ ބިލު ބަލައިގަތުމަށް މަޖިލީހުން ފާސް ކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 57 މެންބަރުންގެ އިއްތިފާގުންނެވެ. އެއާއެކު ބިލު ދިރާސާ ކުރުމަށް ވަނީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އަށް ހުށަހަޅާފަ އެވެ.
ސަރުކާރުން ބިލް ހުށަހެޅި ސަބަބެއް ކަމަށް ބަޔާންކޮށްފައި ވަނީ ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން ބޭރު ފައިސާ އިން ލިބޭ އާމްދަނީ ބޭންކް އަކަށް ޖަމާކުރުން ލާޒިމުވާ ފަރާތްތަކާއި ބޭރު ފައިސާއިން ލިބޭ އާމްދަނީ މާރުކުރަންޖެހޭ ފަރާތްތައް ކަނޑައެޅުމުގެ މިންގަނޑު މުރާޖައާކޮށް، ކެޓަގަރީ- އޭ އެސްޓަބްލިޝްމަންޓުތަކުން ބޭރު ފައިސާ މާރުކުރަންޖެހޭ ގޮތުގެ އުސޫލުތައް ހަރުދަނާކުރުން ކަމަށެވެ.
ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކާއި މާލީ އިދާރާތައް ފިޔަވައި އެނޫން ވިޔަފާރިތަކުގެ ތެރެއިން 100 އިންސައްތަ ދިވެހީން ހިއްސާވާ ވިޔަފާރިތަކުން ބޭރު ފައިސާ ރުފިޔާ އަށް މާރުކުރަން ޖެހޭ މިންވަރު ލުއިކުރުމާއި ގާނޫނުން ލާޒިމުވާ މިންވަރަށް އަދި މުއްދަތުގައި ބޭރު ފައިސާ މާރުކުރުމަށް ދިމާވާ ދަތިތަކަށް ލުއިގޮތްތަކެއް ހޯދައިދިނުމަކީ ވެސް މި ބިލު ހުށަހެޅުމުގެ ބޭނުމެއް ކަމަށް ވެސް ބަޔާންކޮށްފައިވެ އެވެ.
ބިލުގައި ވަނީ ފަތުވެރިއެއްގެ ބޮލަކަށް 500 ޑޮލަރުގެ ރޭޓުން މާރު ކުރެވޭ ގޮތަށް އޮތް އިހްތިޔާރު އުވާލުމަށް ހުށަހަޅާފަ އެވެ. އެހެންކަމުން، މި އިސްލާހު ފާސްވެ އަމަލުކުރަން ފެށުމާ އެކު، ރިސޯޓުތަކުން ދެން މާރުކުރަން ޖެހޭނީ އެ ތަނަކަށް އެ މަހަކު ލިބޭ އާމްދަނީގެ 20 އިންސައްތަ އެވެ. މި ބަދަލާ އެކު، މަތީ ފަންތީގެ ރިސޯޓުތަކުން މާރު ކުރަން ޖެހޭ ޑޮލަރުގެ ނިސްބަތް މަތިވާނެ އެވެ.
ހުރިހާ ރިސޯޓުތަކެއް ކެޓަގަރީ- އޭގެ ޓޫރިސްޓް ޚިދުމަތްދޭ ތަންތަނުގެ ގޮތުގައި ކަނޑައަޅާފައިވާއިރު ކެޓަގަރީ- ބީގެ ޓޫރިސްޓް ޚިދުމަތް ދޭ ތަންތަނުގެ ގޮތުގައި ކަނޑައަޅާފައި ވަނީ، ސަފާރީތައް ނުވަތަ ޓޫރިސްޓް އުޅަނދުތަކުގެ އިތުރުން ގެސްޓްހައުސްތަކެވެ.
އެ ބިލުގައި ވަނީ ރިސޯޓްތަކަށް ޑޮލަރުން ލިބޭ އާމްދަނީ ޖަމާކުރަން ރާއްޖޭގައި ލައިސެންސް ލިބިގެން ހިންގާ ބޭންކެއްގައި ކޮންމެ ރިސޯޓަކުން ވެސް ޚާއްސަ އެކައުންޓަށް ޖަމާ ކުރަން ޖެހޭ ގޮތަށް ހެދުމާއެކު އެކަން އެމްއެމްއޭ އަށް އެންގުމަށެވެ. އަދި ޓޫރިޒަމް ނޫން ދާއިރާތަކުގެ ވިޔަފާރިތަކުގެ ތެރެއިން 100 އިންސައްތަ ދިވެހީން ހިއްސާވާ ވިޔަފާރިތަކުން މާރު ކުރަން ޖެހެނީ އާމްދަނީގެ 7 އިންސައްތަ އެވެ. އަދި ދިވެހިންގެ 100 އިންސައްތަ ހިއްސާ ނެތް ވިޔަފާރިތަކުން މާރު ކުރަން ޖެހެނީ މިހާރު ވެސް އޮންނަ ގޮތަށް އާމްދަނީގެ 20 އިންސައްތަ ކަމަށް ކަނޑައެޅުމަށް ވެސް ބިލުގައިވެ އެވެ.









