"މުހިއްމު ކަންކަން" ހުރިކަމަށް ބުނެ ދައުރު ދަންމާލަން ފާސްކޮށްފި
12 އޯގަސްޓު 2026 | ބުދަ 08:43މުހިއްމު މަސައްކަތްތަކެއް ނިންމުމަށްޓަކައި މަޖިލީހުގެ ދައުރު މި މަހުގެ 20 އަށް ދަންމާލަން 58 މެންބަރުންގެ ވޯޓުން ވަނީ ފާސްކޮށްފައި. މިގޮތަށް ނިންމީ ކައުންސިލްތަކުގެ ބިން ސަރުކާރަށް ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ މަސައްކަތް ނުނިމި އޮތުމުން ކަމަށް ބެލެވޭއިރު، ސަރުކާރުގެ މަސްލަހަތު ހިމެނޭ ބިލްތަކަށް އެކަނި އިސްކަންދޭތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުން


20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ | ރައްޔިތުންގެ މަޖިލިސް
މުހިއްމު މަސައްކަތްތަކެއް ހުރިކަމަށް ބުނެ، މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ރައްޔިތުންގެ މަޖިލީހުގެ ދައުރު ދިގުދަންމާލަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
ބުދަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މުހިއްމު މަސައްކަތްތަކެއް ހުރިކަމަށް ބުނެ ރިޔާސަތުން ވަނީ މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ދައުރު ދިގުދަންމާލަން ހުށަހަޅާފަ އެވެ. ދައުރު ދަންމާލަން ފާސް ކުރީ އެހި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 58 މެންބަރުންގެ އިއްތިފާގުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައިވާ ގޮތުން ދައުރުގެ ފަހު ޖަލްސާ ބާއްވަން ޖެހޭނީ ދައުރުގެ އެންމެ ފަހު ބުރާސްފަތި ނުވަތަ ހޯމަ ދުވަހު އެވެ. އެހެންކަމުން މި ދައުރުގެ ފަހު ޖަލްސާއަކަށް ވާނީ މި މަހުގެ 13 ވަނަ ދުވަހުގެ ބުރާސްފަތި ދުވަހު އޮންނަ ޖަލްސާއަށެވެ. ނަމަވެސް ދައުރު ދިގުދަންމާލުމުން މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ދައުރު ދިގުވެގެން ދާނެ އެވެ.
މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރު ދަންމާލީ ވެސް މުހިއްމު މަސައްކަތްތައް ހުރިކަމަށް ބުނެ އެވެ. ނަމަވެސް އެފަހަރު ވެސް ކުރިއަށް ގެންދިޔައީ ހަމައެކަނި ސަރުކާރުގެ މަސްލަހަތު ހިމެނޭ މަސައްކަތްތަކެވެ. އެގޮތުން ދައުރު ދަންމާލައިގެން ކުރިއަށް ގެންދިޔައީ މަޖިލީހުގެ ނައިބު ރައީސްކަމުން ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވަކިކުރުމުގެ މަސައްކަތެވެ.
މި ފަހަރު ދައުރު ދަންމާލަން ހުށަހަޅާފައިވަނީ ކައުންސިލުތަކުގެ ބިން ސަރުކާރަށް ނެގޭ ބިލުގެ މަސައްކަތް ނުނިމޭތީ ކަމަށް ބެލެވެ އެވެ.
ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިންތަކާއި ތަންތަން ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށްޓަކައި އެ ރަށެއް ނުވަތަ ސިޓީއެއްގެ އިހުތިސާސުން ވަކިކުރަން ސަރުކާރުން ނިންމާ ހާލަތެއްގައި، އެ ތަންތަން ސަރުކާރަށް ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލާމެދު ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރަމުންދާއިރު، ސަރުކާރުގެ މެންބަރުން ގެންދަނީ އެ ބިލުގައި ހުރި ކަންކަން ދިފާއު ކުރަމުންނެވެ.
ވިހިވަނަ ރައްޔިތުންގެ މަޖިލީހުގައި ގިނަ ޖަލްސާތަކެއް ކެންސަލްކޮށް ހަމައެކަނި ސަރުކާރުން ބޭނުންވާ ވަކި ބިލްތަކުގެ މަސައްކަތްތައް އަވަސްއަރުވާލައިގެން ނިންމަމުންދާކަމުގެ ކަންބޮޑުވުން ގިނަ ބަޔަކު ދަނީ ފާޅުކުރަމުންނެވެ.
މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ސަރުކާރުގެ މަސްލަހަތަށް އިސްކަން ދެމުން ދިއުމަކީ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތުގައި ހިމެނޭ އެހެނިހެން މުހިއްމު ކަންކަމަށް ލިބެންޖެހޭ އިސްކަން ނުލިބި ހުއްޓުމަށް މަގުފަހިވެގެންދާކަމަށް ބައެއް މެންބަރުން ފާހަގަކުރެ އެވެ.
ދައުރު ދިގުދަންމާލުމުން މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ފުރުސަތު ލިބޭނެކަމަށް ސަރުކާރު ފަރާތުން ބުނާއިރު، މި ފުރުސަތު ބޭނުންކުރާނީ ކޮން ކަންކަމަށްކަން ރައްޔިތުން ދަނީ ބަލަމުންނެވެ.









