ރާއްޖޭގެ އިގްތިސާދަށް ރައީސް މުއިއްޒު ކުރައްވަމުން ގެންދެވި އެކްސްޕެރިމެންޓް ފެއިލްވެއްޖެ ކަމަށް މި ސަރުކާރުން އިއުތިރާފުވެއްޖެ: މީކާއިލް
12 އޯގަސްޓު 2026 | ބުދަ 08:41ބޭރު ފައިސާއާ ބެހޭ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހަކީ މާލީ ސިޔާސަތުތައް ފެއިލްވެފައިވާ ކަމުގެ ހެއްކެއް ކަމަށް މެންބަރު މީކާއިލް ނަސީމް ވިދާޅުވެއްޖެ. ޑޮލަރުގެ އަގު އިންތިހާއަށް އުފުލިފައިވަނީ ސަރުކާރުގެ އިސްރާފު ބޮޑުވުމުން ކަމަށާއި، ރަސްމާލެ ފަދަ މަޝްރޫއުތަކަށް ބޭކާރު ޚަރަދު ކުރުމުގެ ސަބަބުން ރައްޔިތުންނަށް ޑޮލަރު ނުލިބޭ ކަމަށް އޭނާ ފާހަގަކުރެއްވި.


ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް | މަޖިލިސް
ފަތުވެރިއެއްގެ ބޮލަކަށް 500 ޑޮލަރުގެ ރޭޓުން މާރު ކުރެވޭ ގޮތަށް އޮތް އިހްތިޔާރު އުވާލައި، ރިސޯޓުތަކުން އެ މަހަކަށް ލިބޭ އާމްދަނީގެ 20 އިންސައްތަ މާރު ކުރަން ޖެހޭ ގޮތަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހަކީި މި ސަރުކާރު ފެއިލްވެއްޖެ ކަމުގެ އިއުތިރާފެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.
ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން، ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހަޅުއްވާފައިވާ، ބޭރު ފައިސާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
މި ބިލަށް ބަހުސް ކުރައްވަމުން މީކާއިލް ވިދާޅުވީ މި އިސްލާހަކީ ސަރުކާރު ފެއިލްވެއްޖެ ކަމުގެ އިއުތިރާފެއް ކަމަށާއި މި އިސްލާހަކީ ސަރުކާރުގެ ފިސްކަލް ޕޮލިސީ ފެއިލްވެއްޖެ ކަމުގެ އިއުތިރާފެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި މާލީ ހާލަތު ސަރުކާރަށް ނޭނގި، މިއީ މިހާތަނަށް ރާއްޖޭގެ އިގްތިސާދަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދެވި އެކްސްޕެރިމެންޓް ފެއިލްވެއްޖެ ކަމުގެ އިއުތިރާފެއް ކަމަށް ވެސް ވިދާޅުވި އެވެ.
މެންބަރު ވިދާޅުވީ މީގެ 2 އަހަރެއްހާ ދުވަސް ކުރިން، ޕީއެންސީ އަށް މަޖިލީހުގެ ސުޕަރ މެޖޯރިޓީ ލިބިއްޖެނަމަ، ޑޮލަރުގެ އަގު ތިރިވާނެ ކަމަށް އިގްތިސާދީ ވަޒީރު މުހައްމަދު ސައީދު ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ވިދާޅުވި ކަމަށެވެ. އޭގެ 2 އަހަރު ފަހުން އޭރު 18 ރުފިޔާ އަށް ލިބެމުން އައި ޑޮލަރު، މިއަދު 22 ރުފިޔާ އަށް ވެސް ނުލިބޭ ކަމަށް ވެސް މެންބަރު ވިދާޅުވި އެވެ.
ވަރަށް ފަޚުރުވެރިކަމާއެކު އެބަ ވިދާޅުވޭ، ޑޮލަރަކަށް ދައްޗެއް ނުވެއޭ. ޑޮލަރު އެބަ ލިބެއޭ، ބްލެކް މާކެޓްގަ އޭ ލިބެނީ. އާންމު ދިވެހި ރައްޔިތު މީހާ އަށް އޭގެން ވަނީ ކޮން ފައިދާއެއް ތޯ. ޑޮލަރު ދިވެހިރާއްޖޭގައި ހުރެގެން، އޭގެން އާންމު ދިވެހި ރައްޔިތު މީހާގެ ޖީބަށް ވަނީ ކޮން ފައިދާއެއް ތޯ. އޭނާ ބޭރު ގައުމަކަށް ބޭހަކަށް ޖެހިގެން، އެހެން ޒަރޫރީ ބޭނުމަކަށް ޖެހިގެން ދާއިރު، އޭނާ އަށް އެ ވިދާޅުވާ ޑޮލަރުން ލިބެނީ ކޮން ފައިދާއެއް ތޯ. އެ ވިދާޅުވާ ޑޮލަރު އޭނާއަށް ލިބޭ ތޯ. ނުލިބޭ. މިއުޅެނީ ޑޮލަރު ނުލިބިގެން. ވަރު ވަރުން، މި ސަރުކާރަށް ނިސްބަތްވާ، މި ސަރުކާރުން އެކިއެކި މާލީ މަންފާތައް ލިބެމުން އަންނަ ވިޔަފާރިވެރިން ޓީވީ އަށް އަރުއްވާ ޑޮލަރު ލިބެއޭ ބުންޏަކަސް އޭގެ ހަގީގަތް ބަދަލެއް ނުވާނެމީކާއިލް އަހުމަދު ނަސީމް
މީކާއިލް ވިދާޅުވީ މިއަދު ޑޮލަރު ނުލިބޭކަން ދިވެހި ރައްޔިތުންނަށް އެބަ އެނގޭ ކަމަށެވެ. އަދި މި ވާގޮތް ވެސް ރައްޔިތުންނަށް ވަރަށް ސާފު ކަމަށާއި މި އުޅެނީ ޑޮލަރު ނެތިގެން ކަމަށެވެ. އަދި ޑޮލަރު ނެތީ މި ސަރުކާރުގެ އިސްރާފު ބޮޑުކަމުން ކަމުގައި މީކާއިލް ވިދާޅުވި އެވެ.
މީކާއިލް ވިދާޅުވީ، މި ސަރުކާރުގެ ވެނިޓީ ޕްރޮޖެކްޓިކަމަށްވާ، ރަސްމާލެ އަށް އެތައް މިލިއަން ޑޮލަރު ޚަރަދު ކޮށްފައިވާ ކަމަށެވެ. އަދި އެ ހުރިހާ ޑޮލަރަކީ ކަނޑަަށް އަޅާފައިވާ ޑޮލަރު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިއީ ލަދުވެތި ހާލަތެއް ކަމަށާއި މިފަދަ ބިލަކަށް ރައްޔިތުންގެ މަޖިލީހުގެ ބަހުސް ކުރަން ޖެހިގެން ދިއުމަކީ ވެސް ލަދުވެތި ކަމެއް ކަމަށް މީކާއިލް ވިދާޅުވި އެވެ. މިއަދު ދިވެހިރާއްޖެ ޑޮލަރަށް ޖެހިފައި ވާއިރު 22 ރުފިޔާ އަށް ވެސް ޑޮލަރު ނުލިބުމަކީ މިއަދުގެ ހަގީގަތް ކަމަށް މީކާއިލް ވިދާޅުވި އެވެ.










