ވޯލްޑް ކަޕްގެ ފައިނަލް އިން ބަލިވެ ތަށި ދިފާއު ނުކުރެވުމުގެ ހިތާމަ ވަރަށް ބޮޑު، އެކަމުން އަރައިގަންނަން ވަގުތު ނަގާނެ: މެސީ
ސޯޝަލް މީޑިއާގައި މެސީ ހިއްސާކުރި މެސެޖެއްގައި ބުނެފައި ވަނީ، ލިބުނު ހިތާމަ އިންތިހާ އަށް ބޮޑު ކަމަށާއި، އެ ޒަހަމް ފަސޭހަވުމަށް ދުވަސްތަކެއް ނަގާނެ ކަމަށް. ނަމަވެސް، މިފަހަރުގެ މުބާރާތުގައި ހާސިލު ކުރެވުނު ރަނގަޅު ކަންތައްތަކުގެ ހަނދާންތައް އާކުރާނެ ކަމަށް މެސީ ބުނި


ވޯލްޑް ކަޕްގެ ފައިނަލް މެޗަށް ފަހު އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ | ރޮއިޓާސް
ފީފާ ވޯލްޑް ކަޕްގެ ފައިނަލްގައި ސްޕެއިން އަތުން ބަލިވެ އާޖެންޓީނާ އަށް ތަށި ދިފާއު ނުކުރެވުމުން ލިބުނު ހިތާމަ ވަރަށް ބޮޑު ކަމަށާއި، އެ ހިތާމައިން އަރައިި ގަތުމަށް ވަގުތު ނަގާނެ ކަމަށް އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ބުނެފި އެވެ.
ސްޕެއިން އަތުން ބަލިވެ އާޖެންޓީނާ އަށް ތަށި ދިފާއު ނުކުރެވުނުއިރު، މިއީ އެ ޓީމަށް ކުރިމަތިވި ބޮޑު މާޔޫސް ކަމެކެވެ. އަދި މިއީ 2014 ވަނަ އަހަރު ޖަރުމަނު އަތުން ފައިނަލްގައި ބަލިވީ ފަހުން، މެސީގެ ކެރިއަރުގައި ވޯލްޑް ކަޕްގެ ފައިނަލްގައި ބަލިވި ދެ ވަނަ ފަހަރެވެ.
އުމުރުން މިހާރު 39 އަހަރު ވެފައިވާ މެސީ، 2030 ވަނަ އަހަރު އޮންނަ ވޯލްޑް ކަޕް އިން ފެނުމުގެ ފުރުސަތު ކުޑަ ނަމަވެސް، ބައިނަލްއަޤުވާމީ ފުޓުބޯޅަ އިން ރިޓަޔަރ ކުރުމާ މެދު އޭނާ އަދި ވަކި ނިންމުމެއް ނިންމާފައި ނުވެ އެވެ.
ސޯޝަލް މީޑިއާގައި މެސީ ހިއްސާކުރި މެސެޖެއްގައި ބުނެފައި ވަނީ، ލިބުނު ހިތާމަ އިންތިހާ އަށް ބޮޑު ކަމަށާއި، އެ ޒަހަމް ފަސޭހަވުމަށް ދުވަސްތަކެއް ނަގާނެ ކަމަށެވެ. ނަމަވެސް، މިފަހަރުގެ މުބާރާތުގައި ހާސިލު ކުރެވުނު ރަނގަޅު ކަންތައްތަކުގެ ހަނދާންތައް އާކުރާނެ ކަމަށް މެސީ ވަނީ ބުނެފައި އެވެ.
މެސީ ފާހަގަކުރި ގޮތުގައި މުޅި ޤައުމުގެ ސަޕޯޓާއި، ޓީމުގެ ބުރަ މަސައްކަތުން އާޖެންޓީނާ އަލުން ދުނިޔޭގެ އެންމެ ވަރުގަދަ ޓީމުތަކުގެ ތެރޭގައި ހިމެނި، ޖެހި ޖެހިގެން ދެ ފަހަރު ވޯލްޑް ކަޕް ފައިނަލް އަށް ދިޔުމަކީ މިވަގުތު އިހުސާސް ނުކުރެވުނަސް ވަރަށް ބޮޑު ކާމިޔާބެކެވެ. މީގެ އިތުރުން މެސީ ވަނީ މުބާރާތް ކާމިޔާބުކުރި ސްޕެއިން ޓީމަށް މަރުހަބާ ކިޔައި، އާޖެންޓީނާގެ ރައްޔިތުން ދިން އެއްބާރުލުމަށް ޝުކުރު އަދާކޮށްފައި އެވެ.
މި މުބާރާތުގައި މެސީ ވަނީ އަށް ލަނޑު ޖަހައި، ހަތަރު ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައިވެ އެވެ. އޭނާގެ އެހީތެރިކަމާ އެކު އާޖެންޓީނާ އިން ވަނީ ނޮކައުޓް ބުރުގައި މިޞްރު އަދި އިންގްލެންޑު އަތުން ފަހަތުން އަރައި މޮޅުވެފައި އެވެ. ނަމަވެސް، މުޅި މުބާރާތުގައި އެންމެ ލަނޑެއް ބައި ކޮޅަށް ވަތް ސްޕެއިންގެ ވަރުގަދަ ޑިފެންސް ފޫއަޅުވާލެވޭ ގޮތެއް އާޖެންޓީނާ އަކަށް ނުވި އެވެ.
މެސީ ވަނީ 2022 ވަނަ އަހަރު ޤަތަރުގައި އޮތް ވޯލްޑް ކަޕް ކާމިޔާބު ކޮށްފައި އެވެ. މިފަހަރުގެ ފައިނަލް އިން ބަލިވި ނަމަވެސް، 2030 ގެ ވޯލްޑް ކަޕްގައި ނުކުޅޭނެ ވާހަކަ މިހާތަނަށް މެސީ އިއުލާާން ކޮށްފައެއް ނުވެ އެވެ.










