ގެދޮރުވެރިޔާ ސްކީމުން ލިބުނު ފްލެޓެއް އަތުލި މައްސަލައިގެ ޝަރީއަތް މަޑުޖައްސާލަން ހައިކޯޓުން އަމުރުކޮށްފި
28 ޖުލައި 2026 | އަންގާރަ 07:44ގެދޮރުވެރިޔާ ސްކީމުން ފްލެޓު ލިބި، އެއްބަސްވުމުގައި ސޮއިކޮށްފައިވަނިކޮށް ޝަރުތު ހަމަނުވާކަމަށް ބުނެ ފްލެޓު އަތުލި މައްސަލައިގައި ސިވިލް ކޯޓުގައި ހިނގަމުންދާ ޝަރީއަތް މަޑުޖައްސާލުމަށް ހައިކޯޓުން ވަގުތީ އަމުރެއް ނެރެފި. މި އަމުރު ނެރުނީ އެ މައްސަލަ ސިވިލް ކޯޓުގައި ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ ދައުލަތުން ހުށަހެޅި އިޖުރާއީ އިއުތިރާޒު ބަލައިނުގަތުމަށް އެ ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރުމާ ގުޅިގެން. ހައުސިން މިނިސްޓްރީން ބުނާ ގޮތުގައި އެ ފަރާތަކީ ކުރިން ބޯހިޔާވަހިކަމުގެ މަޝްރޫއަކުން ފްލެޓު ލިބިފައިވާ މީހަކަށްވާތީ މިހާރު ޝަރުތު ހަމައެއް ނުވޭ


ހައިކޯޓު ބޭރުން ނަގާފައިވާ ފޮޓޯ އެއް | ހައި ކޯޓް
ގެދޮރުވެރިޔާ ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން ފްލެޓު ލިބި، އެއްބަސްވުމުގައި ސޮއިކޮށްފައި ވަނިކޮށް ފްލެޓު އަތުލި މައްސަލައެއްގައި ސިވިލް ކޯޓުގައި ހިނގަމުންދާ ޝަރީއަތް މަޑުޖައްސާލުމަށް ހައިކޯޓުން ވަގުތީ އަމުރެއް ނެރެފި އެވެ.
މި އަމުރު ނެރެފައިވަނީ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އާއި މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓާ ދެކޮޅަށް އަމިއްލަ ފަރާތަކުން ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.
މި މައްސަލައަކީ ނިމިދިޔަ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ޝަރުތު ހަމަވެ، ފްލެޓު ލިބޭނެކަމުގެ ލިޔުން ލިބި، އެއްބަސްވުމުގައި ސޮއިވެސް ކޮށްފައިވާ މީހެއްގެ ފްލެޓު މި ސަރުކާރުން އަތުލުމުން ހުށަހެޅި މައްސަލައެކެވެ. އެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ، އޭނާއަކީ ޝަރުތު ހަމަނުވާ މީހެއް ކަމަށް ބުނެ ފްލެޓު ނުލިބޭނެ ކަމަށް މި ސަރުކާރުން ކަނޑައެޅުމާ ގުޅިގެންނެވެ.
މި މައްސަލައިގައި ދައުވާ ލިބޭ ހައުސިން މިނިސްޓްރީން ސިވިލް ކޯޓުގައި ބުނެފައިވަނީ، އެ މީހާއަށް ކުރިން ފްލެޓު ލިބޭނެ ކަމަށް އަންގާފައި އޮތް ނަމަވެސް، ފަހުން ބެލިބެލުމުން އޭނާއަކީ ބޯހިޔާވަހިކަމުގެ އެހެން މަޝްރޫއަކުން ފްލެޓު ލިބިފައިވާ މީހެއްކަން އެނގިފައިވާ ކަމަށެވެ. އެހެންކަމުން އޭނާއަކީ މިހާރު ޝަރުތު ހަމަވާ މީހެއް ނޫން ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
މީގެ އިތުރުން، މި މައްސަލައަކީ ސިވިލް ކޯޓުގައި ކުރިއަށް ގެންދެވޭނެ މައްސަލައެއް ނޫން ކަމަށް ބުނެ ދައުލަތުންނާއި އެފްޑީސީން ވަނީ އިޖުރާއީ އިއުތިރާޒެއް ހުށަހަޅާފައެވެ.
ދައުލަތުން ބުނާ ގޮތުގައި ދައުލަތުގެ އިދާރާއެއްގެ ނިންމުމަކާ މެދު ހިތްހަމަނުޖެހޭ ނަމަ ހުށަހަޅަން ޖެހޭނީ ޖުޑީޝަލް ރިވިއުގެ ދައުވާއެކެވެ. ނަމަވެސް މި މައްސަލަ ހުށަހަޅާފައިވަނީ އިހުތިލާފު އޮންނަ ބާވަތުގެ އާންމު ދައުވާއެއްގެ ގޮތުގައި ކަމަށް ދައުލަތުން ފާހަގަކުރި އެވެ.
ދައުލަތުގެ މި އިއުތިރާޒާ މެދު ސިވިލް ކޯޓުން ނިންމީ އެއީ އެ ކޯޓުގައި ކުރިއަށް ގެންދެވޭނެ މައްސަލައެއް ކަމަށެވެ. ދައުލަތުން އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، ހައިކޯޓުގެ ފަނޑިޔާރުން ނިންމެވީ ސިވިލް ކޯޓުގެ ޝަރީއަތް މަޑުޖައްސާލުމަށެވެ.
ހައިކޯޓުގެ އަމުރުގައި ބުނެފައިވަނީ، ސިވިލް ކޯޓުގެ ޝަރީއަތް ކުރިއަށް ގެންދާ ނަމަ ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފުގެ މަގުސަދު ގެއްލުމުގެ ފުރުސަތު އޮތް ކަމަށް ބެލެވޭ ކަމަށެވެ. އެހެންކަމުން އެންމެ އިންސާފުވެރި ގޮތަކީ ހައިކޯޓުން ވަކި ގޮތެއް ނިންމަންދެން ދަށު ކޯޓުގެ މައްސަލަ މަޑުޖައްސާލުން ކަމަށް ފަނޑިޔާރުންނަށް ބުރަވެވޭ ކަމަށް އެ އަމުރުގައިވެ އެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ކުރީ ސަރުކާރުން ދޫކުރި ފްލެޓުތަކުގެ ލިސްޓު އަލުން މުރާޖައާ ކުރުމުގެ މަސައްކަތް މި ސަރުކާރުން ކުރަމުންދާއިރު، ޝަރުތު ފުރިހަމަ ނުވާ ފަރާތްތައް ލިސްޓުން އުނިކުރާނެ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ. އެ މިނިސްޓްރީން ލަފާކުރާ ގޮތުގައި ކުރީގެ ލިސްޓުން ގާތްގަނޑަކަށް 700 އެއްހާ މީހުން އުނިވާނެ އެވެ.









