އެމެރިކާގެ ވައިގެ ސިފައިންގެ އެންމެ ބޮޑު ކްލައުޑް ނިޒާމު ހެކްކޮށް، މިސައިލާއި ރާޑަރުގެ މައުލޫމާތުތަކަށް ނުރައްކާވެއްޖެ
28 ނޮވެމްބަރު 2026 | ހޮނިހިރު 08:18އެމެރިކާގެ ވައިގެ ސިފައިން ބޭނުންކުރާ 'ކްލައުޑް ވަން' ނިޒާމަށް ހެކަރުން ހަމަލާދީފައިވާ ކަން ސަރުކާރުގެ އިސް އޮފިޝަލަކު ވަނީ ކަށަވަރުކޮށްދީފައި. މި ހާދިސާއާ ގުޅިގެން އަސްކަރިއްޔާގެ ނާޒުކު މައުލޫމާތުތަކެއް ހާމަވުމުގެ ބިރު އުފެދިފައިވާއިރު، މިއީ އެ ގައުމުގެ މުހިންމު އިދާރާތަކަށް އަމާޒުކޮށް ދެމުންދާ ސައިބަރ ހަމަލާތަކުގެ ސިލްސިލާގެ ތެރެއިން ހިނގި ކަމެއް

![އެމެރިކާގެ ދިފާއީ އިދާރާގެ މައި އޮފީސް، ޕެންޓަގަންގެ އޭރިއަލް ފޮޓޯއެއް [ފައިލް]](https://dyncz33htw1ec.cloudfront.net/posts/6b63386e-ace1-4916-b0d3-a54acb731064.webp)
އެމެރިކާގެ ދިފާއީ އިދާރާގެ މައި އޮފީސް، ޕެންޓަގަންގެ އޭރިއަލް ފޮޓޯއެއް [ފައިލް] | ރޮއިޓަރސް
އެމެރިކާގެ އަސްކަރިއްޔާގެ ވައިގެ ސިފައިން ބޭނުންކުރާ ކްލައުޑް ކޮމްޕިއުޓިންގ ޕްލެޓްފޯމަކަށް ހެކަރުން ހަމަލާދީ، އަސްކަރިއްޔާގެ ނާޒުކު ސިއްރު މައުލޫމާތުތަކެއް ހާމަވުމުގެ ފުރުސަތު އުފެދިފައިވާ ކަމަށް އެމެރިކާގެ އޮފިޝަލަކާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފި އެވެ.
މި ކަމުގެ މައުލޫމާތު އިނގޭ ސަރުކާރުގެ އިސް އޮފިޝަލަކު ވަނީ ހުކުރު ދުވަހު އެންބީސީ ނޫހަށް މި ކަން ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް، ހެކަރުން އެ ނިޒާމަށް ވަދެފައި ވަނީ ކޮން އިރަކު ކަމެއް ނުވަތަ އެ ކަމުގެ ސަބަބުން ކުރިމަތިވެފައި ވަނީ ކޮން އަސަރެއް ކަމެއް އޭނާ ހާމަކޮށްފައެއް ނުވެ އެވެ.
ސަލާމަތީ ސަބަބުތަކަށް ޓަކައި މި ހާދިސާއާ ގުޅޭ ގޮތުން ވާހަކަދެއްކުމަށް އެމެރިކާގެ ވައިގެ ސިފައިން ވަނީ ދެކޮޅު ހަދާފަ އެވެ. "ވަކިވަކި ވިއުގަތަކާއި ނިޒާމުތަކުގެ ސަލާމަތީ ހާލަތާއި، އޭގައި ހުރި އުނިކަންތައްތަކާއި، ނުވަތަ އޮޕަރޭޝަނަލް ހާލަތާ ގުޅޭ ގޮތުން ޑިޕާޓްމަންޓް އޮފް ދި އެއާ ފޯސްއިން އެއްވެސް އެއްޗެއް ނުބުނާނެ،" ވައިގެ ސިފައިންގެ ތަރުޖަމާނަކު ވިދާޅުވި އެވެ.
ސައިބަރ ސެކިއުރިޓީއާ ގުޅޭ ގޮތުން ސުވާލުކުރުމުން އެ ތަރުޖަމާނު ވިދާޅުވީ އަސްކަރީ ނިޒާމުތައް ރައްކާތެރިކުރުމަކީ އަބަދު ވެސް އެންމެ އިސްކަންދޭ ކަންތައް ކަމަށެވެ. "އަޅުގަނޑުމެންގެ ޑިޕާޓްމަންޓުގެ މައުލޫމާތާއި، ނިޒާމުތަކާއި، އަދި މިޝަންތަކުގެ ގާބިލުކަން ރައްކާތެރިކުރުމަށް ޓަކައި ރައްކާތެރިކަމުގެ ފިޔަވަޅުތައް މެދުނުކެނޑި އަޅަމުން މިދަނީ،" ހުކުރު ދުވަހު އެ ތަރުޖަމާނު ވިދާޅުވި އެވެ. "އަޅުގަނޑުމެންގެ އެންމެ މުހިންމު އަސްކަރީ ވަސީލަތްތަކުގެ ރައްކާތެރިކަމާއި، ސާބިތުކަމާއި، އަދި އެ ތަކެތި ބޭނުންކުރެވޭނެ ހާލަތުގައި ބެހެއްޓުމަކީ އެންމެ އިސް އަމާޒު."
އޮޕަރޭޝަނަލް ބޭނުންތަކާއި، ސަލާމަތާއި، ސާބިތުކަމުގެ އިތުރުން ބޭނުންކުރާ ފަރާތްތަކުގެ ބޭނުންތަކަށް އަންނަ ބަދަލުތަކާ އެއްގޮތަށް ކްލައުޑް ގާބިލުކަން ވަޒަންކޮށް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވައިގެ ސިފައިން ބުންޏެވެ. "ޓެކްނިކަލް އާކިޓެކްޗަރާއި، މަސައްކަތްތައް ބަހާލާ ގޮތާއި، އެއްބަސްވުންތަކާއި، އަދި ކުރިމަގުގެ ގާބިލުކަމާ ގުޅޭ ނިންމުންތައް ނިންމަނީ ކަނޑައެޅިފައިވާ ހިންގުމުގެ އުސޫލުތަކާއި، ތަކެތި ހޯދުމުގެ ނިޒާމާއި، އަދި ރިސްކް މެނޭޖްމަންޓް މަރުހަލާތަކުގެ ތެރެއިން،" ތަރުޖަމާނު ވިދާޅުވި އެވެ.
މި ހާދިސާއަކީ އެމެރިކާ ސަރުކާރުގެ ނިޒާމުތަކަށް އަމާޒުކޮށް ފަހަކަށް އައިސް ދެމުންދާ ސައިބަރ ހަމަލާތަކުގެ ސިލްސިލާއަށް އިތުރުވި ބޮޅެކެވެ. މި ގޮތުން، އެމެރިކާގެ ފެޑެރަލް، ސްޓޭޓް އަދި ލޯކަލް ގާނޫނު ތަންފީޒުކުރާ އިދާރާތަކުން މުހިންމު މައުލޫމާތު ހިއްސާކުރުމަށް ބޭނުންކުރާ އެ ގައުމުގެ މައި ތަހުގީގީ އިދާރާ ކަމަށްވާ ފެޑެރަލް ބިޔުރޯ އޮފް އިންވެސްޓިގޭޝަންގެ (އެފްބީއައި) ނޭޝަނަލް ކްރައިމް އިންފޮމޭޝަން ސެންޓަރުގެ ޑޭޓާބޭސްއަށް ވެސް ދާދި ފަހުން ވަނީ ހެކަރުން ހަމަލާދީ، ވަދެފަ އެވެ.
މި ނިޒާމަށް ހެކަރުން ވަދެފައިވާ ކަން ފާހަގަކުރެވުނީ ފާއިތުވި މަސްދުވަހެއްހާ ދުވަހުގެ ތެރޭގައި އެ ނިޒާމު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ކަމަށް ރޮއިޓަރސް ނޫސް އެޖެންސީން ވަނީ ރިޕޯޓުކޮށްފަ އެވެ.
2017 ވަނަ އަހަރު ތައާރަފުކުރި 'ކްލައުޑް ވަން' ގެ ނަންދީފައިވާ މި ނިޒާމަކީ ވައިގެ ސިފައިންގެ އައިޓީ ބޭނުންތައް އެއްތަނަކުން ފުއްދައިދިނުމަށް ފަރުމާކޮށްފައިވާ ނިޒާމެކެވެ. މައިކްރޮސޮފްޓް، އެމެޒަން، އޮރެކްލް އަދި އަލްފަބެޓް ހިމެނޭހެން ހަތަރު އޮޕަރޭޓަރެއްގެ ވަސީލަތްތައް އެއްކޮށްލައިގެން ހިންގާ މި ޕްލެޓްފޯމުން ގިނަ އަދަދެއްގެ އެޕްލިކޭޝަންތަކަށް ހިދުމަތް ފޯރުކޮށްދެ އެވެ. އޭގެ ތެރޭގައި މުވައްޒަފުންގެ މައުލޫމާތާއި މުސާރައިގެ ކަންކަން ބަލަހައްޓާ ނިޒާމުތަކާއި، ލޮޖިސްޓިކްސް އަދި މަރާމާތުގެ ކަންކަން ބަލަހައްޓާ އެޕްލިކޭޝަންތައް ހިމެނެ އެވެ.
މި ޕްލެޓްފޯމުގެ ދަށުން ހިންގާ މުހިންމު ނިޒާމުތަކުގެ ތެރޭގައި، މުޅި އުތުރު އެމެރިކާގެ ވައިގެ ދިފާއީ ރާޑަރުތަކާއި އެހެނިހެން ޑޭޓާ ފީޑްތައް އެއްކޮށްދޭ ވައިގެ އަސްކަރިއްޔާގެ ކްލައުޑް-ބޭސްޑް ކޮމާންޑް އެންޑް ކޮންޓްރޯލް ނިޒާމު ހިމެނެ އެވެ. ހަމަމިއާއެކު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި އެމެރިކާގެ ވައިގެ އަސްކަރިއްޔާގެ 200 އަށްވުރެ ގިނަ މަރުކަޒުތަކުގައި ހުރި ބޮމާއި މިސައިލްތައް ޓްރެކްކުރާ 'ތިއޭޓަރ އިންޓަގްރޭޓެޑް ކޮމްބެޓް މިއުނިޝަންސް ސިސްޓަމް' ވެސް ހިންގަނީ މި ޕްލެޓްފޯމުގަ އެވެ.
ކްލައުޑް ވަން އަކީ އެމެރިކާގެ އަސްކަރިއްޔާގެ އެންމެ ބޮޑެތި ކްލައުޑް ޕްލެޓްފޯމުތަކުގެ ތެރޭގައި ހިމެނޭ ނިޒާމެކެވެ. "މި ތަނަށް ހެކަރުން ވަނުމަކީ ވަރަށް ބޮޑު މައްސަލައެއް،" ހެކަރުންގެ ހަމަލާގެ މައުލޫމާތު އިނގޭ މަސްދަރަކުން ބުންޏެވެ.
މަސްދަރު: ޓީއާރްޓީ ވަރލްސް











