އިސްދޫއިން ގިނަ އަދަދެއްގެ ރުއްގަސް ނަގާ މައްސަލަ އީއާރްއޭ އަށް، ކައުންސިލުން ބުނީ އެއީ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ނަގާ ރުއްގަސް ކަމަށް!
9 އޯގަސްޓު 2026 | އާދީއްތަ 10:11ލ. އިސްދޫން 500 އަށްވުރެ ގިނަ ރުއްގަސް ބޭރުކުރާ މައްސަލައެއް އީއާރްއޭ އަށް ހުށަހަޅާފައިވާއިރު، އެ އިދާރާއިން ބުނީ މިކަން ތަހުގީގު ކުރާނެކަމަށް. ނަމަވެސް އިސްދޫ ކައުންސިލުން ބުނީ އެއީ މަގު ހެދުމުގެ މަޝްރޫއަށް ހުރަސްއެޅޭތީ އާރްޑީސީން އުސޫލުތަކުގެ ތެރެއިން ނަގަމުންދާ ރުއްގަސް ކަމަށް


ލ.އިސްދޫގައި މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ގިނަ އަދަދެއްގެ ރުއްގަސް ނަގާފައި | ރާއްޖެއެމްވީ
ލ.އިސްދޫއިން ގިނަ އަދަދެއްގެ ރުއްގަސް ބޭރު ކުރާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، އިސްދޫއިން މިހާތަނަށް 500 އަށް ވުރެ ގިނަ ރުއްގަސް ބޭރުކޮށްފައިވާ ކަމަށާއި އެ ރުއްގަސްތައް ބޮޑު އަގުގައި ވިއްކާ ކަމަށް މައުލޫމާތު ލިބެ އެވެ.
އެ ރަށުން މައުލޫމާތު ދިން މީހަކު ބުނީ، ގިނަ އަދަދެއްގެ ގަސްތައް ނައްތާލަމުންދާ ކަމަށާއި، 40 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ބޮޑެތި ގަސްތައް ވެސް މީގެތެރޭގައި ހިމެނޭ ކަމަށެވެ.
މި މައްސަލައާ ގުޅިގެން އެންވަޔަރަމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރްއޭ) ގެ ޗީފް އެގްޒެކެޓިވް ހައްސާން މުހައްމަދު ވިދާޅުވީ، އިސްދޫއިން ގިނަ އަދަދެއްގެ ރުއްގަސް ބޭރު ކުރާ މައްސަލަ އަމިއްލަ ފަރާތަކުން ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އަދި އާދިއްތަ ދުވަހު މި މައްސަލަ ރިޕޯޓު ކުރިއިރު، ރަސްމީކޮށް އީމެއިލް އިން މައްސަލަ ހުށަހެޅުމަށް އެދިފައިވާ ކަަމަށް އޭނާ ވިދާޅުވި އެވެ.
ހައްސާން ވިދާޅުވީ އެ އިދާރާއިން މި މައްސަލަ ބަލާނެ ކަމަށާއި އޮންނަ އުސޫލުގެ ތެރެއިން ކަންކަން ކުރިއަށްގެންދާނެ ކަމަށެވެ. އަދި ވިދާޅުވީ، މިމައްސަލައާ ގުޅިގެން ފުރަތަމަ ގުޅައި މައުލޫމާތު ސާފުކުރާނީ ކައުންސިލުން ކަމަށެވެ.

ލ.އިސްދޫގައި މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ގިނަ އަދަދެއްގެ ރުއްގަސް ނަގާފައި | ރާއްޖެއެމްވީ
މި މައްސަލައާ ގުޅިގެން އިސްދޫ ކައުންސިލްގެ ރައީސް އަހުމަދު ހަނީފު ވިދާޅުވީ، ރުއްގަސް ނަގަމުން ދަނީ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ކަމަށާއި އެ މަސައްކަތް ކުރަނީ އާރްޑީސީ އިން ކަމަށެވެ. އެއީ ކައުންސިލްގެ ހުއްދާއެކު ކުރިއަށް ގެންދާ މަސައްކަތެއް ކަމަށާއި، ގަވާއިދާ އުސޫލާ ހިލާފަށް ރުއްގަސް ނަގަމުން ނުދާ ކަމަށެވެ. އަދި ވިދާޅުވީ މަޝްރޫއު ކުރިއަށް ގެންދާއިރު، އެ ރުއްގަސްތައް ނަގާނެކަން ކުރިއާލާ އަންގާފައިވާ ކަމަށެވެ.
މިފަހުން ރާއްޖޭގެ އެކި ރަށްރަށުން ރުއްގަސް ގަވާއިދާ ހިލާފަށް ނަގައި، ވިއްކާ މައްސަލަ ވަނީ ބޮޑުވެފަ އެވެ.












