ވައިގަދަވެގެންނާއި އުދައިގެ ސަބަބުން ރާއްޖޭގެ އެކި ހިސާބުތަކަށް ބޮޑެތި ގެއްލުންތަކެއް!
1 އޯގަސްޓު 2026 | ހޮނިހިރު 16:14ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީގެ ބައެއް ގެތަކަށް ގެއްލުންވެ، ދ. ރިނބިދުއާއި ލ. އިސްދޫއަށް އުދައެރުމުގެ ސަބަބުން އެންޑީއެމްއޭއިން ދަނީ އެހީތެރިކަން ފޯރުކޮށްދެމުން. މި މޫސުމީ ވިއްސާރައިގައި ކަނޑުމަތީގެ ނުރައްކާތެރި ހާދިސާތަކެއް ހިނގާފައިވާއިރު، އާދިއްތަ ދުވަހުން ފެށިގެން މޫސުން ރަނގަޅުވާނެ ކަމަށް މެޓް އޮފީހުން ލަފާކުރޭ


ހުކުރު ދުވަހުގެރޭގެ ވަގުތެއްގައި އައްޑޫސިޓީ ފޭދޫގެ ގެއެއްގެ ފުރާޅުން ބައެއް އެއްލާލުމާއި، ބަނބުކެޔޮ ގަހެއް ވެއްޓި ބަދިގެއެއްގެ ފުރާޅަށް ގެއްލުންވުމާ ގުޅިގެން، ޖުމްލަ ދެ ގެއަކަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް ވަނީ ރިޕޯޓް ކޮށްފައި | އެންޑީއެމްއޭ
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި، ވައިގަދަވުމުގެ ސަބަބުންނާއި އުދައެރުމުގެ ސަބަބުން އެކި ސަރަހައްދުތަކަށް ގެއްލުންތަކެއް ލިބިފައިވާކަމުގެ ރިޕޯޓްތައް ލިބިފައިވާ ކަމަށް ނެޝެނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.
އެންޑީއެމްއޭ އިން ބުނީ ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގައި އައްޑޫ ސިޓީ ފޭދޫގެ ގެއެއްގެ ފުރާޅުން ބައެއް އެއްލާލުމާއި، ބަނބުކެޔޮ ގަހެއް ވެއްޓި ބަދިގެއެއްގެ ފުރާޅަށް ގެއްލުންވުމާ ގުޅިގެން، ޖުމްލަ ދެ ގެއަކަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށެވެ.
މި ހާދިސާތަކާ ގުޅިގެން އެ އޮތޯރިޓީ އިން ދަނީ އެ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންކަން ފާހަގަކޮށް އެންޑީއެމްއޭ އިން ބުނީ އެމްއެންޑީއެފްގެ އެހީތެރިކަމާއެކު ފުރާޅު މަރާމާތުކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، ކައުންސިލް މެދުވެރިކޮށް އެ އާއިލާތަކަށް ބޭނުންވާ އިތުރު އެހީތެރިކަން ދެނެގަނެ، އެ މަސައްކަތްތައް ވެސް ކުރެވެމުންދާ ކަމަށެވެ.
މީގެ އިތުރުން ހުކުރު ދުވަހު ދ. ރިނބިދޫ އާއި ލ. އިސްދޫއަށް އުދައިގެ އަސަރުކޮށްފައިވާ ކަމަށާއި ރިނބިދޫގެ ބައެއް ސަރަހައްދުތަކަށް އާދަޔާ ޚިލާފަށް އުދައެރުމާ ގުޅިގެން، ރަށުގެ މުއައްސަސާތަކާއި އާންމު ރައްޔިތުން ގުޅިގެން ވަނީ ގެތަކަށާއި މަގުތަކަށް ލިބޭ ގެއްލުން ކުޑަކުރުމަށް ވެލިބަސްތާ ޖެހުމުގެ މަސައްކަތް ވެސް ކޮށްފައި ކަމަށް އެ އޮތޯރިޓީ އިން ބުންޏެވެ. އަދި ލ. އިސްދޫގެ ބަނދަރު ސަރަހައްދަށް ވެސް އުދައިގެ އަސަރު ކޮށްފައިވާ ކަމަށް އެންޑީއެމްއޭ އިން ވަނީ ބުނެފަ އެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރަ އަލިވާނީ އާދިއްތަ ދުވަހުން ފެށިގެން ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ވަނީ ބުނެފަ އެވެ.
އެ އިދާރާގެ މީޓިއޮރޮލޮޖިސްޓް އަބްދުﷲ ހާފިޒް، ރާއްޖެޓީވީ އަށް ވިދާޅުވީ، ރާއްޖެއަށް މިހާރު ކުރަމުންގެންދާ ވިއްސާރަ ހޮނިހިރު ދުވަހުގެ މެންދުރު ފަހުން ފެށިގެން މަޑުޖެހެން ފަށާނެ ކަމަށެވެ. ނަމަވެސް ވިއްސާރަ އަލިވާން ފަށާނީ އާދިއްތަ ދުވަހުން ފެށިގެން ކަމަށް ހާފިޒް ވިދާޅުވި އެވެ.
ހާފިޒް ވިދާޅުވީ ސައުތު އޭޝިއާގެ ގައުމުތަކުގެ ތެރެއިން ވިއްސާރައިގެ އަސަރުކުރަނީ ހަމައެކަނި ދިވެހިރާއްޖެއަށް ނޫންކަމަށާއި އަވަށްޓެރި އިންޑިއާއާއި ސްރީލަންކާގެ އެކި ހިސާބުތަކަށް ވަކިން ހާއްސަކޮށް އިންޑިއާގެ ދެކުނުގެ އެކި ހިސާބުތަކަށް ވިއްސާރައިގެ އަސަރު ކުރާނެ ކަމަށެވެ. ރާއްޖޭގެ ސަރަހައްދަށް ވިއްސާރަކުރަމުންދަނީ ވިންޑް ކޮންވަރޖެންސްގެ ސަބަބުން ކަމަށް ވެސް އެ އޭނާ ވިދާޅުވި އެވެ.
ވިއްސާރަ މޫސުމާ ގުޅިގެން ކަނޑުދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސްކޮށްފައިވާއިރު، ނުރައްކާތެރި ބައެއް ހާދިސާތައް ވަނީ ހިނގައިފަ އެވެ. އެގޮތުން، ކ. ތިލަފުށިން ފުރައިގެން ދަތުރުކުރި ލޭންޑިން ކްރާފްޓެއް ދިޔަވެ އަޑިއަށް ގޮސްފައިވާއިރު، ކ. މާފުށީ ބޭރުގައި އަޅާފައި އޮތް ސަފާރީއެއްގެ ނަގިލި ކަނޑައިގެން ގޮސް، އެ ރަށު ތޮށިގަނޑަށް ލައްވުމުގެ ސަބަބުން އެ އުޅަނދު ވަނީ ފުނޑުފުނޑު ވެފަ އެވެ.









