"މުއިއްޒު ސްޕީޑު" ގައި ތާރުއެޅި އަމީނީ މަގު ދެވަނަ ފަހަރަށް މަރާމާތުކުރަން ޖެހިއްޖެ
25 ޖުލައި 2026 | ހޮނިހިރު 11:14އަމީނީ މަގުގައި އަލަށް ތާރުއެޅި ސަރަހައްދު ހަލާކުވުމާ ގުޅިގެން، އެ މަގު މަރާމާތުކުރުމުގެ މަސައްކަތް އަންނަ ހަފުތާގައި ފެށުމަށް އެމްޓީސީސީން ވަނީ ނިންމާފައި. މި މަސައްކަތުގެ ދަށުން ފުޑްކޯޓުން ފެށިގެން ދިރާގާ ހަމައަށް އަލުން ތާރުއަޅައި، ބަސް ހުއްޓިތައް ހިމެނޭ ސަރަހައްދުގެ ޕޭވްމަންޓަށް ބަދަލުތަކެއް ގެނައުމަށް ވަނީ ހަމަޖެހިފައި


އަމީނީ މަގުގެ ހަލާކުވެފައި އޮތް ސަރަހައްދު | ޕީއެސްއެމް
މާލެ ސިޓީގެ އެންމެ ކާރޫބާރޫ ބޮޑު އެއް މަގު ކަމަށްވާ އަމީނީ މަގުގައި މި ސަރުކާރުން 'މުއިއްޒު ސްޕީޑު' ގައި އެޅި ތާރު ހަލާކުވުމާ ގުޅިގެން އެ ސަރަހައްދު އަލުން މަރާމާތުކުރުމުގެ މަސައްކަތް ފަށަން ނިންމައިފި އެވެ.
އަމީނީ މަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން 84.4 މިލިއަން ރުފިޔާ ހަރަދުކޮށްގެން، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫއެކެވެ. ނަމަވެސް އެމްޑީޕީ ސަރުކާރު ނިމުނުއިރު ތާރުއަޅާ ނިމުނީ އަމީނީ މަގުގެ 90 އިންސައްތަ އަށެވެ. އެގޮތުން ކުރީގެ ހައުސިންގ މިނިސްޓްރީއާއި ހަމައަށް އޭރު ތާރުއަޅާ އެއްކޮށް ނިންމާލި އެވެ.
މިކަމާ ގުޅިގެން ނިމިގެންދިޔަ އެމްޑީޕީ ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކޮށް، އަދުގެ ސަރުކާރުން 'މުއިއްޒު ސްޕީޑު' ގައި ތާރު އެޅީ ފުޑްކޯޓުން ފެށިގެން ދިރާގު ހެޑް ކުއާޓާސްއާ ކުރިއަށް، ބޮޑުތަކުރުފާނު މަގާ ގުޅޭ ހިސާބަށެވެ. އަމީނީ މަގުގެ ތާރު އެޅި ބައެއް ސަރަހައްދުތައް ހަލާކުވާން މެދުވެރިވީ، އެ މަގުގައި ތާރުއެޅުމަށްފަހު، ތާރުގަނޑު ރަނގަޅަށް ނުހިކެނީސް އާންމު ދަތުރުފަތުރަށް މަގު ހުޅުވާލުމުގެ ސަބަބުން ކަމަށް ކަމާ ގުޅުންހުރި ޓެކްނިކަލް ފަރާތްތަކުން ބުނެ އެވެ.
އަދި ތާރުގަނޑު ނުހިކެނީސް މަގު ހުޅުވާލުމުގެ ސަބަބުން މަގުގެ ބައެއް ދިމާދިމާލުން ތާރުގަނޑު އުފުލި އާންމުންނަށް ދަތުރުފަތުރު ކުރުމުގައި ބޮޑެތި ނުރައްކަލާ ކުރިމަތިލާން ވަނީ ޖެހިފަ އެވެ.
މި ސަރުކާރުން މިހާރު ވަނީ އަމީނީ މަގުގެ ހަލާކުވެފައިވާ ސަރަހައްދުތައް މަރާމާތުކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފަ އެވެ.
ހައުސިންގ މިނިސްޓްރީން މި މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ ހުސްވި ޖޫން މަހުގެ 15 ވަނަ ދުވަހު އެވެ.
އަމީނީ މަގު މަރާމާތުކުރުމުގެ މަސައްކަތުގެ ދަށުން މަގުގައި އަޅާފައިވާ ތާރުގަނޑު ނަގައި އަލުން ތާރުއެޅުމުގެ މަސައްކަތުގެ އިތުރުން، ބަސް ހުއްޓިތައް ހިމެނޭ ސަރަހައްދުތަކުގެ ޕޭވްމަންޓް ޑިޒައިނަށް ބަދަލުތަކެއް ގެނައުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. މި ހުރިހާ މަސައްކަތްތަކެއް އަންނަ ހަފުތާގެ ތެރޭގައި ފަށާނެ ކަމަށް އެމްޓީސީސީން މައުލޫމާތުދެ އެވެ.
ކުރު މުއްދަތެއްގެ ތެރޭގައި އަމީނީ މަގުގައި މި ސަރުކާރުން ތާރުއެޅި ސަރަހައްދު މަރާމާތުކުރަން ޖެހުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އެކަމަށް އަމާޒުވެފަ އެވެ. ވަކިން ހާއްސަކޮށް އެ މަގުގެ ތާރުގަނޑު އުފުލި، ރައްޔިތުން ބޮޑު ނުރައްކަލަކަށް ހުށަހެޅިފައިވީ ނަމަވެސް، މަގުގެ މަރާމާތުގެ މަސައްކަތް ނުފަށައި ދިގު ދަންމަމުން ދާތީ ގިނަ ބަޔަކު އަންނަނީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ.









