އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"
3 އޯގަސްޓު 2026 | ހޯމަ 08:14ހއ. ކެލާގައި އާރްޑީސީން ކޭބަލް ހޮޅި ވަޅުލުމަށް ކޮނުނު ވަޅުގަނޑަކަށް ފާރެއް ވެއްޓި، އުމުރުން ދުވަސްވީ މީހަކަށް ބޮޑެތި އަނިޔާތަކެއްވެއްޖެ. މި ހާދިސާގައި އަނިޔާވި މީހާއަށް އިތުރު ފަރުވާ ދިނުމަށް ކުޅުދުއްފުށި ސިޓީއަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާއިރު، ސަލާމަތީ ފިޔަވަޅުތައް ކުޑަވުމުގެ ސަބަބުން ރަށުގެ ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން


އާރްޑީސީ އިން މަގުކޮނުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، ކައިރީގައި ހުރި އިމާރާތެއްގެ ފާރު ވެއްޓުން | ރާއްޖެ އެމްވީ
ހއ. ކެލާގައި ކޭބަލް ހޮޅި ވަޅުލުމަށްޓަކައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން މަގުކޮނުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، ކައިރީގައި ހުރި އިމާރާތެއްގެ ފާރު ވެއްޓި އުމުރުން ދުވަސްވީ މީހަކު އޭގެ ދަށުވެއްޖެ އެވެ.
މި ހާދިސާ ހިނގާފައިވަނީ އެ ރަށުގެ މަގުތަކުގައި ކޭބަލް ހޮޅި އެޅުމަށްޓަކައި ކޮނެފައިވާ ފުން ވަޅުގަނޑެއްގެ ކައިރީގައި ހުރި ފާރެއް ވެއްޓުމުގެ ސަބަބުންނެވެ.
މި ހާދިސާގައި އަނިޔާވެފައިވަނީ އެ ވަގުތު އެ ސަރަހައްދުގައި މަސައްކަތް ކުރަން އުޅުނު އުމުރުން ދުވަސްވީ ދިވެހި ފިރިހެނަކަށެވެ. ފާރު ވެއްޓުމާއެކު އޭނާ ވަނީ ކޮނެފައިވާ ދިމާއަށް ވެއްޓި، ފާރުގެ ބައިތަކުގެ ދަށުވެފަ އެވެ. އޭނާ ސަލާމަތް ކުރުމަށްޓަކައި އެ ސަރަހައްދުގައި އޮތް ހައިމާކު ބޭނުންކޮށްގެން ފާރުގެ ބޮޑެތި ގާތައް ނަގައި ދުރުކުރަން ޖެހުނު ކަމަށް މައުލޫމާތު ލިބެ އެވެ.

އާރްޑީސީ އިން މަގުކޮނުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، ކައިރީގައި ހުރި އިމާރާތެއްގެ ފާރު ވެއްޓުން | ރާއްޖެ އެމްވީ
މި ހާދިސާއާ ގުޅިގެން ކެލާގެ ބައެއް ރައްޔިތުން ވަނީ އާރްޑީސީގެ މަސައްކަތްތައް ކުރިއަށްދާ ގޮތާމެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ރަށުން ވާހަކަދެއްކި މީހުން ބުނި ގޮތުގައި، އިމާރާތްތަކުގެ ފާރާ އެހާ ކައިރިން މަގު ކޮންނަމުންދާއިރު، ސަލާމަތީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެކަށީގެންވާ ގޮތެއްގައި އަޅާފައެއް ނުވެ އެވެ. އަދި ފާރާ ކައިރިން ކޮނުމުން މިފަދަ ހާދިސާއެއް ހިނގާފާނެކަން އާރްޑީސީއަށް އެނގެންވާނެ ކަމަށް ވެސް ބައެއް ފަރާތްތަކުން ބުނެފައިވެ އެވެ.
މި ހާދިސާ ހިނގި ވަގުތު އެ ސަރަހައްދުގައި ދެ ގެއެއްގެ ފާރާ ދިމާލުން ކޮނުމުގެ މަސައްކަތް ކުރަމުންދިޔައިރު، ދެ ގޭގެ ފާރަށްވެސް ވަނީ އެކި ވަރުގެ ގެއްލުންތައް ލިބިފަ އެވެ. އެގޮތުން އެއް ގޭގެ މަގުފާރު އެއްކޮށް ވެއްޓިފައިވާއިރު، އަނެއް ގޭގެ ފާރުގެ ބައެއްވެސް ވަނީ ވެއްޓިފަ އެވެ.
މި ހާދިސާ ހިނގުމާ ގުޅިގެން އެރަށު ފުލުހުން ވެސް ވަނީ އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވެފަ އެވެ.

އާރްޑީސީ އިން މަގުކޮނުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، ކައިރީގައި ހުރި އިމާރާތެއްގެ ފާރު ވެއްޓުން | ރާއްޖެ އެމްވީ
އަނިޔާވި އުމުރުން ދުވަސްވީ މީހާއަށް ކެލާ ސިއްހީ މަރުކަޒުން ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް ކުޅުދުއްފުށީ ސިޓީއަށް ގެންދިއުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.











