ޓްރަމްޕް ދަތުރު ކުރެއްވި ހެލިކޮޕްޓަރާއި މަތިންދާބޯޓެއް ވައިގެ ތެރޭގައި ނުރައްކާތެރި މިންވަރަކަށް ކައިރިވި ހާދިސާއެއް!
6 އޯގަސްޓު 2026 | ބުރާސްފަތި 10:18އެފްއޭއޭ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އަންގާރަ ދުވަހު ހިނގި މި ހާދިސާގެ އިބްތިދާއީ ރިވިއު އިން ދައްކާ ގޮތުގައި، ދެ އުޅަނދުގެ ދެމެދުގައި ހުންނަން ޖެހޭ ރައްކާތެރި ދުރުމިން ވަގުތީ ގޮތުން ގެއްލިފައިވާ ކަމަށް. ނަމަވެސް މި ހާދިސާގައި ރައީސް ޓްރަމްޕް އަށް އެއްވެސް ނުރައްކަލެއް ކުރިމަތި ނުވާ ކަމަށާއި، މުޅި ހާދިސާ ހިނގަމުން ދިޔަ ވަގުތު އެއަރ ޓްރެފިކް ކޮންޓްރޯލަރުން ދިޔައީ ދެ އުޅަނދުގެ ޕައިލެޓުންނާ މުއާމަލާތް ކުރަމުން ކަމަށް އެ އިދާރާ އިން ބުނެފައިވޭ


އެމެރިކާގެ ރަައީސް ޑޮނަލްޑް ޓްރަމްޕް، މެރިން ވަން ހެލިކޮޕްޓަރަށް އަރައިވަޑައިގަންނަވަނީ | ގެޓީ އިމޭޖަސް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދަތުރު ކުރެއްވި އަސްކަރީ ހެލިކޮޕްޓަރު "މެރިން ވަން" އާއި ފަސިންޖަރުން އުފުލާ މަތިންދާ ބޯޓެއް ވައިގެ ތެރޭގައި ނުރައްކާތެރި މިންވަރަކަށް ކައިރިވި މައްސަލައެއް، އެމެރިކާގެ ފެޑަރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (އެފްއޭއޭ) އިން ތަޙުގީގު ކުރަން ފަށައިފި އެވެ.
އެމެރިކާގެ ވެރި ރަށް ވޮޝިންޓަންގެ ރޭގަން ނޭޝަނަލް އެއާޕޯޓް އިން ފުރައިގެން ދިޔަ މި މަތިންދާ ބޯޓާއި ޓްރަމްޕްގެ ހެލިކޮޕްޓަރު ކައިރިވި މި ހާދިސާ އެފްއޭއޭގެ އިތުރުން، ނޭޝަނަލް ޓްރާާންސްޕޯޓޭޝަން ސޭފްޓީ ބޯޑުން ވެސް އަންނަނީ ބަލަމުންނެވެ.
އެމެރިކާާގެ ރައީސް ޓްރަމްޕް ދަތުރު ކުރެއްވި މެރިން ވަން ހެލިކޮޕްޓަރާއި، ފަސިންޖަރުން އުފުލާ ބޯޓެއް ދަތުރު ކުރަމުން ދިޔަ މަންޒަރު
އެފްއޭއޭ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އަންގާރަ ދުވަހު ހިނގި މި ހާދިސާގެ އިބްތިދާއީ ރިވިއު އިން ދައްކާ ގޮތުގައި، ދެ އުޅަނދުގެ ދެމެދުގައި ހުންނަން ޖެހޭ ރައްކާތެރި ދުރުމިން ވަގުތީ ގޮތުން ގެއްލިފައިވާ ކަމަށެވެ. ނަމަވެސް މި ހާދިސާގައި ރައީސް ޓްރަމްޕް އަށް އެއްވެސް ނުރައްކަލެއް ކުރިމަތި ނުވާ ކަމަށާއި، މުޅި ހާދިސާ ހިނގަމުން ދިޔަ ވަގުތު އެއަރ ޓްރެފިކް ކޮންޓްރޯލަރުން ދިޔައީ ދެ އުޅަނދުގެ ޕައިލެޓުންނާ މުއާމަލާތް ކުރަމުން ކަމަށް އެ އިދާރާ އިން ބުނެފައިވެ އެވެ.
ރޮއިޓާސް ނިއުސް އެޖެންސީ އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، މިދިޔަ އަހަރު ހިނގި ނުރައްކާތެރި އެކްސިޑެންޓަކަށް ފަހު އެކުލަވާލާފައިވާ އުސޫލުތަކާ އެއްގޮތަށް، ރޭގަން ނޭޝަނަލް އެއާޕޯޓުގެ ކޮމާޝަލް ފްލައިޓުތައް ފުރުން އެއަރ ޓްރެފިކް ކޮންޓްރޯލަރުން މެދު ކަނޑާލާފައި ނުވެ އެވެ. 2025 ވަނަ އަހަރުގެ ޖެނުއަރީ މަހު އަސްކަރީ ހެލިކޮޕްޓަރަކާއި އެމެރިކަން އެއާލައިންސްގެ ބޯޓެއް ޖެހި ހިނގި އެކްސިޑެންޓެއްގައި 67 މީހުން ވަނީ މަރުވެފައި އެވެ.
އެމެރިކާާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސްގެ ޕޫލް ރިޕޯޓުތައް ބުނާ ގޮތުން، މެރިން ވަން ވައިޓް ހައުސް ކައިރީގައި އޮންނަ އެލިޕްސް އިން ފުރާފައި ވަނީ އަންގާރަ ދުވަހުގެ މެންދުރު ފަހު 2:33 ހާއިރު އެވެ. އެއީ ލޮސް އެންޖެލެސް އަށް ކުރައްވާ ދަތުރުފުޅެއްގެ ކުރިން ޖޮއިންޓް ބޭސް އެންޑްރޫސް އަށް ދިޔުމަށެވެ. މި ހާދިސާގައި ހިމެނޭ ދެ އުޅަނދު ވެސް ވަނީ ރައްކާތެރިކަމާ އެކު ބިމަށް ޖައްސާފައި އެވެ.
މެރިން ވަން ހެލިކޮޕްޓަރާއި ފަސިންޖަރުން އުފުލާ ބޯޓަކާ ދެމެދު ހިނގި ހާދިސާއާ ގުޅޭ ގޮތުން ސީބީއެސް ނިއުސް އިން ތައްޔާރު ކޮށްފައިވާ ވީޑިއޯ
މި ހާދިސާގައި ހިމެނެނީ އެމެރިކަން އެއާލައިންސްގެ ދަށުން އޮޕަރޭޓްކުރާ އެންވޯއީ އެއަރގެ ފްލައިޓް 3742 ކަމަށް މަސްދަރުތަކުން ބުނެ އެވެ. މި ބޯޓު ދަތުރު ކުރަމުން ދިޔައީ ފްލޮރިޑާގެ ޕެންސަކޯލާ އަށެވެ. މީގެ އިތުރުން، ރިޕަބްލިކް 4700 ނަމަކަށް ކިޔާ ދެވަނަ ފްލައިޓެއް ވެސް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މަގު ބަދަލު ކުރަން ޖެހުނު ކަމަށް މައުލޫމާތު ލިބެ އެވެ.
އަންގާރަ ދުވަހުގެ މި ހާދިސާއާ ގުޅިގެން ރޭގަން ނެޝަނަލް އެއާޕޯޓުގެ އެއަރ ޓްރެފިކް އުސޫލުތަކަށް ވަނީ އަނެއްކާ ވެސް ފާޑު ކިޔުން އަމާޒުވެފައި އެވެ. މިދިޔަ އަހަރު ހިނގި ނުރައްކާތެރި އެކްސިޑެންޓަށް ފަހު، އެ އެއާޕޯޓުގައި ހެލިކޮޕްޓަރާއި ކޮމާޝަލް ބޯޓުތައް އެއް ވަގުތެއްގައި އޮޕަރޭޓު ކުރުމަށް ހަރުކަށި ހުރަސްތަކެއް ވަނީ އަޅާފައި އެވެ.
މީގެ އިތުރުން މިއަހަރުގެ މާޗު މަހުން ފެށިގެން، އެމެރިކާގެ ބޮޑެތި އެއާޕޯޓުތަކުގެ ކައިރީގައި ހެލިކޮޕްޓަރުތައް ދުއްވުމުގައި ހަމައެކަނި ލޮލަށް ފެންނަ ފެނުމަށް ބަލައިގެން ދުރުމިން ބެހެއްޓުމުގެ އުސޫލު ވަނީ މަނާ ކޮށްފައި އެވެ.
މަސްދަރު: އަލް ޖަޒީރާ










