ފައުޗީއާ ދެކޮޅަށް ފިޔަވަޅު އެޅުމަށް އެމެރިކާގެ ސެނެޓުގެ ކޮމިޓީ އިން ފާސްކޮށްފި
6 އޯގަސްޓު 2026 | ބުރާސްފަތި 14:03ބުރާސްފަތި ދުވަހު ސެނެޓުގެ ކޮމިޓީ އޮން ހޯމްލޭންޑް ސެކިއުރިޓީ އެންޑް ގަވަންމަންޓަލް އެފެއާޒް އިން މިގޮތަށް ނިންމާފައިވަނީ، މިދިޔަ ހަފުތާގައި ބޭއްވި އަޑުއެހުމެއްގައި ސުވާލުތަކަށް ޖަވާބު ދެއްވަން ފައުޗީ އިންކާރު ކުރެއްވުމާ ގުޅިގެން. އެ އަޑު އެހުމުގައި ފައުޗީ ވަނީ އެމެރިކާގެ ޤާނޫނު އަސާސީގެ ފަސް ވަނަ އިސްލާހުގެ ދަށުން ލިބިދޭ ހަނުހުރުމުގެ ހައްގުގެ ބޭނުން ކުރައްވާފައި


ކޮވިޑް-19 ފެތުރުނު ދުވަސްވަރު އެމެރިކާގެ ސިއްހީ ދާއިރާގެ އެންމެ އިސް އެއް މަޤާމުގައި ހުންނެވި އެންތަނީ ފައުޗީ | ގެޓީ އިމޭޖަސް
އެމެރިކާގައި ކޮވިޑް-19 ފެތުރުނު ދުވަސްވަރު އެ ޤައުމުގެ ސިއްހީ ދާއިރާގެ އެންމެ އިސް އެއް މަޤާމުގައި ހުންނެވި އެންތަނީ ފައުޗީ، ކޮންގްރެސްގެ އިހުތިރާމް ކުޑަކުރި ކަމަށް ނިންމައި، އޭނާއާ ދެކޮޅަށް ފިޔަވަޅު އެޅުމަށް އެމެރިކާގެ ސެނެޓުގެ ކޮމިޓީއަކުން ވޯޓު ދީފި އެވެ.
ބުރާސްފަތި ދުވަހު ސެނެޓުގެ ކޮމިޓީ އޮން ހޯމްލޭންޑް ސެކިއުރިޓީ އެންޑް ގަވަންމަންޓަލް އެފެއާޒް އިން މިގޮތަށް ނިންމާފައިވަނީ، މިދިޔަ ހަފުތާގައި ބޭއްވި އަޑުއެހުމެއްގައި ސުވާލުތަކަށް ޖަވާބު ދެއްވަން ފައުޗީ އިންކާރު ކުރެއްވުމާ ގުޅިގެންނެވެ. އެ އަޑު އެހުމުގައި ފައުޗީ ވަނީ އެމެރިކާގެ ޤާނޫނު އަސާސީގެ ފަސް ވަނަ އިސްލާހުގެ ދަށުން ލިބިދޭ ހަނުހުރުމުގެ ހައްގުގެ ބޭނުން ކުރައްވާފައި އެވެ.

ކޮވިޑް-19 ގެ އަސްލާ ގުޅޭގޮތުން ސެނެޓުގައި ކުރިއަށްދިޔަ އަޑުއެހުމެއްގައި، އެމެރިކާގެ ސިއްހީ ދާއިރާގެ ކުރީގެ އިސް އޮފިޝަލް ފައުޗީ ސުވާލުތަކަށް ޖަވާބު ދެއްވަން އިންކާރު ކުރައްވައިފި
ކޮވިޑުގެ ބަލިމަޑުކަމާ ދެކޮޅަށް އެމެރިކާ ސަރުކާރުން އެޅި ފިޔަވަޅުތަކަށް ފާޑު ކިޔާ ފަރާތްތަކުގެ މައިގަނޑު އަމާޒަކަށްވެފައިވާ ފައުޗީ ތުހުމަތު ކުރައްވާ ގޮތުގައި، ރިޕަބްލިކަން ޕާޓީ އިން އިސްވެ އޮވެ ބޭއްވި މި އަޑު އެހުމަކީ އޭނާ މަޅިއެއްގައި ބެއްދުމަށް ރޭވުންތެރިކަމާ އެކު ކުރިއަށް ގެންދިޔަ ކަމެކެވެ. ފައުޗީއާ ދެކޮޅަށް މިފަދަ ފިޔަވަޅެއް އެޅުމަށް ކޮމިޓީ އިން ނިންމިއިރު، އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑަން ވަނީ މީގެ ކުރިން ފައުޗީ އަށް ރިޔާސީ މައާފެއް ދެއްވާފައި އެވެ.
ސެނެޓުގެ ކޮމިޓީ އިން ނިންމި މި ނިންމުމާ އެކު، ފައުޗީގެ މައްސަލަ މިހާރު ވަނީ ޖިނާއީ ދައުވާއެއް އުފުލުމާ މެދު ގޮތެއް ނިންމުމަށް އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސް އަށް ފޮނުވާފައި އެވެ. ނަމަވެސް، އޭނާއާ ދެކޮޅަށް ރަސްމީކޮށް ދައުވާ ކުރާނެތޯ ނުވަތަ ނޫންތޯ ނިންމާނީ އެ ޤައުމުގެ ޤާނޫނު ތަންފީޒުކުރާ އިދާރާތަކުންނެވެ.
މި މައްސަލަ އަކީ ކޮވިޑުގެ ދުވަސްވަރު ސަރުކާރުން އަމަލުކުރި ގޮތާ މެދު އެމެރިކާގެ ސިޔާސީ މަސްރަހުގައި އުފެދިފައިވާ ބޮޑު ހިޔާލު ތަފާތުވުންތަކުގެ ތެރެއިން ފެންމަތިވެފައިވާ މައްސަލަ އެކެވެ. ފައުޗީ އަކީ އެ ދުވަސްވަރު އެމެރިކާގެ ރައްޔިތުންނަށް ސިއްހީ އިރުޝާދުތައް ދިނުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އެއް ބޭފުޅާ އެވެ.
މަސްދަރު: އަލް ޖަޒީރާ









