އަހަރެންނަކީ އެންމެ މޮޅު އަދި އެންމެ ރަނގަޅު ރައީސް ކަމަށް ވަރަށް ގިނަ މީހުން ބުނޭ: ޓްރަމްޕް
8 އޯގަސްޓު 2026 | ހޮނިހިރު 05:29ޓްރަމްޕް ވިދާޅުވީ، ވަރަށް ގިނަ މީހުން ދެކޭ ގޮތުގައި އޭނާ އަކީ އެމެރިކާގެ އެންމެ ރަނގަޅު އަދި އެންމެ މޮޅު ރައީސް ކަމަށާއި، ވަރަށް ގިނަ މީހުން އެ ވާހަކަ ބުނާ ކަމަށް. ޓްރަމްޕް އެހެން ވިދާޅުވުމާ އެކު، ނޫސްވެރިޔާ ވަނީ ޑިމޮކްރެޓިކް ޕާޓީ އިން ޓްރަމްޕްއާ މެދު އެހެން ނުދެކޭ ކަމަށް ބުނެފައި. ނަމަވެސް ޓްރަމްޕް ވިދާޅުވީ ޑިމޮކްރެޓިކް ޕާޓީ އިން އެހެން ނުބުނި ކަމަށް ވީ ނަމަވެސް، އެ ޕާޓީ އިން ވެސް އެކަން ދަންނަ ކަމަށާއި އެކަން ޤަބޫލު ކުރާ ކަމަށް


އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް | ގެޓީ އިމޭޖަސް
އެމެރިކާގެ ތާރީޚުގައި އުފެދުނު އެންމެ މޮޅު އަދި އެންމެ ރަނގަޅު ރައީސް އަކީ އޭނާ ކަމަށް، ވަރަށް ގިނަ މީހުން ބުނަމުން އަންނަ ކަމަށް އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ދާދި ފަހުން ދިން އިންޓަވިޔުއެއްގައި ޓްރަމްޕް މިހެން ވިދާޅުވެފައި ވަނީ، ނޫސްވެރިޔަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އެގޮތުން މިއަހަރުގެ ނޮވެމްބަރު މަހު އޮންނަ އެމެރިކާގެ މިޑްޓަރމް އިންތިޚާބު އިދިކޮޅު ޑިމޮކްރެޓިކް ޕާޓީ އިން ކާމިޔާބު ކޮށްފި ނަމަ، މަޤާމުން ދުރުކުރުމުގެ ބިރުވެރިކަމާ ކުރިމަތިލާން ޖެހިދާނެ ކަމަށް ޤަބޫލު ކުރައްވަންތޯ ނޫސްވެރިޔާ ވަނީ ސުވާލެއް ދަންނަވާފައި އެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން ޓްރަމްޕް ވިދާޅުވީ، ވަރަށް ގިނަ މީހުން ދެކޭ ގޮތުގައި އޭނާ އަކީ އެމެރިކާގެ އެންމެ ރަނގަޅު އަދި އެންމެ މޮޅު ރައީސް ކަމަށާއި، ވަރަށް ގިނަ މީހުން އެ ވާހަކަ ބުނާ ކަމަށެވެ. ޓްރަމްޕް އެހެން ވިދާޅުވުމާ އެކު، ނޫސްވެރިޔާ ވަނީ ޑިމޮކްރެޓިކް ޕާޓީ އިން ޓްރަމްޕްއާ މެދު އެހެން ނުދެކޭ ކަމަށް ބުނެފަ އެވެ. އަދި އެ ޕާޓީގެ މެންބަރުން އެހެން ނުބުނާ ކަމަށް ވެސް ނޫސްވެރިޔާ ބުންޏެވެ.
އެއާ އެކު ޓްރަމްޕް ވިދާޅުވީ، ޑިމޮކްރެޓިކް ޕާޓީ އިން އެހެން ނުބުނި ކަމަށް ވީ ނަމަވެސް، އެ ޕާޓީ އިން ވެސް އެކަން ދަންނަ ކަމަށާއި، އެކަން ޤަބޫލު ކުރާ ކަމަށެވެ. އަދި އެއީ ޑިމޮކްރެޓިކް ޕާޓީގެ މީހުންގެ ހިތުގައި އޮތް ޙަގީގަތް ކަމަށް ވެސް ޓްރަމްޕް ވަނީ ވިދާޅުވެފައި އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވި އިންޓަވިޔުގެ ތެރެއިން
ޓްރަމްޕް މިހެން ވިދާޅުވެފައި ވަނީ، އޭނާގެ ރައީސް ކަމުގެ ފުރަތަމަ ދައުރުގެ ތެރޭގައި އިމްޕީޗްމަންޓުގެ ބިރުވެރިކަމާ ކުރިމަތިލާން ޖެހިފައި ވަނިކޮށެވެ. ދެ ވަނަ ދައުރަކަށް ވެރިކަމަށް ވަޑައިގެންނެވި ފަހުން ވެސް، ޓްރަމްޕް ވަނީ އޭނާ އިމްޕީޗު ކުރުމަށް އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރާނެ ކަމަށް ވިދާޅުވެފައި އެވެ.
އެގޮތުން މިއަހަރުގެ ކުރީކޮޅު ރިޕަބްލިކަން ޕާޓީގެ މެންބަރުންނާ މުޚާތަބު ކުރައްވައި ޓްރަމްޕް ވިދާޅުވެފައި ވަނީ، ޑިމޮކްރެޓިކް ޕާޓީ އިން މިޑްޓަރމް އިންތިޚާބު ކާމިޔާބު ކޮށްފި ނަމަ، އޭނާ އިމްޕީޗު ކުރުމަށް އެ ޕާޓީ އިން މަސައްކަތް ކުރާނެ ކަމަށެވެ. ޓްރަމްޕް ވިދާޅުވެފައި ވަނީ ރިޕަބްލިކަން ޕާޓީ އިން، މިއަހަރުގެ ނޮވެމްބަރު މަހު އޮންނަ މިޑްޓަރމް އިންތިޚާބުގައި ސެނެޓާއި، ހައުސްގެ މެޖޯރިޓީ ހޯދަން ޖެހޭ ކަމަށެވެ.
އެމެރިކާގައި މިހާރު ނަގަމުން އަންނަ ޚިޔާލު ހޯދުމުގެ ވޯޓުތަކުގައި ޓްރަމްޕްގެ މަޤުބޫލުކަން ދަނީ ވަރަށް ބޮޑަށް ދަށްވަމުންނެވެ. ޚާއްސަކޮށް އީރާންއާ ދެކޮޅަށް އެމެރިކާ އިން ކުރަމުން އަންނަ ހަނގުރާމައިގެ ސަބަބުން، އެމެރިކާގެ އިޤްތިޞާދަށް އެކަމުގެ ނޭދެވޭ އަސަރުކޮށް، ރައްޔިތުންގެ އާންމު ދިރިއުޅުމަށް އެކަމުގެ އަސަރު ކުރަމުން އަންނަ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.










