ޓްރަމްޕް ބޭނުންފުޅު ވެގެން ވައިޓް ހައުސްގައި ތަރައްޤީ ކުރަން ފެށި 400 މިލިއަން ޑޮލަރަށް ވުރެ އަގުބޮޑު ބޯލްރޫމްގެ މަސައްކަތް ހުއްޓާލަން ކޯޓުން އަމުރުކޮށްފި
8 އޯގަސްޓު 2026 | ހޮނިހިރު 03:53މި މަސައްކަތް ހުއްޓާލުމުގެ އަމުރު ނެރެފައި ވަނީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން، ދެ ފަނޑިޔާރުންގެ ތާއީދާ އެކު. ކޯޓުން ނެރުނު ނިންމުމުގައި ބުނެފައި ވަނީ، ތާރީޚު ހިމާޔަތްކުރުމުގެ ފަރާތަކުން ހުށަހަޅާފައިވާ އެ މައްސަލައިގައި ބޯލްރޫމް ތަރައްޤީ ކުރުމުގެ މަސައްކަތް ހުއްޓާލުމަށް އަންގާ ކަަމަށް


ވައިޓް ހައުސްގައި ތަރައްޤީ ކުރާ ބޯލްރޫމްގެ މަންޒަރު ފެންނަ ފޮޓޯ އަކާ އެކު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް | ގެޓީ އިމޭޖަސް
އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސްގައި ތަރައްޤީ ކުރަމުން އަންނަ ބޯލްރޫމްގެ މަސައްކަތް ހުއްޓާލުމަށް އެ ޤައުމުގެ ކޯޓަކުން އަމުރުކޮށްފި އެވެ.
ކޮންގްރެސްގެ ހުއްދަ ނެތި ތަރައްޤީ ކުރަމުން އަންނަ ބޯލްރޫމްގެ މަސައްކަތް ހުއްޓާލަން ކޯޓުން އަމުރު ކޮށްފައިވާއިރު، މިއީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބޭނުންފުޅު ވެގެން ތަރައްޤީ ކުރަމުން އަންނަ ތަނެކެވެ.
ޑިސްޓްރިކްޓް އޮފް ކޮލަމްބިއާ ސާކިޓްގެ ޔޫއެސް ކޯޓް އޮފް އެޕީލްސްގެ ތިން ފަނޑިޔާރުންގެ ޕެނަލް އިން ނެރުނު ނިންމުމުގައި ބުނެފައި ވަނީ، ޓްރަމްޕް އަމިއްލަފުޅަށް ވައިޓް ހައުސްގެ އީސްޓް ވިންގް ހުރި ތަނުގައި 9،000 އަކަފޫޓުގެ ބޯލްރޫމެއް ބިނާ ކުރުމުގެ އިޚްތިޔާރު ނެތް ކަމަށެވެ.
މި މަސައްކަތް ހުއްޓާލުމުގެ އަމުރު ނެރެފައި ވަނީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން، ދެ ފަނޑިޔާރުންގެ ތާއީދާ އެކު އެވެ. ކޯޓުން ނެރުނު ނިންމުމުގައި ބުނެފައި ވަނީ، ތާރީޚު ހިމާޔަތް ކުރުމުގެ ފަރާތަކުން ހުށަހަޅާފައިވާ އެ މައްސަލައިގައި ބޯލްރޫމް ތަރައްޤީ ކުރުމުގެ މަސައްކަތް ހުއްޓާލުމަށް އަންގާ ކަަމަށެވެ.
ކޯޓުން މި ނިންމުން ނިންމި ނަމަވެސް، މި މައްސަލަ ސުޕްރީމް ކޯޓުގެ އިސްތިއުނާފު ކުރުމުގެ ފުރުސަތު ސަރުކާރަށް ދިނުމުގެ ގޮތުން، މި ނިންމުން ތަންފީޒު ކުރުން ދެ ހަފުތާާގެ މުއްދަތަކަށް ފަސް ކުރާނެ ކަމަށް ވެސް ކޯޓުން ވަނީ ބުނެފައި އެވެ. ކޯޓުން ބުނެފައި ވަނީ، ބޮޑު ބޯލްރޫމެއް ތަރައްޤީ ކުރަން ޖެހޭތޯ، ނުވަތަ ނޫންތޯ ނިންމާނީ ކޮންގްރެސް އިން ކަމަަށެވެ. އަދި އެއީ އެގްޒެކެޓިވް އިން އަމިއްލަ އަށް ނިންމާ ނިންމުމެއް ނޫން ކަމަށް ވެސް ބުނެފައިވެ އެވެ.
މައްސަލަ ބެއްލެވި ފަނޑުޔާރުން ތާއީދު ކޮށްފައި ވަނީ ޔޫއެސް ޑިސްޓްރިކްޓް ފަނޑިޔާރު ރިޗާޑް ލިއޮން އޭޕްރީލް ހަތަރު ވަނަ ދުވަހު ނެރުނު އަމުރަށެވެ. އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ޑަބްލިއު ބުޝްގެ ފަރާތުން އޭރު ކޯޓަށް އައްޔަން ކުރައްވާފައިވާ އެ ފަނޑިޔާރު ނިންމަވާފައި ވަނީ، ބޯލްރޫމްގެ މަސައްކަތް ހުއްޓާލުމަށް އެންގުމަށެވެ.
މި މައްސަލައިގައި ސަރުކާާރުގެ ވަކީލުން ބުނެފައި ވަނީ، 70 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާއިރު ވައިޓް ހައުސްގައި ހިނގާ އެންމެ ބޮޑު ބަދަލަކީ އެ މަޝްރޫއު ކަމަށެވެ. އަދި އެ މަޝްރޫއުގައި ޑްރޯން އާއި ބެލިސްޓިކް މިސައިލް އަދި ބައޯހެޒާޑް ފަދަ ނުރައްކާތަކުން ރައްކާތެރިވުމަށް މުހިންމު ސަލާމަތީ ފިޔަވަޅުތަކެއް ހިމެނޭ ކަމަށް ވެސް ބުނެފައިވެ އެވެ.
މަސްދަރު: ދި އެސޯސިއޭޓެޑް ޕްރެސް










