ޓްރަމްޕް އާއެކު އޮތް ބަހުސްގައި ބައިޑަން އަށް ދިމާވީ ކެންސަރުގެ މައްސަލަ، އޭރު އެކަން އޮތީ ނޭނގި!
3 އޯގަސްޓު 2026 | ހޯމަ 06:31މެކްރޯޑޯސިންގ ޕޮޑްކާސްޓްގައި ވާހަކަ ދައްކަވަމުން ހަންޓަރ ވިދާޅުވީ ބަހުސްގެ ތެރޭގައި ބައިޑަން ފެނުނީ ވަރަށް ބޮޑަށް ހުސްކޮށް ހުންނެވި ބޭފުޅެއްގެ ގޮތުގައި ކަމަށާއި، އޭގެ ނުވަ މަސް ފަހުން ބައިޑަންގެ ހަށިގަނޑުން ހަތަރު ވަނަ ސްޓޭޖުގެ ޕްރޮސްޓޭޓް ކެންސަރާއި ކަށީގެ ކެންސަރު ފެނިފައިވާ ކަމަށް. ހަންޓަރ ފާހަގަ ކުރެއްވި ގޮތުގައި މި ބަލި ބައިޑަންގެ ހަށިގަނޑުގައި ފެތުރެމުންދާތާ ތިން އަހަރަށް ވުރެ ގިނަ ދުވަސް ވަނީ ވެފައި


2024 ވަނަ އަހަރު އޮތް ރިޔާސީ ބަހުސްގައި އޭރުގެ ރައީސް ޖޯ ބައިޑަން ސްޓޭޖު މަތީގައި ހުންނެވި މަންޒަރު | ރޮއިޓާސް
އެމެރިކާާގައި 2024 ވަނަ އަހަރު އޮތް ރިޔާސީ އިންތިޚާބުގެ ބަސްހުގައި އޭރުގެ ރައީސް ޖޯ ބައިޑަން އަށް ދިމާވީ ކެންސަރު ޖެހިފައި ހުރުމުގެ މައްސަލަ ކަމަށް ބައިޑަންގެ ދަރިކަލުން ހަންޓަރ ބައިޑަން ވިދާޅުވެއްޖެ އެވެ.
މެކްރޯޑޯސިންގ ޕޮޑްކާސްޓްގައި ވާހަކަ ދައްކަވަމުން ހަންޓަރ ވިދާޅުވީ ބަހުސްގެ ތެރޭގައި ބައިޑަން ފެނިގެންދިޔައީ ވަރަށް ބޮޑަށް ހުސްކޮށް ހުންނެވި ބޭފުޅެއްގެ ގޮތުގައި ކަމަށާއި، އޭގެ ނުވަ މަސް ފަހުން ބައިޑަންގެ ހަށިގަނޑުން ހަތަރު ވަނަ ސްޓޭޖުގެ ޕްރޮސްޓޭޓް ކެންސަރާއި، ކަށީގެ ކެންސަރު ފެނިފައިވާ ކަމަށެވެ. ހަންޓަރ ފާހަގަ ކުރެއްވި ގޮތުގައި މި ބަލި ބައިޑަންގެ ހަށިގަނޑުގައި ފެތުރެމުންދާތާ ތިން އަހަރަށް ވުރެ ގިނަ ދުވަސް ވަނީ ވެފައި އެވެ.
އުމުރުފުޅުން 83 އަހަރުގެ ބައިޑަން އަށް ނުރައްކާތެރި ވައްތަރެއްގެ ޕްރޮސްޓޭޓް ކެންސަރު ޖެހިފައިވާކަން އެނގުނީ 2025 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި އެވެ. އޭރު އެ ބަލި ވަނީ އޭނާގެ ކަށިތަކަށް ފެތުރިފައި އެވެ. މީގެ އިތުރުން، މިދިޔަ އަހަރު ބައިޑަން ވަނީ ހަމުގެ ކެންސަރު ނެގުމަށް ސާޖަރީއެއް ކުރައްވައި، ރޭޑިއޭޝަން ތެރަޕީ ވެސް ފުރިހަމަ ކުރައްވާފައި އެވެ.
2024 ވަނަ އަހަރުގެ ޖޫން މަހު ބޭއްވި ބަހުސްގައި ބައިޑަން އަށް ވާހަކަ ދައްކަވަން އުނދަގޫވެ، ވިދާޅުވާ އެއްޗެއް އޮޅުން ބޮޅުންވުމާ ގުޅިގެން އޭނާގެ ކެމްޕެއިން އަށް ބޮޑެތި ފާޑު ކިޔުންތަކެއް އަމާޒުވި އެވެ. އޭގެ ސަބަބުން ޑިމޮކްރެޓިކް ޕާޓީގެ ތެރެއިން އައި ޕްރެޝަރާއެކު، ޖުލައި މަހުގެ ފަހުކޮޅު އޭނާ ވަނީ ރޭހުން ވަކިވެވަޑައިގެންފައި އެވެ. އަދި ބަދަލުގައި ޑިމޮކްރެޓިކް ޕާޓީ އިން ނެރުނު ކެންޑިޑޭޓު، ބައިޑަންގެ ނައިބު ރައީސް ކަމަލާ ހެރިސް ވަނީ ރިޔާސީ އިންތިޚާބުގައި ޑޮނަލްޑް ޓްރަމްޕްއާ ވާދަކުރައްވާ ނާކާމިޔާބުވެވަޑައިގެންފައި އެވެ.
ބަހުސްގައި ދިމާވި މައްސަލަތަކާ ގުޅޭ ގޮތުން މީގެ ކުރިން ވެސް އެކި ފަރާތްތަކުން ތަފާތު ސަބަބުތައް ދައްކާފައިވެ އެވެ. ބަހުސް ނިމުނުތަނާ ބައިޑަން ވިދާޅުވީ އޭނާ ހުންނެވީ ވަރަށް ބޮޑަށް އަރިދަފުސް ރޯގާ ޖެހިވަޑައިގެން ކަމަށެވެ. ނަމަވެސް ފަހުން ވިދާޅުވީ ބަހުސްގެ ކުރިން މާ ގިނައިން ދަތުރު ކުރެއްވުމުގެ ސަބަބުން ވަރުބަލިވެ، ސްޓޭޖް މަތީގައި ނިދިޖެހިވަޑައިގެން ކަމަށެވެ.
ހަންޓަރ ބައިޑަން މީގެ ކުރިން ވިދާޅުވެފައި ވަނީ، އޭނާގެ ބައްޕަ ނިދާ ބޭހެއް ކަމަށްވާ 'އެމްބިއަން' ބޭނުން ކުރެއްވި ކަމަށެވެ. ކުރީގެ ފަސްޓް ލޭޑީ ޖިލް ބައިޑަން ވިދާޅުވެފައި ވަނީ ބަހުސް ބައްލަވަން ހުންނެވިއިރު ބައިޑަން އަށް ސްޓްރޯކެއް ޖެހެނީ ކަމަށް ހީކުރެއްވި ކަމަށެވެ.
ނަމަވެސް، ސިއްހީ މާހިރުން ބުނާ ގޮތުގައި ޕްރޮސްޓޭޓް ކެންސަރަކީ ވަރަށް ލަހުން ފެތުރޭ ބައްޔަކަށް ވާއިރު، ބަހުސްގެ ތެރޭގައި ބައިޑަން އަށް ދިމާވި މައްސަލަތަކަކީ ކެންސަރުގެ ސަބަބުން ދިމާވި ކަމެއް ކަމަށް ބެލުމަކީ ދުރު ކަމެކެވެ.
އޯހައިއޯ ސްޓޭޓް ޔުނިވަރސިޓީގެ އޮންކޮލޮޖިސްޓް ޑރ. ޕޯލް މޮންކް ވިދާޅުވީ، ބައިޑަން އަށް ދިމާވީ އުމުރުން ދުވަސްވުމުގެ އަލާމާތްތައް ކަމަށާއި ޕްރޮސްޓޭޓް ކެންސަރު ސިކުނޑި އަށް ފެތުރި ވިސްނުމަށް އަސަރު ކުރުމަކީ ވަރަށް ނާދިރު ކަމެއް ކަމަށެވެ. މާސް ޖެނެރަލް ބްރިގަމް ކެންސަރު އިންސްޓިޓިއުޓްގެ ޑރ. ޕޯލް އެންގުޔެން ވެސް ވަނީ ހަންޓަރގެ ވާހަކަ ތަކަށް އެއްބަސް ނުވެވޭނެ ކަމަށް ވިދާޅުވެފައި އެވެ.
މަސްދަރު: ދި ނިއު ޔޯކް ޓައިމްސް










