އިންފަންޓީނޯ އަށް އޮތް އިތުބާރު މުޅިން ގެއްލިއްޖެ: ކެނެޑާގެ ބޮޑު ވަޒީރު ކާނީ
6 އޯގަސްޓު 2026 | ބުރާސްފަތި 07:42މިއަހަރުގެ ވޯލްޑް ކަޕް ހޯސްޓު ކުރި އެއް ޤައުމު ކަމަށްވާ ކެނެޑާގެ ބޮޑު ވަޒީރު ކާނީ ވަނީ، އިންފަންޓީނޯ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައި. ކާނީ ވިދާޅުވީ އިންފަންޓީނޯގެ މައްޗަށް އޮތް އިތުބާރު މުޅިން ގެއްލިފައިވާ ކަމަށް. އިންފަންޓީނޯގެ ސިޔާސަތުތަކާ މެދު ނުރުހުން ފާޅުކުރައްވައި ކާނީ ވަނީ، ފީފާގެ ރައީސް ކަމުގައި އިންފަންޓީނޯ ހުންނެވުމާ މެދު ސުވާލު އުފައްދަވާފައި


ކެނެޑާގެ ބޮޑު ވަޒީރު މާކް ކާނީ، އަދި ފީފާާގެ ރައީސް ޖިއާނީ އިންފަންޓީނޯ | ގެޓީ އިމޭޖަސް
ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ)ގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް އޮތް އިތުބާރު ގެއްލިފައިވާ ކަމަށް، ކެނެޑާގެ ބޮޑު ވަޒީރު މާކް ކާނީ ވިދާޅުވެއްޖެ އެވެ.
ފީފާ ވޯލްޑް ކަޕް ހިމެނޭހެން، ފީފާގެ މުބާރާތްތަކުގެ ހިއްސާ ވިއްކާލުމަށް އިންފަންޓީނޯ ހުށަހެޅުއްވި ޕްލޭން ނާކާމިޔާބުވެފައިވާއިރު، އޭނާ އަށް ވަނީ އެތައް ބައެއްގެ ފާޑު ކިޔުންތަކާއި، ޕްރެޝަރު ވެސް ކުރިމަތިވެފައި އެވެ. ނަމަވެސް، ފީފާގެ އެގްޒެކެޓިވް މެމްބަރުން ވަނީ އިންފަންޓީނޯ އަށް ތާއީދު އޮތް ކަމަށް ހާމަ ކުރައްވައިފަ އެވެ.
މޮރޮކޯގައޮ ބޭއްވި ފީފާގެ ކުއްލި ބައްދަލުވުމެއްގައި އެގްޒެކެޓިވް ކައުންސިލް އިން ވަނީ އިންފަންޓީނޯ އާއި، އޭނާގެ ލީޑާޝިޕް އަށް އިތުބާރު އޮތްކަން ހާމަކޮށް، އޭނާ އާއެކު ކުރިއަށް ދިޔުމަށް ނިންމައިފަ އެވެ. މި މައްސަލައިގައި އިންފަންޓީނޯ ވެސް ވަނީ މައާފަށް އެދިވަޑައިގެންފައި އެވެ.

ހެދުނު ގޯސްތަކަށް "އިޚްލާސްތެރިކަމާއެކު މާފަށް އެދެން": އިންފަންޓީނޯ
ނަމަވެސް، މިއަހަރުގެ ވޯލްޑް ކަޕް ހޯސްޓު ކުރި އެއް ޤައުމު ކަމަށްވާ ކެނެޑާގެ ބޮޑު ވަޒީރު ކާނީ ވަނީ، އިންފަންޓީނޯ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައި އެވެ. ކާނީ ވިދާޅުވީ އިންފަންޓީނޯގެ މައްޗަށް އޮތް އިތުބާރު މުޅިން ގެއްލިފައިވާ ކަމަށެވެ. އިންފަންޓީނޯގެ ސިޔާސަތުތަކާ މެދު ނުރުހުން ފާޅު ކުރައްވައި ކާނީ ވަނީ، ފީފާގެ ރައީސް ކަމުގައި އިންފަންޓީނޯ ހުންނެވުމާ މެދު ސުވާލު އުފައްދަވައިފަ އެވެ.
ފީފާގެ ރައީސް އިންފަންޓީނޯއާ ގުޅޭ ގޮތުން ކެނެޑާގެ ބޮޑު ވަޒީރު ކާނީ ދެއްކެވި ވާހަކަފުޅު
މި މައްސަލަ ހޫނުވެފައި ވަނީ ވޯލްޑް ކަޕްގެ ބޮޑު ހިއްސާއެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް އިންފަންޓީނޯ ކުރެއްވި މަސައްކަތް ނާކާމިޔާބުވުމާ ގުޅިގެންނެވެ. އެ ހުށަހެޅުމަކީ ފުޓުބޯޅައިގެ ރޫޙާ ޚިލާފު އަދި ކުޅިވަރުގެ ވިޔަފާރި އުސޫލު ތަކަށް ބަދަލު ތަކެއް ގެންނަ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަ ވެސް ކުރި އެވެ.
ކެނެޑާގެ ބޮޑު ވަޒީރު ކާނީގެ މި ހަރުކަށި ބަސްތަކާ އެކު، ބައިނަލްއަޤުވާމީ ފުޓުބޯޅައިގެ މައިދާނުގައި އިންފަންޓީނޯ އަށް އޮތް ސިޔާސީ ޕްރެޝަރު ވަނީ އިތުރުވާން ފަށައިފަ އެވެ. ކާނީގެ ކުރިން، އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު އެންޑީ ބާންހަމް ވެސް ވަނީ، އިންފަންޓީނޯގެ އިސްތިއުފާ އަށް ގޮވާލައްވައިފަ އެވެ. އަދި ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން ވެސް، އިންފަންޓީނޯއާ މެދު ނުރުހުންވެފައި ހުންނެވި ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ފީފާގެ އެގްޒެކެޓިވް މެންބަރުން އިންފަންޓީނޯ އަށް ތާއީދު ދިން ނަމަވެސް، ދުނިޔޭގެ ބޮޑެތި ޤައުމު ތަކުގެ ލީޑަރުންނާއި ފުޓުބޯޅައިގެ އިސް ފަރާތްތަކުގެ މެދުގައި އޭނާއާ މެދު އޮތް ޚިޔާލު ތަފާތުވުންތައް ދަނީ ބޮޑުވަމުންނެވެ. ޚާއްސަކޮށް މިއަހަރުގެ މުބާރާތް ބޭއްވި އެއް ޤައުމުގެ އިސްވެރިޔާގެ ފަރާތުން މިފަދަ ބަސް މަގެއް އައުމަކީ، ފީފާގެ ކުރިމަގަށް އޮތް ގޮންޖެހުމެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ.









