2025 ވަނަ އަހަރާއި އަޅާބަލާއިރު މިއަހަރު ޒަރޫރީ މުދަލުގެ އަގުތައް 6 އިންސައްތަ މައްޗަށް!
9 އޯގަސްޓު 2026 | އާދީއްތަ 04:23މިދިޔަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު މިއަހަރު ކާބޯތަކެއްޗާއި ތެލުގެ އަގުތައް ވަނީ ބޮޑުތަނުން އުފުލިފައި. އެގޮތުން މަހުގެ ބާވަތްތަކާއި ކޮފީގެ އަގު 20 އިންސައްތައަށް ވުރެ މައްޗަށް ގޮސްފައިވާއިރު، ތަކެތީގެ އަގުބޮޑުވުމުގެ ޝަކުވާ އާންމުން ދަނީ ކުރަމުން. ނަމަވެސް ތަރުކާރީ އާއި މޭވާގެ އަގު ހެޔޮވުމުގެ ސަބަބުން ޖޫން މަހާ އަޅާބަލާއިރު ޖުލައި މަހު ކާބޯތަކެތީގެ އަގުތައް ކުޑަކޮށް ދަށަށް ގޮސްފައިވޭ


މޭވާއާއި ތަރުކާރީ | ސޯޝަލް މީޑިއާ
2025 ވަނަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު މިއަހަރުގެ ޖުލައި މަހު މާލޭގައި ޒަރޫރީ މުދަލުގެ އަގުތައް ނުވަތަ އެސެންޝަލް ކޮމޯޑިޓީސް ޕްރައިސް އިންޑެކްސް 6.07 އިންސައްތަ މައްޗަށް ގޮސްފައިވާކަން މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
މޯލަޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ޖުލައި މަހާއި އަޅާ ބަލާއިރު ކާބޯތަކެތީގެ އަގު ވަނީ 5.89 އިންސައްތަ މައްޗަށް ގޮސްފައި އެވެ. މީގެތެރޭގައި އެންމެ ބޮޑަށް އަގު އުފުލިފައިވަނީ މަހުގެ ބާވަތްތަކުންނެވެ. އެގޮތުން މަހުގެ އަގު 21.43 އިންސައްތަ އުފުލިފައިވާއިރު، ހަކުރާއި ފޮނި ކާއެއްޗެހީގެ އަގު 10.73 އިންސައްތަ އަދި ކިރާއި ބިހުގެ ބާވަތްތަކުގެ އަގު 9.48 އިންސައްތަ ވަނީ މައްޗަށް ގޮސްފަ އެވެ.
ދަޅާއި ފުޅިފަދަ ބުއިންތަކަށް ބަލާއިރު މިދިޔަ އަހަރަށް ވުރެ 5.75 އިންސައްތަ އަގު އުފުލިފައިވެ އެވެ. އަދި ކޮފީގެ ބާވަތްތަކުގެ އަގު ވަނީ 20.20 އިންސައްތަ އަށް އުފުލިފަ އެވެ. އަދި ގޭހާއި ތެލުގެ އަގުތަކަށް ބަލާއިރު މިދިޔަ އަހަރަށްވުރެ މިއަހަރު 14.54 އިންސައްތައަށް އަގު އުފުލިފައިވެ އެވެ.
މިދިޔަ އަހަރުގެ ޖުލައި މަހާއި މިއަހަރުގެ ޖުލައި މަހާއި އަޅާ ބަލާއިރު ތަކެތީގެ އަގު ބޮޑުވި ނަމަވެސް، މި އަހަރުގެ ޖޫން މަހަށް ވުރެ ޖުލައި މަހު ވަނީ ކާބޯތަކެތީގެ އަގުތައް 1.81 އިންސައްތަ ދަށަށް ގޮސްފަ އެވެ. އެހެންނަމަވެސް މި މުއްދަތުގައި ވެސް ކިރާއި ބިހުގެ ބާވަތްތަކުގެ އަގު 0.95 އިންސައްތަ އަދި ތެލުގެ އަގު 0.74 އިންސައްތަ ވަނީ އުފުލިފަ އެވެ.
ސްޓެޓިސްޓިކްސް ބިއުރޯއިން އާންމުކުރި ގޮތުގައި މިދިޔަ ޖުލައި މަހުގެ ނިޔަލަށް މާލޭގެ ޒަރޫރީ މުދަލުގެ އަގުތައް ހުރި މިންވަރު ނުވަތަ އިންޑެކްސް ހުރީ 120.37 ގައެވެ.
އެސެންޝަލް ކޮމޯޑިޓީސް ޕްރައިސް އިންޑެކްސްއަކީ ކާބޯތަކެއްޗާއި، ބުއިންތަކާއި، ތެލާއި، ގޭސް ހިމެނޭހެން 96 ބާވަތެއްގެ މުދަލުގެ އަގަށް އަންނަ ބަދަލު ބެލުމަށް އެކުލަވާލާފައިވާ އިންޑެކްސްއެކެވެ.
ރައީސް މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެން ފަހުން ތަކެތީގެ އަގު ބޮޑުވަމުންދާ ކަމުގެ ޝަކުވާ އަންނަނީ އާންމު ރައްޔިތުން ކުރަމުންނެވެ. މިކަމާއި ގުޅިގެން އެމްޑީޕީން "ދަތިވެއްޖެ" ނަމުގައި 13 އޮގަސްޓް ވާ ބުރާސްފަތި ދުވަހުގެ ރޭ 8:30 ގައި މުޒާހަރާ ކުރަން ވަނީ ނިންމާފައި އެވެ.










