ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން
6 އޯގަސްޓު 2026 | ބުރާސްފަތި 05:37އީރާނުގެ ރޫހާނީ ލީޑަރު މުޖުތަބާ ޚާމަނާއީ އާންމުންގެ ތެރެއަށް ނުނިކުންނަވައި އެކަހެރިކޮށް ހުންނެވުމާ ގުޅިގެން އެކި ފަރާތްތަކުން ސުވާލު އުފައްދަމުންދާއިރު، އެމަނިކުފާނާ މުއާމަލާތް ކުރުމަކީ މިވަގުތު ދަތި ކަމެއް ކަމަށް ރައީސް ޕެޒެޝްކިއަން ވިދާޅުވެއްޖެއެވެ. ނަމަވެސް، ޚާމަނާއީއާ ބެހޭގޮތުން ހަގީގަތާ ޚިލާފު ވާހަކަ ފަތުރައިގެން އެމަނިކުފާނުގެ ތަސައްވަރު ކިލަނބުކުރަން ބަޔަކު މަސައްކަތް ކުރާ ކަމަށް ވިދާޅުވެ ރައީސް ވަނީ އެކަން ކުށްވެރިކުރައްވާފައެވެ.

އީރާނުގެ އެންމެ މަތީ ވެރިޔާ އާޔަތުﷲ މުޖުތަބާ ޚާމަނާއީގެ ފޮޓޯފުޅެއް ހިފައިގެން ހުރި އީރާނުގެ އަންހެނަކު | ގެޓީ އިމޭޖަސް
އީރާނުގެ އެންމެ މަތީ ވެރިޔާ މުޖުތަބާ ޚާމަނާއީއާ މުއާމަލާތް ކުރުމަކީ މިވަގުތު "ވަރަށް އުނދަގޫ" ކަމެއް ކަމަށް އެ ގައުމުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ބުދަ ދުވަހު ވިދާޅުވެއްޖެ އެވެ.
މެދުއިރުމަތީގެ ހަނގުރާމަ ފެށިގެންދިޔަ އެމެރިކާ އާއި އިސްރާއީލުގެ ހަމަލާތަކުގައި ޒަޚަމްވި މުޖުތަބާ ޚާމަނާއީ، އެ ހަމަލާގައި އަވަހާރަވި އޭނާގެ ބައްޕާފުޅުގެ މަގާމާ ހަވާލުވެވަޑައިގަތް ފަހުން އަދި އާންމުންގެ ކުރިމައްޗަށް ފެނިވަޑައިގެންފައެއް ނުވެ އެވެ.
މިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ޕެޒެޝްކިއަން ވިދާޅުވީ، މިވަގުތު މުޖުތަބާ ޚާމަނާއީއާ މުއާމަލާތް ކުރުމަކީ ވަރަށް ދަތި ކަމެއް ނަމަވެސް، ކޮންމެ ހާލަތެއްގައި ވިޔަސް އެމަނިކުފާނު ހުންނެވުމަކީ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ.
އީރާނާއި އެމެރިކާއާ ދެމެދު ކުރިމަތިލުންތަކެއް ހިނގަމުންދާ މި ދަނޑިވަޅުގައި، ޒުވާން ޚާމަނާއީ މުއާމަލާތް ކުރައްވަމުން ގެންދަވަނީ ލިޔުމުން ނެރުއްވާ ބަޔާންތަކެއް މެދުވެރިކޮށެވެ. އެމަނިކުފާނު އާންމުންގެ ތެރެއަށް ނުނިކުންނަވައި އެކަހެރިކޮށް މަޑުން ހުންނެވުމާ ގުޅިގެން، ދައުލަތުގެ އެހެން އިސްވެރިންނާ އޮތް ގުޅުމާ މެދު އެކި ފަރާތްތަކުން ދަނީ ސުވާލު އުފައްދަމުންނެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މިދިޔަ މަހު ބޭއްވި އޭނާގެ ބައްޕާފުޅުގެ ޖަނާޒާގެ ރަސްމިއްޔާތުތަކުން ވެސް މުޖުތަބާ ޚާމަނާއީ ފެނިފައެއް ނުވެ އެވެ.
އެހެންނަމަވެސް، ރޫހާނީ ލީޑަރުގެ ދިފާއުގައި ވާހަކަދައްކަވަމުން ޕެޒެޝްކިއަން ވިދާޅުވީ، އެމަނިކުފާނާއެކު ނަތީޖާ ނެރެވޭ ފަދަ ބައްދަލުވުންތަކެއް ބޭއްވުމުގެ ފުރުސަތު ލިބިވަޑައިގެންނެވި ކަމަށާއި، އެ ބައްދަލުވުންތަކުން ފެނިގެންދިޔައީ އެމަނިކުފާނުގެ އޯގާތެރިކަމާއި ބުއްދިވެރި ވިސްނުންފުޅު ކަމަށެވެ.
މީގެ އިތުރުން ރައީސް ޕެޒެޝްކިއަން ވިދާޅުވީ، މިހާރު އޮތް ހާލަތުގެ ނާޖާއިޒު ފައިދާ ނަގައިގެން ނުނިޔަތް އޮތް ބައެއް މީހުން، މުޖުތަބާ ޚާމަނާއީއާ ބެހޭގޮތުން ހަގީގަތާ ޚިލާފު ވާހަކަތައް ފަތުރައި، އެމަނިކުފާނުގެ ތަސައްވަރު ކިލަނބުކުރަން މަސައްކަތް ކުރަމުންދާ ކަމީ ހިތާމަހުރި ކަމެއް ކަމަށެވެ.










