ޔަމަނުގެ ހޫޘީން ސައުދީއަށް އިންޒާރު: އިސްތިއުމާރީ ސިޔާސަތުން ރަސްކަން ނިމޭނެ
7 އޯގަސްޓު 2026 | ހުކުރު 05:08ޔަމަނުގެ ހޫޘީން ސައުދީ އަރަބިއްޔާއަށް ވަރުގަދަ އިންޒާރެއް ދީފައިވަނީ، އެ ގައުމުން ގެންގުޅޭ އިސްތިއުމާރީ ސިޔާސަތުތަކުގެ ސަބަބުން ސައުދީ ރަސްކަން ނިމުމަކަށް އަތުވެދާނެ ކަމަށް ބުނެ. ދެ ގައުމުގެ މަސްރަހު ގޯސްވެފައިވާ މި ދަނޑިވަޅުގައި، ޔަމަނަށް އަޅާފައިވާ ބަންދު އުވާނުލައިފިނަމަ ސައުދީގެ މުހިންމު ތަންތަނަށް ކެތްނުކުރެވޭ ފަދަ ވަރުގަދަ ރައްދެއް ދޭނެ ކަމަށްވެސް ހޫޘީން ވަނީ ބުނެފައި

ޔަމަނުގެ ސަންޢާގައި، ސައުދީ އަރަބިއްޔާ އިސްވެ އޮވެ އެ ގައުމާ ދެކޮޅަށް އަޅާފައިވާ ހިސާރު ދަމަހައްޓަމުންދާތީ، އެކަމާ ދެކޮޅަށް 2026 ވަނަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހު ކުރިއަށްގެންދިޔަ މުޒާހަރާއެއްގެ ތެރެއިން، ޔަމަނުގެ ސަލާމަތީ ބާރުތަކުގެ ސިފައިން ފޯރިމަރަނީ | ގެޓީ އިމޭޖަސް
ޔަމަނުގެ އިސްތިއުމާރީ ސިޔާސަތުތައް ދެމެހެއްޓުމަކީ ސައުދީ ރަސްކަން ނިމުމަކަށް އަންނާނެ ކަމެއް ކަމަށް ބުނެ، އެ ގައުމުގެ ހޫޘީންގެ ފޮރިން މިނިސްޓްރީން ސައުދީ އަރަބިއްޔާއަށް ވަރުގަދަ އިންޒާރެއް ދީފިއެވެ. ރިޔާޟުން ގެންގުޅޭ އިސްތިއުމާރީ އުސޫލުތަކުގެ ސަބަބުން ސައުދީ ސަރުކާރު އިނދަޖެހި، އެ ގައުމުން ހިންގަމުންދާ ލާއިންސާނީ އުދުވާންތަކުގެ ދިގު ތާރީޚު ނިމުމަކަށް އަންނާނެ ކަމަށް ހޫޘީން ބުނެފައިވެ އެވެ.
ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ޔަމަނުގެ ފޮރިން މިނިސްޓްރީން ބަޔާންކޮށްފައިވަނީ، ސައުދީ އަރަބިއްޔާއިން ހިންގަމުންދާ އިސްތިއުމާރީ ހަރަކާތްތަކާއި ނުފޫޒު ފޯރުވުމުގެ ސަބަބުން އެ ގައުމު މިހާރު މިސްރާބު ޖަހާފައިވަނީ އަނބުރާ ރުޖޫއަނުވެވޭނެ ފަދަ ނުރައްކާތެރި ހާލަތަކަށް ކަމަށެވެ. އަދި މިއީ ޔަމަނުގެ ރައްޔިތުންނާއި މުޅި ސަރަހައްދާ ދެކޮޅަށް ސައުދީ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ފަހު ބާބަށް ވެދާނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެ އެވެ.
އިސްތިއުމާރީ ފިކުރާއި ގަދަބާރު ދެއްކުމުގެ ސިޔާސަތުގެ ނަތީޖާއަކަށް ވާނީ ސައުދީ ސަރުކާރު އަމިއްލައަށް ހަލާކުވެގެން ދިއުން ކަމަށް ހޫޘީންގެ ފޮރިން މިނިސްޓްރީން ތަކުރާރުކޮށް ބުނެފައިވެ އެވެ. އެހެންކަމުން، ސައުދީގެ އުދުވާނީ އަދި ފުޅާވަމުންދާ ސިޔާސަތުތައް ދޫކޮށްލުމަށް ގޮވާލައި، އެހެން ނޫންނަމަ ކުރިމަތިވާނެ ހިތްދަތި ނަތީޖާތަކަށް ތައްޔާރުވުމަށް ހޫޘީން ވަނީ ސައުދީގެ އިސްވެރިންނަށް އިންޒާރު ދީފަ އެވެ.
މި އިންޒާރު ދީފައިވަނީ ދެ ގައުމުގެ ދެމެދުގައި މަސްރަހު ވަރަށް ބޮޑަށް ގޯސްވެފައިވާ ދަނޑިވަޅެއްގަ އެވެ. ސައުދީ އިސްވެވެގެން ޔަމަނާ ދެކޮޅަށް ފަށާފައިވާ އުދުވާނާއި، ވޭތުވެދިޔަ 10 އަހަރަށްވުރެ ގިނަ ދުވަހު ދަމަހައްޓަމުންދާ ބަންދަށް (ބްލޮކޭޑް) ޔަމަނުގެ ހަތިޔާރު އެޅި ފައުޖުތަކުން ދަނީ ވަރުގަދަ ރައްދުތަކެއް ދެމުންނެވެ. ޔަމަނުގެ ބަނދަރުތަކާއި އެއާޕޯޓުތައް ބަންދުކޮށް، ގައުމުގެ ވަސީލަތްތައް ފޭރިގަނެ، ބައެއް ސަރަހައްދުތައް ހިފައިގެން ތިބުމަކީ ޔަމަނުގެ ރައްޔިތުން ދުވަހަކުވެސް ގަބޫލުކުރާނެ ކަމެއް ނޫން ކަމަށް ހޫޘީންގެ އޮފިޝަލުން ބުނެ އެވެ.
ސަންޢާ އިން ދާދިފަހުން ނެރުނު ބަޔާންތަކުގައި ބުނެފައިވަނީ، ސައުދީން މަސްރަހު އިތުރަށް ގޯސްކޮށްފިނަމަ، އެ ގައުމަށް ކެތްނުކުރެވޭ ފަދަ ވަރުގަދަ ރައްދެއް ދޭނެ ކަމަށެވެ. ޔަމަނުގެ ފައުޖުތަކުން ވަނީ "ބަންދަކަށް ބަންދެއް" އިސްކުރުމުގެ އުސޫލު ތަންފީޒުކޮށް، ސައުދީގެ މުހިންމު ތަންތަނަށް ހަމަލާދިނުމުގެ ގާބިލުކަން ހުރިކަން ސާބިތުކޮށްދީފަ އެވެ. މިއީ ގައުމުގެ ސިޔާދަތު ދިފާއުކުރުމަށާއި، ބޭއިންސާފުން އަޅާފައިވާ ބަންދު އުވާލުމަށް ކުރާ ގާނޫނީ މަސައްކަތެއް ކަމަށް ޔަމަނުން ބުނެ އެވެ.
ޔަމަނުގެ ފުރިހަމަ ހައްގުތައް ހޯދުމަށާއި، އުދުވާންތައް ހުއްޓުވައި، އިންސާފުވެރި ސުލްހައެއް ގާއިމުކުރުމަށް އެ ގައުމުން ދެމިއޮންނާނެ ކަމަށާއި އަދި އިސްތިއުމާރީ ސިޔާސަތުތައް ކުރިއަށް ގެންދިއުމަކީ ސައުދީ ސަރުކާރުގެ ބާރު ކެނޑި، ނިމުމަކަށް އައުން ނޫން އެހެން ކަމެއް ހާސިލުވާނެ މަގެއް ނޫންކަން ޔަމަނުން ހޫޘީން ވަނީ ސާފުކޮށްދީފަ އެވެ.
ޔަމަނުގެ ހޫޘީންގެ ފޮރިން މިނިސްޓްރީގެ މި ބަޔާން އައިސްފައިވަނީ ދެ ގައުމުގެ ދެމެދުގައި ނުތަނަވަސްކަން އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެއްގަ އެވެ. މި ނުތަނަވަސްކަން އިތުރުވީ، ބަލިމީހުންނާއި ތާށިވެފައި ތިބި އާންމުން އުފުލާ އިންސާނީ އެހީގެ ފްލައިޓްތައް ހުއްޓުވުމަށްޓަކައި، މިދިޔަ މަހު ސަންޢާ އިންޓަނޭޝަނަލް އެއާޕޯޓަށް ވައިގެ ހަމަލާތަކެއް ދިނުމާ ގުޅިގެންނެވެ. ހޫޘީން މި ހަމަލާގެ ޒިންމާ އަޅުވަނީ ސައުދީ ސަރުކާރުގެ ބޮލުގަ އެވެ.
މީގެ ރައްދުގައި ހޫޘީންގެ ފައުޖުތަކުން ވަނީ ސައުދީ އަރަބިއްޔާގެ އަބްހާ އިންޓަނޭޝަނަލް އެއާޕޯޓަށް ބެލިސްޓިކް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ހަމަލާދީފަ އެވެ. މީގެ އިތުރުން، 12 އަހަރުވީ ސައުދީގެ ބަންދު ނިމުމަކަށް ގެނައުމަށްޓަކައި، ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކަނޑުގެ މަގުތައް ބަންދުކުރާނެކަންވެސް ހޫޘީން ވަނީ އިއުލާނުކޮށްފަ އެވެ.
ޔަމަނުގެ ހޫޘީންގެ ސުޕްރީމް ޕޮލިޓިކަލް ކައުންސިލްގެ ރައީސް މަހްދީ އަލް-މަޝާތު ވިދާޅުވީ، ހަނގުރާމަ ހުއްޓާލައި ސުލްހަ ގާއިމުކުރެވޭނެ ހަމައެކަނި މަގަކީ، އެއްވެސް ޝަރުތަކާ ނުލައި ސައުދީން ޔަމަނަށް ދެމުންދާ އުދުވާނީ ހަމަލާތަކާއި ބަންދު ހުއްޓާލުން ކަމަށެވެ.
"އުދުވާންތައް ކުރިއަށްދާނަމަ އަދި ބަންދު އުވާނުލާނަމަ، ދެކެވޭ އެއްވެސް ވާހަކައަކީ ނުވަތަ ވެވޭ އެއްބަސްވުމަކީ ހަގީގަތެއް ނެތް ހުވަފެނަކަށް ނޫނީ ނުވާނެ،" މަޝާތު ދާދިފަހުން އިންޒާރު ދެއްވި އެވެ.
ސައުދީ އަރަބިއްޔާއާއި އެ ގައުމުގެ އިއްތިހާދުން ޔަމަން ބަންދުކޮށް، ފުޅާ ދާއިރާއެއްގައި އަސްކަރީ ކެމްޕޭނެއް ފަށާފައިވަނީ 2015 ވަނ އަހަރުގެ މާޗް މަހުގެ 26 ވަނަ ދުވަހު އެވެ. މި އުދުވާނުގައި އެމެރިކާއާއި ހުޅަނގުގެ ބައެއް ގައުމުތަކުން ދަނީ ސައުދީއަށް އަސްކަރީ، ސިޔާސީ އަދި ލޮޖިސްޓިކް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.










