އީރާނުގެ ސަރުކާރު ވައްޓާލަން ރޭވި ރޭވުން ނާކާމިޔާބުވުމާ ގުޅިގެން އެކަމުގައި އިސްކޮށް އުޅުނު އިސްރާއީލުގެ މޮސާޑުގެ އެންމެ އިސް ދެ އޮފިޝަލަކު މަގާމުން ވަކިކޮށްފި
7 އޯގަސްޓު 2026 | ހުކުރު 09:33އީރާނުގެ ވެރިކަން ވައްޓާލުމަށް އިސްރާއީލާއި އެމެރިކާ ގުޅިގެން ހިންގި އަސްކަރީ އަދި ޖާސޫސީ އޮޕަރޭޝަންތައް ނާކާމިޔާބުވުމާ ގުޅިގެން، މޮސާޑުގެ އިސް ދެ އޮފިޝަލަކު މަގާމުން ވަކިކޮށްފި. މި ރޭވުންތަކުގެ ދަށުން ދިން ހަމަލާތަކަށް އީރާނުން ވަރުގަދަ ރައްދު ހަމަލާތަކެއް ދީފައިވާއިރު، މުހައްލިލުން ބުނާގޮތުގައި މިކަމުގެ ސަބަބުން އީރާނުގެ ބާރު ސަރަހައްދުގައި ވަނީ ކުރިއަށްވުރެ ގަދަވެފައި

އިސްރާއީލުގެ ޖާސޫސީ އިދާރާ މޮސާޑުގެ ލޯގޯ | އެލަމީ
އިސްރާއީލުގެ ޖާސޫސީ އިދާރާ، މޮސާޑުން ރޭވީ އީރާނުގެ ސަރުކާރު ވައްޓާލުމަށް ކަމަށާއި، ނަމަވެސް އެ ރޭވުން ނާކާމިޔާބުވުމާ ގުޅިގެން އެކަމުގައި އިސްކޮށް އުޅުނު އެ އިދާރާގެ އެންމެ އިސް ދެ އޮފިޝަލަކު މަގާމުން ވަކިކޮށްފި ކަމަށް އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.
އިސްރާއީލުގެ ޗެނަލް 12 އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މަގާމުން ވަކިކުރި އޮފިޝަލުންގެ ތެރޭގައި މިދިޔަ ޑިސެމްބަރު މަހުން ފެށިގެން މޮސާޑުގެ އިންޓެލިޖެންސް ޑައިރެކްޓްރޭޓްގެ ވެރިޔާގެ މަގާމުގައި ހުރި މީހާގެ އިތުރުން، އެ އިދާރާގެ އީރާނާ ބެހޭ ޑިވިޜަންގެ ވެރިޔާ ހިމެނެ އެވެ.
މި ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، މި ދެ އޮފިޝަލުންނަކީ ޓެރަރިސްޓް ޖަމާއަތްތަކުގެ ބޭނުން ހިފައިގެންނާއި އާންމުން މަގުތަކަށް ނެރެ މުޒާހަރާތައް އުފައްދައިގެން އީރާނުގެ އިސްލާމީ ޖުމްހޫރިއްޔާގެ ވެރިކަން ވައްޓާލުމަށް ތައްޔާރުކުރި އޮޕަރޭޝަނަލް ޕްލޭން އެކުލަވައިލުމުގައި އިސްކޮށް އުޅުނު ދެ މީހުންނެވެ.
މި ރޭވުމުގެ ދަށުން، އިރާގުގެ ކުރުދިސްތާން ސަރަހައްދާ އިންވެގެން އޮންނަ އީރާނުގެ ބޯޑަރު ކައިރީގައި ހުރި އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) ގެ މަރުކަޒުތަކަށް އިސްރާއީލުން ހަމަލާދިނުމަށް އޮތީ ނިންމާފަ އެވެ.
ނިއުޔޯކް ޓައިމްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ހަމަލާތަކުގެ ބޭނުމަކީ ކުރުދީ ޓެރަރިސްޓް ޖަމާއަތްތަކަށް އީރާނުގެ ސަރަހައްދަށް ވަދެގަތުމަށް މަގުފަހިކޮށްދީ، އެ ގައުމުގެ ހުޅަނގު އުތުރުގައިވާ ކުރުދީން ދިރިއުޅޭ ސިޓީތަކަށް އެމީހުން ފޮނުވުމެވެ.
އިސްރާއީލުގެ ޖާސޫސީ އިދާރާއިން ގަބޫލުކޮށްގެން ތިބީ މިފަދަ ހަމަލާތަކެއް ދިނުމުން، އީރާނުގެ ގިނަ އަދަދެއްގެ ރައްޔިތުން ސަރުކާރާ ދެކޮޅަށް މަގުތަކަށް ނުކުންނާނެ ކަމަށެވެ.
ނަމަވެސް، އީރާނުގެ އިންޓެލިޖެންސްގެ ވަރުގަދަކަމާއި ކުރިއެރުމުގެ ސަބަބުން، އިސްރާއީލުގެ މި ސިޔާސަތު ވަނީ މުޅިން ނާކާމިޔާބުވެފަ އެވެ.
އެމެރިކާއާއި އިސްރާއީލުން ގުޅިގެން މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އީރާނާ ދެކޮޅަށް ފެށި އުދުވާނީ ހަމަލާތަކުގައި، އީރާނުގެ އިސް އޮފިޝަލުންތަކެއް އަވަހާރަކޮށްލުމުގެ އިތުރުން މީނާބްގައި ހުންނަ ޕްރައިމަރީ ސުކޫލަކަށްވެސް ވަނީ ހަމަލާދީފަ އެވެ. މި ހަމަލާގައި 168 ކުދިންނާއި މުދައްރިސުން ވަނީ މަރުވެފަ އެވެ.
މިފަދަ ޓެރަރިސްޓް ހަމަލާތައް ދިން ނަމަވެސް، އެމެރިކާއާއި އިސްރާއީލުގެ އިއްތިހާދަށް އެމީހުން ބޭނުންވި އެއްވެސް މަގްސަދެއް ހާސިލެއް ނުކުރެވުނެވެ. އޭގެ ބަދަލުގައި އީރާނުން ވަނީ އެ ސަރަހައްދުގައި ހުރި އެމެރިކާއާއި އިސްރާއީލުގެ މަރުކަޒުތަކަށް ވަރުގަދަ ރައްދު ހަމަލާތަކެއް ދީފަ އެވެ. ހަނގުރާމައަށް 40 ދުވަސް ވީތަނާ، ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމަކަށް އަންނަން އިއްތިހާދަށް މަޖުބޫރުވިއިރު، މިއީ އެމީހުން ކަނޑައެޅި ލަނޑުދަނޑިތައް ހާސިލުނުވެ ނިމިގެންދިޔަ ހަނގުރާމައެކެވެ.
މީގެއިތުރުން، މާރިޗު މަހު އެމެރިކާއާއި އިސްރާއީލުން އީރާނަށް ދޭން ފެށި އުދުވާނީ ހަމަލާތަކުގެ ކުރީކޮޅު ލިބުނު ރިޕޯޓްތަކުން އެނގޭ ގޮތުގައި، އީރާނުގެ އެތެރޭގައި ހަމަނުޖެހުން އުފެއްދުމަށްޓަކައި އިރާގުގެ ކުރުދިސްތާނުގައި ތިބި ޓެރަރިސްޓް ޖަމާއަތްތަކަށް އެމެރިކާއިން ވަނީ ހަތިޔާރާއި ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.
ނަމަވެސް، ފަހުން ލިބުނު ރިޕޯޓްތަކާއި އެމެރިކާ ސަރުކާރުގެ އޮފިޝަލުންގެ ބަޔާންތަކުން އެނގޭ ގޮތުގައި، އެމެރިކާއާއި އިސްރާއީލުން ބޮޑެތި ހަތިޔާރާއި ފައިސާގެ އެހީ ދިން ނަމަވެސް، އެ ޓެރަރިސްޓުންނަށް އީރާނުގެ އެތެރޭގައި އެދެވޭ އެއްވެސް ކުރިއެރުމެއް ހޯދިފައެއް ނުވެ އެވެ.
ނިއުޔޯކް ޓައިމްސް އިން ބުނެފައިވާ ގޮތުގައި، އީރާނުގެ ސަރުކާރު އޮތީ ވެއްޓުމުގެ ތުންފަތްމަތީގައި ކަމަށް ބުނެ އިސްރާއީލުން ކުރި އުންމީދުތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުގެ އިސް ބޭފުޅުން ފަހުން ވަނީ ވިދާޅުވެފަ އެވެ.
ޓްރަމްޕްގެ ސަރުކާރުގައި ސީ.އައި.އޭ ގެ ވެރިޔާގެ މަގާމާއި ސެކްރެޓަރީ އޮފް ސްޓޭޓްގެ މަގާމު ފުރުއްވި ބޭފުޅުން ވަނީ، އީރާނުގެ "ވެރިކަން ބަދަލުކުރެވޭނެ" ކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވި ވާހަކަފުޅަކީ އެއްވެސް އަސާސެއް ނެތް، ބޭކާރު ވާހަކަތަކެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ.
އެހެންނަމަވެސް، އިސްރާއީލުން ވަނީ އީރާނަށް ހަމަލާދީފިނަމަ އެ ގައުމުގެ ސަރުކާރު ވެއްޓޭނެ ކަމަށް ބުނެ، ޓްރަމްޕްގެ ސަރުކާރަށް އެ ރޭވުން "ވިއްކައި"، އެމެރިކާގެ ރައީސް އެކަމަށް އެއްބަސްކުރުވާފަ އެވެ.
މި ހުރިހާ ރޭވުންތަކަކާއި އަސްކަރީ އުދުވާންތަކަށް ފަސް މަސް ދުވަސް ވެފައިވާއިރު، އީރާނުން ވަނީ އެ ހުރިހާ ކަމަކާ ކާމިޔާބުކަމާއެކު ކުރިމަތިލާފައެވެ. މުހައްލިލުން ފާހަގަކުރާ ގޮތުގައި، މި ހަނގުރާމައިގެ ސަބަބުން އެމެރިކާ ބަލިކަށިވެގެން ދިޔައިރު، ތެހެރާން ފެންނަނީ ކުރިއަށްވުރެ ވަރުގަދަކޮށެވެ.










